ކުޅިވަރު

ފްރާންސް ކުޅުންތެރިން ތިބީ ހަމަބިމުގައި - ލޮރިސް


ފްރާންސްގެ ކުޅުންތެރިން ތިބީ މަތިވެރި އުއްމީދުތަކެއްގައި އެކަމަކު ހަމަބިމުގައި ކަމަށް ކެޕްޓަން ހޫގޯ ލޮރިސް ބުނެފި އެވެ.

ކްރޮއޭޝިޔާއާ ދެކޮޅަށް ކުޅޭ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލް މެޗުގެ ކުރިން ވާހަކަ ދައްކަމުން ލޮރިސް ބުނީ ފްރާންސްގައި ވަރަށް ބޮޑަށް ފޯރިނަގަމުން އަންނަކަން ކުޅުންތެރިންނަށް އެނގޭ ކަމަށެވެ.

"އެކަމަކު އަހަރުމެންގެ ތެރޭގައި އެފޯރިއެއް އަދި ނެތް. އަހަރުމެން މިތިބީ ހަމަ ބިމުގައި. މާދަމާ (މިއަދު)ގެ މެޗަކީ މި އަހަރުގެ އެންމެ މުހިންމު މެޗު. އެ މެޗު ކާމިޔާބު ކުރުން އެންމެ މުހިންމު ކަމަކީ،" ޓީމުގެ ގޯލްކީޕަރު ބުންޏެވެ.
އޭނާ ބުނީ ސެމީ ފައިނަލުގައި ބެލްޖިއަމް އަތުން މޮޅުވުމުން އުފާކުރެވިދާނެ ކަމަށާއި ނަމަވެސް ފައިނަލްގައި ނުކުންނަ ކްރޮއޭޝިޔާ އަކީ ވަރަށް މޮޅު ޓީމެއް ކަމަށެވެ.

"އަހަރުމެން މާދަމާ (މިއަދު) މިކުޅޭ ޓީމަކީ ހުރިހާ ގޮތަކުން ވެސް މޮޅު ޓީމެއް. ވަރަށް ތަޖުރިބާކާރު ޓީމެއް. އެމީހުން މުބާރާތުގެ ފައިނަލް މެޗުގައި ކުޅުމަކީ ހުރިހާ ގޮތަކުން ވެސް ހައްގު ކަމެއް. ނަފްސާނީ ގޮތުންނާއި ޖިސްމާނީގޮތުން ވެސް އެމީހުންނަކީ މޮޅު ޓީމެއް،" ޓޮޓެންހަމުގެ ކީޕަރު ބުންޏެވެ.

ލޮރިސް އަކީ މީގެ ދެ އަހަރު ކުރިން އަމިއްލް ގައުމުގެ ކުޅުނު ޔޫރޯ ފައިނަލުން ބަލިވި ފްރާންސްގެ ޓީމުގެ ވެސް ކެޕްޓަނެވެ. އެފަހރުގެ ޓީމު ބަލިވި ނަމަވެސް މިފަހަރު ބަލިނުވާނެކަމުގެ އިޝާރާތެއް ވެސް އޭނާ ވަނީ ކޮށްފަ އެވެ.

"ޔޫރޯ އެއީ ހަގީގަތުގައި ވެސް އަހަރުމެންގެ ވަރަށް ގިނަ ކުޅުންތެރިންނަށް އާ މުބާރާތެއް. ހާއްސަކޮށް ފައިނަލް މެޗު. އެކަމަކު މިފަހަރު އެހެންވިޔަ ނުދޭން އަހަރުމެން މިތިބީ ތައްޔާރުވެގެން،" ލޮރިސް ބުންޏެވެ.

ފްރާންސަކީ 1998 ވަނަ އަހަރުގެ ވޯލްޑް ކަޕުގެ ޗެމްޕިއަން ޓީމެކެވެ. އޭގެ ފަހުން އެ ގައުމު ވަނީ 2006ގެ ފައިނަލްގައި ކުޅެ ބަލިވެފަ އެވެ.