ވިޔަފާރި

އިންވެސްޓަރުން ރާއްޖެ ގެނައުމަކީ ރައްޔިތުން ކަންބޮވާން ޖެހޭ ކަމެއް ނޫން -





 


ރާއްޖޭގައި އިޤްތިސާދީ ހާއްސަ ސަރަހައްދުތަކެއް ހަދައި، އިންވެސްޓަރުން ރާއްޖެ ގެނައުމަކީ ރައްޔިތުން ކަންބޮވާން ޖެހޭ ކަމެއް ނޫންކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ.


 
މިރާގެ ހަތަރުވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ރޭ ދަރުބާރުގޭގައި އޮތް ހާއްސަ ރަސްމިއްޔާތުގައި އިޤްތިސާދީ ހާއްސަ ސަރަހައްދުތައް ތަރައްޤީކުރުމާއި ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އިޤްތިސާދީ ހާއްސަ ސަރަހައްދުތަކެއް ތަރައްޤީކުރުމުން ޤާނޫނު އަސާސީގެ ބާރު ކެނޑިގެން ނުދާނެ ކަމަށެވެ. އަދި ރާއްޖޭގައި އަމަލުކުރަމުންދާ އުސޫލުތަކަށްވެސް ބަދަލުނާންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ.


 
އިޤްތިސާދީ ހާއްސަ ސަރަހައްދުތަކެއް ތަރައްޤީކުރުމަށް ޤާނޫނެއް ހެދުމަށް މިހާރު މަޖިލީހަށް ހުށަހަޅާފައިވާ ބިލަށް އިދިކޮޅު ފަރާތްތަކުން ދަނީ ފާޑުކިޔުންތައް ރައްދުކުރަމުންނެވެ.


ރައީސް ވިދާޅުވީ، އިޤްތިސާދީ ހާއްސަ ސަރަހައްދުތަކެއް ހަދަނީ ތަފާތު މަޝްރުޢޫތައް ރާއްޖޭގައި ކުރިއަށް ގެންގޮސް އިޤްތިސާދު ފުޅާކުރުމަށް ކުރެވޭ މަސައްކަތުގެ ދަށުން ކަމަށެވެ.


 


މިހާރު މަޖިލީހުގެ މާލިއްޔަތު ކޮމެޓީގައިވާ ސްޕެޝަލް އެކޮނޮމިކް ޒޯން ބިލްގައި ވާގޮތުން ރާއްޖޭގެ ތިން ސަރަހައްދެއް މިގޮތުގެ މަތިން ތަރައްޤީކުރެވޭނެއެވެ.