ޚަބަރު

2ވަނަ އިންޓަރނޭޝަނަލް ޓޫރިޒަމް ފިލްމް ފެސްޓިވަލް އަންނަ ސެޕްޓެމްބަރު މަހު


2ވަނަ އިންޓަރނޭޝަނަލް ޓޫރިޒަމް ފިލްމް ފެސްޓިވަލް ސެޕްޓެމްބަރު މަހު ބޭއްވުމަށް ނިންމައިފިއެވެ.

"ފޮލޯވިންގ ދަ އީކުއޭޓަރ"ގެ ނަމުގައި ބާއްވާ އިންޓަރނޭޝަނަލް ޓޫރިޒަމް ފިލްމް ފެސްޓިވަލަކީ ސަން ސިޔާމް ގްރޫޕުން އިންތިޒާމްކޮށްގެން ކުރިޔަށް ގެންދާ ފެސްޓިވަލެކެވެ. މިފެސްޓިވަލްގެ ދެވަނަ ބައި ބާއްވަނީ އަންނަ ސެޕްޓެންބަރު މަހުގެ 6-8އަށް ސަން ސިޔާމް އިރުފުށި ރިސޯޓުގައެވެ. މިފެސްޓިވަލުގެ މަޤްސަދަކީ ތިމާވެއްޓާ ފަތުރުވެރިކަމުގެ ދާއިރާއިން ރާއްޖެ އިޝްތިހާރުކުރުމާ، ފަތުރުވެރިކަމުގެ ދާއިރާގެ އިޝްތިހާރުކުރުމަށް މަގުފަހިކޮށް، ފަތުުރުވެރިކަމާގުޅުންހުރި އެކިދާއިރާތަކުގައި މަސައްކަތްކުރާ ފަރާތްތައް އެއްފުރާޅެއްގެ ދަށަށް ގެނެވޭނެ މާޙައުލެއް ޤާއިމުކުރުމެވެ.

މިފެސްޓިވަލުގައި މިއަހަރުވެސް ތިމާވެއްޓާ ޓުއަރިޒަމާ ގުޅުންހުރި ކުރު ފިލްމްތަކާ، ޑޮކިއުމަންޓްރީއާއި ވީޑިއޯ ސްޕޮޓްތައް ސްކްރީން ކުރުމަށް ވަނީ ހަމަޖެހިފައެވެ. ފެސްޓިވަލުގައި 10 ކެޓަގަރީއަކުން ވަނަ ދިނުމަށް ހަމަޖެހިފައިވާއިރު، ބައިވެރިކުރާ ޑޮކިއުމެންޓްރީ، ފިލްމް އަދި ވީޑިއޯތަކުގެ ތެރެއިން ވަނަވަނައަށްދާ ފަރާތްތައް ހޮވުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރު،މަހުގެ 8ވަނަ ދުވަހު ބާއްވާ ގާލާ އިވެންޓުގެ ތެރެއިންނެވެ. މިއަހަރުގެ ފެސްޓިވަލުގައިވެސް ރާއްޖެއާ ރާއްޖެއިން ބޭރުގެ ފަތުރުވެރިކަމާ، ފިލްމް އުފެއްދުމާއި ފަތުރުވެރިކަމާއި ގުޅުންހުރި ތަފާތު އެކި ދާއިރާތަކުގެ ތަޖުރިބާކާރުން ހިމެނެއެވެ.

މީގެތެރޭގައި ރާއްޖޭއިން ބައިވެރިވާ ފަރާތްތަކުގެ ތެރޭގައި ސަން ސިޔާމް ގްރޫމްގެ ޗެއަރމަން އަދި މެނޭޖިން ޑިރެކްޓަރ އަހުމަދު ސިޔާމް މުހައްމަދު، ރާއްޖޭގެ ފިލްމް އެސޯސީއޭޝަންގެ ފަރާތުން މަޝްހޫރު ޑިރެކްޓަރ – އަބްދުލް ފައްތާޙް އަބްދުލް ޤައްޔޫމް، އެކްޓަރ، ޖުމައްޔިލް ނިމާލް އަދި ރާއްޖޭގެ އަމިއްލަ ޖަމުއިއްޔާއެއްކަމަށްވާ ރަފީގެ ރައީސް ޑރ އައިޝަތު ރަފިއްޔާ ހިމެނެއެވެ.