ކުޅިވަރު

ވަރލްޑް ކަޕަކީ ފުރުޞަތުތަކެއްގެ ފެށުން: އެމްބާޕޭ


ވަރލްޑް ކަޕް ފުޓްބޯޅަ މުބާރާތް ކާމިޔާބު ކުރުމަކީ އޭނާގެ ފުޓްބޯޅަ ހަޔާތް ކާމިޔާބު ދުވަސްތަކަކަށް ހެދުމަށް ހުޅުވުގެންދާ ފަހި ފުރުސަތުތަކެއް ފެށުން ކަމަށް ފްރާންސްގެ ޒުވާން ފޯވަޑް ކޭލިއަން އެމްބާޕޭ ބުނެފިއެވެ.

އުމުރުން އެންމެ 19 އަހަރުގައި އެމްޕާބޭ ވަރލްޑް ކަޕް ކާމިޔާބުކުރިއިރު އޭނާ ވަނީ ކުރިމަގަށް އުއްމީދީ މެސެޖްތަކެއް ދީފައެވެ.
މުބާރާތުގެ ފައިނަލް މެޗުގައި ކްރޮއޭޝިޔާ ކޮޅަށް އޭނާ ޖެހި ލަނޑާއެކު ވަރލްޑް ކަޕުގައި ކުޅުނު ފުރަތަމަ ފަހަރު އޭނާ ނިންމާލީ ތަށްޓާވެސް އެކު ހަތަރު ގޯލު ޖަހައިގެންނެވެ. ފައިނަލް މެޗުގައި ޖެހި ގޯލަކީ ބްރެޒިލްގެ މަޝްހޫރު ޕެލޭއަށް ފަހު 19 އަހަރުގައި ކުޅުންތެރިއަކު ފައިނަލެއްގައި ޖެހި ފުރަތަމަ ގޯލެވެ. މިހެންވެ ޕެލޭ ވެސް ވަނީ އެމްބާޕޭއަށް ތައުރީފްކޮށްފަ އެވެ.

"ކޭލިއަމް (އެމްބާޕޭ) އެގޮތަށް ކުޅެ ގޯލު ޖަހާކަމަށްވަނީނަމަ އަހަރެން ޖެހިދާނެ އަލުން އަހަރެންގެ ފުޓްބޯޅަ ބޫޓުގެ ހިރަފުސްފޮޅައި ބޫޓަށް އަރަން. އޭނާއަށް އަހަރެން މަރުހަބާކިޔަން. ކުރިމަގު އޮތީ ވަރަށް އުޖާލާކޮށް،" ޕެލޭ ބުނެފައިވެއެވެ.

މުބާރާތުގައި އޭނާ ދެއްކި މޮޅު ކުޅުމާއެކު ވަރލްޑް ކަޕުގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާއަށް ވެސް ހޮވާފައިވަނީ އެމްބާޕޭއެވެ. އޭނާ އަކީ ދުނިޔޭގެ ދެ ވަނައަށް އެންމެ އަގުބޮޑުކޮށް ކުލަބު ބަދަލުކުރި ކުޅުންތެރިޔާއެވެ. މިހެންވެ އޭނާ ގަތުމަށް ސްޕޭނުގެ ރެއާލް މެޑްރިޑްވެސް އޮތީ ތައްޔާރަށެވެ. އެކަމަކު އެމްބާޕޭ ވަނީ ފްރާންސްގެ ޕީއެސްޖީގައި ކުރިއަށް އޮތް ސީޒަނުގައި ހުންނާނެ ކަމުގެ ޔަޤީންކަން ދީފައެވެ.
އޭނާއާ ބެހޭ ގޮތުން ފްރާންސްގެ ކޯޗު ޑިޑިއޭ ޑެޝޯން ބުނީ އެމްބާޕޭ އަކީ އިތުރު ވަރލްޑް ކަޕެއް ކާމިޔާބު ކުރެވިދާނެ ކުޅުންތެރިއެއް ކަމަށެވެ.

"އޭނާގެ އުމުރުން އަދި އެންމެ 19 އަހަރު. އޭނާއަށް އަދި އެއް ވަރލްޑް ކަޕް ކާމިޔާބު ކުރުމުގެ ފުރުސަތު ކިތަންމެހާ ވެސް ރަނގަޅަށް އެބައޮތް. އެކަން ކުރެވިދާނެ. އެކަމަކު ކުރިމަގުގައި ވާނެގޮތް ބުނާކަށް އެކަކަށް ވެސް ނޭނގޭނެ،" ކޯޗު ބުންޏެވެ.

1998 ވަނަ އަހަރުގެ ވަރލްޑް ކަޕް ފްރާންސް ކާމިޔާބު ކުރިއިރު ޑެޝޯން އަކީ އޭރުގެ ކެޕްޓަނެވެ. އޭނާ ބުނީ އެ ޓީމުގައި ވެސް ޒުވާން ކުޅުންތެރިން ތިބި ކަމަށާއި އެކަމަކު އިތުރު ވޯލްޑް ކަޕެއް ކާމިޔާބު ނުކުރެވުނު ކަމަށެވެ.

"މިސާލަކަށް ބަލާ އެ ޓީމުގައި 20 އަހަރުގެ ކުޅުންތެރިން ތިބި. ތިއޭރީ އޮންރީ އާއި ޑޭވިޑް ޓްރެޒެގޭ އަކީ އެއިރު ޅަކުދިން. އެމީހުންނަށް ވެސް އިތުރު ވަރލްޑް ކަޕެއް ކާމިޔާބު ކުރަން ފުރުސަތު އޮތް. އެކަމަކު އެކަމެއްނުވި. އެހެންވީމަ ކުރިއަށްވާނެ ގޮތެއް ބުނާކަށް ނޭނގެ. އެމްބާޕޭ އަކީ މުސްތަޤްބަލް އޮތް ކުޅުންތެރިއެއް،" ޑެޝޯން ބުންޏެވެ.