ޚަބަރު

ސްރީލަންކާގެ ގިޓާ ފެސްޓިވަލަށް މިފަހަރުވެސް ޝަހީދު ލެގަސީ


މިއަހަރުގެ "ގިޓާ އެންޑް ފޯކް މިއުޒިކް ފެސްޓިވަލް"ގައި ރާއްޖެ ތަމްސީލްކޮށް، ސްރީލަންކާގެ 10 ސަރަޙައްދެއްގައި ޕާރފޯމްކުރާނެކަމަށް ރާއްޖޭގެ މަޝްހޫރު ގިޓަރިސްޓް، އަޙްމަދު ޝަހީދު ބުނެފިއެވެ. ސްރީލަންކާގައި ބާއްވާ މިފެސްޓިވަލަކީ ދުނިޔޭގެ އެކި ޤައުމުތަކުގެ މަޝްހޫރު ގިޓަރިސްޓުންގެ ހުނަރުތައް ދައްކުވައިދޭ ޕްލެޓްފޯމެކެވެ.

"ގިޓާ އެންޑް ފޯކް މިއުޒިކް ފެސްޓިވަލް"އަކީ ސްރީލަންކާގެ ގިޓާ އެސޯސިއޭޝަނާއި އެޤައުމުގެ މިނިސްޓްރީ އޮފް ކަލްޗަރަލް އެފެއަރޒް ގުޅިގެން ބާއްވާ ފެސްޓިވަލެކެވެ. މިއީ މިފެސްޓިވަލް ބާއްވާ 8 ވަނަ ފަހަރެވެ. މިފެސްޓިވަލުގައި މިދިޔަ އަހަރުވެސް ރާއްޖޭގެ މަޝްހޫރު ގިޓަރިސްޓް އަޙްމަދު ޝަހީދު މިއުޒިކީ ނަމުންނަމަ ޝަހީދު ލެގަސީވަނީ ޕާރފޯމްކޮށްފައެވެ. ނަމަވެސް އެފަހަރު ހަމައެކަނި ޕާރފޯމްކުރީ ކޮލޮންބޯގައި އޮތް ޝޯވތަކުގައިކަމަށް އޭނާ މަޢުލޫމާތުދިނެވެ. ނަމަވެސް މިފަހަރުގެ ޝޯވގައި ރާއްޖެ ތަމްސީލްކޮށް ސްރީލަންކާގެ 10 ވެނިއުއެއްގައި ބާއްވާ ދިހަ ޝޯވއެއްގައި ކުޅުމަށްވަނީ ހަމަޖެހިފައެވެ.

މިޓުއަރއާ ބެހޭ ގޮތުން މީޑިޔާއަށް މަޢުލޫމާތު ދެމުން ޝަހީދު ބުނީ މިއީ ކޮންމެ އާރޓިސްޓަކުވިޔަސް ހޯދަން އުޅެފިނަމަ ލިބޭނެ ފުރުސަތެއްކަމަށެވެ. އަދި މިޓުއަރގައި އޭނާގެ އަމިއްލަ ރާގުގެ ގިނަ ލަވަތަކެއް ކުޅޭނެކަމަށާ، މިއީ ހަމައެކަނި ގިޓާގެ ހުނަރުވެރިކަން ދައްކުވައިދޭ ޝޯވއެއްކަމަށްވެސް އޭނާ ބުންޏެވެ.

މިޝޯވއަށް މިހާރުވެސް ދިވަހިންނާއި ސްރީލަންކާގެ ރައްޔިތުންގެ ތަރުހީބު ވަރަށްބޮޑުކަން ޝަހީދު ފާހަގަކުރިއެވެ. އަޙްމަދު ޝަހީދު ނުވަތަ ޝަހިދު ލެގަސިއަކީ ރާއްޖޭގެ މަޝްހޫރު ދެ ބޭންޑެއް ކަމަށްވާ މެޓަލް ބޭންޑާއި ސެކްރެޑް ލެގަސީގެ ފައުންޑާއެވެ. އޭނާއަކީ މިހާރު ގްރެވިޓީ ބޭންޑުގެ ގިޓަރިސްޓެކެވެ.

އޭނާ ބައިވެރިވާ ސްރީލަންކާގެ ޓުއާ ކުރިއަށްދާނީ މި މަހު 18 އިން 28 އަށެވެ. މި ޓުއާގެ ދަށުން ކޮލޮމްބޯ ކޮންސެޓު އޮންނާނީ މި މަހު 21 ގައި އެޤައުމުގައި ހުންނަ ރަޝިއާ ސެންޓަރުގައެވެ. މިއީ ހަމައެކަނި އިންސްޓްރޫމަންޓަލް، ގިޓާގެ ހުނަރު ދައްކާލުމަށް ބާއްބާ ފެސްޓިވަލެކެވެ. މިއީ ވަނުން ހިލޭ ހަމަޖެހިފައި ވާ ފެސްޓިވަލަކަށްވާއިރު، މި ފެސްޓިވަލްގައި އެކި ސްޓައިލްގެ މިއުޒިކް ކުޅުމަށްވަނީ ހަމަޖެހިފައެވެ. މި ފެސްޓިވަލްގައި ރަޝިއާ، އިންޑިއާ، އީރާން، ފަލަސްޠީން އަދި ޖަޕާނުގެ ގިޓަރިސްޓުން ޕާފޯމްކުރާނެއެވެ.