ޚަބަރު

އިލެކްޝަންސް ކޮމިޝަނުގެ މެމްބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި


އިލެކްޝަންސް ކޮމިޝަނުގެ އިދާރާއިން ހުސްވެފައިވާ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

ރައީސް އޮފީހުން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ އިލެކްޝަން ކޮމިޝަނުން ހުސްވެފައި މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުޞަތު މިއަދުން ފެށިގެން މިމަހުގެ 19 ވާ ބުރާސްފަތި ދުވަހުގެ 10:00 ގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ.

އީސީގެ މެމްބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލާފައި މިވަނީ، އެ ކޮމިޝަނުގެ މެމްބަރުކަމުގައި ހުންނެވި މުހައްމަދު ޝަކީލް މަޤާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އަދި އޭނާ މިހާރުވަނީ އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަޤާމަށް އައްޔަނުކުރައްވާފައެވެ.

ރައީސް އޮފީހުން ބުނީ އީސީގެ މެމްބަރުކަމަށް ކުރިމަތިލެވޭނީ 25 އަހަރު ފުރިފައިވާ ދިވެހި ރައްޔިތަކަށް ކަމަށާ، އެފަރާތަކީ ސިޔާސީ ޕާޓީއެއްގެ ދަފުތަރުގައި ހިމެނޭ ނުވަތަ ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވާ ފަރާތަކަށް ވެގެން ނުވާނެ ކަމަށެވެ. އަދި އެމީހަކީ ޤާނޫނު އަސާސީއާއި ޤާނޫނުތަކުގެ ދަށުން އައްޔަން ކުރެވޭ ސިޔާސީ މަޤާމެއް އަދާކުރާ މީހަކަށް ވެގެން ނުވާނެ ކަމަށާ، އަދި އެމީހަކީ އެއްވެސް ވަޒީފާއެއް އަދާކުރާ މީހަކަށް ވެގެން ނުވާނެ ކަމަށެވެ.

މީގެ އިތުރުން އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ކުރިކަން، ވޭދުވެދިޔަ ފަސް އަހަރު ތެރޭގައި ޝަރީއަތަށް ސާބިތުވެފައިވާ މީހަކަށް ނުވުމާ، ޖިނާއީ ކުށެއް ކުރިކަން ސާބިތުވެ، އަހަރަކަށް ވުރެ ދިގު މުއްދަތެއްގެ ހުކުމެއް ކޮށްފައިވާ މީހެއްނަމަ އެ ހުކުމް ތަންފީޒުކޮށް ނިމުނުތާ، ނުވަތަ ހުކުމަށް ކަނޑައެޅުނު އަދަބު މައާފުކުރެވުނުތާ ފަސް އަހަރު ވެފައިވާ މީހަކަށް ވާންޖެހޭނެ ކަމަށް، އީސީގެ މެމްބަރަކަށް ވުމުގެ ޝަރުތުތަކުގެ ތެރޭގައި ހިމެނެއެވެ.

އިލެކްޝަންސް ކޮމިޝަނުގެ މެމްބަރުން އައްޔަން ކުރަނީ ފަސް އަހަރު ދުވަހުގެ މުއްދަތަކަށެވެ.