ޚަބަރު

ޕީ.އެސް.އެމް މުވައްޒަފުން ތަމްރީނުކުރުމަށް ޗައިނާ އެމްބަސީއާއެކު މަޝްވަރާކޮށްފި


ޕަބްލިކް ސަރވިސް މީޑިއާ، ޕީ.އެސް.އެމްގެ ނޫސްވެރިންނާއި، ފަންނީ މުވައްޒަފުންނަށް އެކި ދާއިރާތަކުން ބޭނުންވާ ތަމްރީނުގެ އިތުރު ފުރުޞަތުތައް ތަނަވަސްކުރުމާއި ގުޅޭގޮތުން ދިވެހިރާއްޖޭގައި ހުންނަ ޗައިނާ އެމްބަސީއާއެކު ޕީ.އެސް.އެމްގެ މެނޭޖްމަންޓުން މަޝްވަރާކޮށްފިއެވެ.

މި މަޝްވަރާ ބައްދަލުކުރެއްވުން އޮތީ މިއަދު މެންދުރު ދިވެހިރާއްޖޭގައި ހުންނަ ޗައިނާ އެމްބަސީގައެވެ. މި މަޝްވަރާތަކުގައި ޕީ.އެސް.އެމްގެ ފަރާތުން އެންމެ އިސްކޮށް ބައިވެރިވެވަޑައިގަތީ މެނޭޖިންގ ޑިރެކްޓަރ ޢިބްރާހީމް ޚަލީލެވެ. އަދި ޗައިނާ އެމްބަސީގެ ފަރާތުން ބައިވެރިވެވަޑައިގަތަކީ ޗައިނާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ޒަންގ ލީޒޮންގއެވެ.

މި ބައްދަލުކުރެއްވުމުގައި މައިގަނޑުގޮތެއްގައި މަޝްވަރާކުރެވުނު ކަންތައްތަކުގެ ތެރޭގައި، ޕީ.އެސް.އެމްގެ ނޫސްވެރިންނާއި، ޕްރޮޑަކްޝަން ޓީމުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް މިހާރަށްވުރެ ގިނައިން ޗައިނާގެ އެކި ސިޓީތަކަށް ޒިޔާރަތްކުރުމުގެ ފުރުޞަތު ފަހިކޮށްދީ، ޗައިނާގެ ރައްޔިތުންގެ ދިރިއުޅުމުގެ ވަށްޓަފާޅިއާއި، އުފެއްދުންތެރިކަމާގުޅުން ހުރި ތަފާތު ޕްރޮގްރާމުތަކާއި، ޑޮކިއުމަންޓްރީތައް އުފެއްދުން ހިމެނެއެވެ.

އަދި ޗައިނާގެ ޤައުމީ މީޑިއާއާއި، އެހެނިހެން މީޑިއާތަކަށްވެސް ރާއްޖެއަށް ޒިޔާރަތްކޮށް، ދިވެހިންގެ ޘަޤާފަތާއި، އާދަކާދައާއި ގުޅުންގުރި ތަފާތު ޕްރޮގްރާމުތަކާއި ޑޮކިއުމެންޓްރީ ތައްޔާރު ކުރުމާއި ގުޅޭގޮތުން ވަނީ މަޝްވަރާކޮށްފައެވެ.
މީގެ އިތުރުން، ޗައިނާގެ ފަންނުވެރިން ރާއްޖެއަށް ޒިޔާރަތްކޮށް، އެމީހުންގެ ހުނަރު ދައްކާލުމުގެ ބައެއް ޚާއްޞަ ޙަރަކާތްތައް ރާއްޖޭގައި ރާވާ ހިންގުމާއި ގުޅޭގޮތުންވެސް ދެފަރާތުން ވަނީ މަޝްވަރާކޮށްފައެވެ.

މި ބައްދަލުކުރެއްވުމުގައި ޕީ.އެސް.އެމްގެ މެނޭޖްމަންޓުގެ ފަރާތުން، މެނޭޖިންގ ޑިރެކްޓަރ ޢިބްރާހީމް ޚަލީލުގެ އިތުރުން، ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު އިކްރާމް ޢަބްދުލްލަޠީފާއި، ޗީފް އޮޕަރޭޝަން އޮފިސަރ މުޙައްމަދު ސަޢީދުގެ އިތުރުން، ޑިރެކްޓަރ އީ-ކޮމާސް އެންޑް މާކެޓިންގ ޢިބްރާހީމް ނަސްރީން ބައިވެރިވެފައެވެ.

ޗައިނާ އެމްބަސީ މެދުވެރިކޮށް ޕީ.އެސް.އެމްގެ މުވައްޒަފުންނަށް ތަމްރީނުގެ އެކި ފުރުޞަތުތައް މިހާރުވެސް ލިބެމުން އަންނަކަން ފާހަގަކޮށްލަންޖެހެއެވެ.