ޚަބަރު

އިސްރާއީލާ ދެކޮޅަށް ދިވެހި ދިދަ ވިހުރާލި ފަލަސްތީނު ޒުވާނާ ޝަހީދުކޮށްލައިފި


ފަލަސްތީނުގެ ރައްޔިތުންގެ ހައްޤުގައި މިދިޔަ މާރޗް މަހުން ފެށިގެން ސިލްސިލާ ގޮތެއްގައި ކުރަމުންދާ ވަރުގަދަ މުޒާހަރާއެއްގެ ތެރޭގައި ދިވެހި ދިދަ ވިހުރުވާލި ފަލަސްތީން ޒުވާނަކު ޝަހީދު ވެއްޖެއެވެ. އުމުރުން 29 އަހަރުގެ އުސާމާ އަބޫ ޚާތިރް ނަމަކަށް ކިޔާ ޒުވާނާއަކީ ފަލަސްތީން ރައްޔިތުންގެ ހައްޤުގައި ދިވެހިން ކުރަމުންދާ މަސައްކަތް ފާހަގަކޮށް ޕްރިންޓްކޮށްފައިވާ ދިވެހި ދިދަ އިސްރާއީލު ސިފައިންގެ ކުރިމަތީގައި ވިހުރުވާލި ޒުވާނެކެވެ.

ރިޕޯޓްތަށް ބުނާގޮތުން އުސާމާ ޝަހީދުވެފައިވަނީ މިދިޔަ ޖޫން މަހުގެ 22 ވަނަ ދުވަހު އިސްރާއީލްއާއި ޣާޒާ ގުޅޭ ބޯޑަރު ކައިރީގައި ކުރި މުޒާހަރާތަކުގައި އޭނާއަށް އަމާޒުވި ބަޑީގެ ހަމަލާތަކުން ލިބުނު ޒަޚަމްތަކަށް ފަރުވާދެމުންދަނިކޮށް އޭގެ ދެދުވަސްފަހުން ޖޫން 24 ވަނަ ދުވަހުއެވެ.

ފަލަސްތީނުގެ ބިންތަކުގައި އިސްރާއީލުގެ ހައްދުފަހަނައަޅާފައިވާ ޔަހޫދީން ހިންގަމުންގެންދާ ލާއިންސާނީ ޢުދުވާނުތަކުގައި ޙާލުގައި ޖެހޭ ފަލަސްޠީނުގެ ރައްޔިތުންނަށް އެހީވުމަށް ދިވެހި ރައްޔިތުންދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން އދ އާއި ބައިނަލްއަޤްވާމީ މުޖުތަމަޢުގައިވެސް ދިވެހިރާއްޖެއިން ގެންދަނީ ފަލަސްޠީނުގެ މިނިވަންކަމަށް ވަކާލާތު ކުރަމުންނެވެ. އަދި އިސްރާއީލުގެ އަނިޔާވެރި ސިފައިން ފަލަސްތީނުގައި ހިންގަމުންދާ ހައްދުފަހަނައަޅާފައިވާ ޖަރީމާތައް ކުށްވެރިކޮށް އެކަމަށް ފިޔަވަޅު އެޅުމަށްވެސް މި ކުޑަކުޑަ ރާއްޖެއިން ދަނީ ގޮވާލަމުންނެވެ. އަދި ފަހަކަށްއައިސް ރާއްޖެ ފާހަގަވެފައިވަނީ ދުނިޔޭގެ ބޮޑެތި ބާރުތަކުގެ ކުރިމަތީގައި ފަލަސްޠީނުގެ ހައްޤުގައި ކެރިގެން ވަކާލާތުކުރާ ޤައުމެއްގެ ގޮތުގައެވެ.

ދިވެހިންތަކެއް އިސްނަގައިގެން އުފައްދާފައިވާ އިންޓަނޭޝަނަލް އެއިޑް ކެމްޕޭނުން (އައިއޭސީ)އިންވެސް ގެންދަނީ ޣައްޒާގެ މުސްލިމުންނަށް އެހީވުމުގެ ގޮތުން ލޯތްބާއިއެކު ކެމްޕޭންގެ ދަށުން ކާމިޔާބު ޙަރަކާތްތަކެއް ހިންގަމުންނެވެ. އެގޮތުން ޣައްޒާގެ ހާލުގައި ޖެހިފައިވާ ރައްޔިތުންނަށް ގިނަ ވަގުތު ކަރަންޓު ފޯރުކޮށްދިނުމަށް އެހީވުމަށް ކެމްޕޭނެއް ކުރިއަށް ގެންގޮސްފައެވެ. މި ކެމްޕެއިންގެ ދަށުން ޣާޒާގެ ރައްޔިތުނަށް 10 ގަޑިއިރަށް ކަރަންޓް ފޯރުކޮށްދިނުމަށްޓަކައި އެހީތެރިވެދޭން ބޭނުންވާ ކޮންމެ މީހަކު މަދުވެގެން 50 ޑޮލަރު އެހީގެ ގޮތުގައި ދިނުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ.

މީގެ އިތުރުން ޣާޒާގެ ރައްޔިތުންނަށް ސާފު ބޯފެން ރައްކާކުރާނެ ހަން ފޯރުކޮށްދިނުމަށް ހިންގާ ކެމްޕެއިންގެ ދަށުން 125 އާއިލާއަކަށް ހަން ފޯރުކޮށްދިނުމުގެ މަސައްކަތް އެ ޖަމްއިއްޔާއިން ވަނީ ފަށާފައެވެ. ޖޫންމަހުގެ 21 ވަނަ ދުވަހު ފެށި މިކެމްޕޭންގައި އައޭސީ އިން ވަނީ 40 ޑޮލަރު ހަދިޔާކޮށްގެން ޣައްޒާގެ އާއިލާއަކަށް 250 ލީޓަރުގެ ފެން ރައްކާކުރެވޭ ހަމެއް ހަދިޔާ ކުރުމުގެ އިންތިޒާމް ހަމަޖައްސައިދީފައިވެއެވެ.