ޚަބަރު

ގައިންގަޔަށް އަރާ ބަލިތައް ފެތުރޭ މިންވަރު މަދުވެއްޖެ


މިއަހަރުގެ ޖޫންމަހުގެ ނިޔަލަށް ގައިން ގަޔަށް އަރާ ބަލިތައް ރިޕޯޓް ކުރި މިންވަރު މަދުވެފައިވާކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފިއެވެ.

އެޗްޕީއޭ އިން ނެރުނު ތަފާސް ހިސާބުތަކުގައި ބުނެފައި ވަނީ މިއަހަރުގެ ކުރީކޮޅު ގައިން ގަޔަށް އަރާ ބަލިތައް ފެތުރުނު މިންވަރު އިތުރުވި ނަމަވެސް، ޖޫން މަހުގެ ނިޔަލަަށް އެފަދަ ބަލިތައް ރިޕޯޓްކުރި ޢަދަދު މަދުވެފައިވާ ކަމަށެވެ.

އެޗްޕީއޭއިން ބުނީ މިދިޔަ އޭޕްރީލް މަހުގެ ފަހުކޮޅުން ފެށިގެން މެއި މަހުގެ ނިޔަލަށް ޑެންގީ އާއި، ވައިރަލް ހުން އަދި އަރިދަފުސް ރޯގާ ފެތުރުނު މިންވަރު ގިނަ ކަމަށާ، އެހެން ނަމަވެސް ވައިރަލް ހުން ޖެހިގެން ރިޕޯޓްކުރި ޢަދަދު ޖޫންމަހު މަދުވެފައިވާކަމަށެވެ.

މި އަހަރުގެ ކުރީކޮޅު ބޭރަށް ހިންގުން ގިނަނަމަވެސް، ފެބުރުއަރީމަހާއި މާރޗްމަހުގެ ނިޔަލަށް އެޢަދަދުތައް ދައްވެފައިވާކަމަށްވެސް އެޗްޕީއޭއިން ބުނެއެވެ. އަދި ބޭރަށް ހިންގުން މެއިމަހާ އަޅާބަލާއިރު، ޖޫންމަހު ކޮންމެވެސް ވަރަކަށް އިތުރުވެފައިވާކަން އެޗްޕީއޭއިންވަނީ ފާހަގަކޮށްފައެވެ.