ޚަބަރު

ތުއާމް ލުއާންގް ހޮހޮޅައިން ސަލާމަތްކުރި ޓީމާއި ކޯޗު ބުރާސްފަތި ދުވަހު ހޮސްޕިޓަލުން ދޫކޮށްލާނެ


ތައިލަންޑްގެ ތުއާމް ލުއާންގް ހޮހޮޅައިގައި ތާށިވެފައިވަނިކޮށް ސަލާމަތްކުރި ބާރަ ކުޑަކުދިންނާއި އެކުދިންގެ ކޯޗުގެ ޙާލު މިހާރު ދަނީ ރަނގަޅުވަމުންކަމަށާއި، ފެށޭ ހަފުތާގެ ބުރާސްފަތި ދުވަހު އެކުދިން ގެއަށް ދޫކޮށްލާނެކަމަށް، ތައިލަންޑްގެ ހެލްތު މިނިސްޓަރު ވިދާޅުވެއްޖެއެވެ.

ހެލްތު މިނިސްޓަރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަނީ، އެކުދިންގެ ވީޑިއޯއެއް ދައްކާލާފައެވެ. ހޮސްޕިޓަލުގެ އެނދުތަކުގައި އެކުދިން އިށީނދެ ތިއްބާ ފެނަން ވީޑިއޯގައި އެކުދިން ވަނީ، އެ ކުދިން ސަލާމަތްކޮށްދިން ޓީމަށް ޝުކުރު އަދާކޮށްފައެވެ.

އެގާރަ އަހަރާއި ސޯޅަ އަހަރާ ދެމެދުގެ އެ ބާރަ ކުދިންނާއި އެކުދިންގެ ފަންސަވީސް އަހަރުގެ ކޯޗު ތުއާމް ލުއާންގް ހޮހޮޅައަށް ވަނީ، ޖޫން މަހުގެ ތޭވީސް ވަނަ ދުވަހުގެ ފަރިތަކުރުން ނިންމުމަށްފަހު، އެ ހޮހޮޅަ ބަލާލަން ނިންމައިގެންނެވެ.

އެހެންނަމަވެސް ހޮހޮޅައިގައި ތިއްބާ ބޯކޮށް ވާރޭވެހި ހޮހޮޅައިގައި ފެންބޮޑުވުމުން، ނިކުންނާނޭ މަގު ބަންދުވެ އެ ހޮހޮޅައިގައި އެކުދިންނާއި ކޯޗު ތާށިއެވެ. ތުއާމް ލުއާންގް ހޮހޮޅައިގައި ތާށިވެފައިތިބި ހުރިހާ ކުދިންނާއި އެކުދިންގެ ކޯޗު ސަލާމަތްކުރަން ހިންގި އޮޕަރޭޝަން ކާމިޔާބުކަމާއެކު ނިންމާލާފައިވަނީ ޖުލައި މަހުގެ ދިހަ ވަނަ ދުވަހެވެ.