ކުޅިވަރު

ވަރލްޑް ކަޕުގެ ޑޯޕިން ޓެސްޓްތައް ނެގެޓިވް: ފީފާ


ވަރލްޑް ކަޕް ފުޓްބޯޅަ މުބާރާތަށް ކުޅުންތެރިން މަނާބޭސް ބޭނުންކުރިތޯ ބަލަން ފީފާއިން ކުރި ހުރިހާ ޓެސްޓްތަކެއް ނެގެޓިވްވެއްޖެއެވެ.

ދުނިޔޭގެ ފުޓްބޯޅަ ޖަމިއްޔާއިން މިކަން އިއުލާނުކުރަމުން ބުނީ މުބާރާތުގެ ކުރިން 2761 ސާމްޕަލް ނަގާފައިވާ ކަމަށެވެ. އަދި މުބާރާތް ހިނގަމުންދިޔައިރު ރެންޑަމްކޮށް ތަފާތު ކުޅުންތެރިއެއްގެ 626 ސާމްޕަލް ނަގާފައިވާ ކަމަށެވެ. މީގެ ތެރޭގައި މެޗުތައް ނުކުޅޭ ދުވަހު ނެގި 108 ސާމްޕަލް ވެސް ހިމެނެއެވެ.
ފީފާއިން މިހެން ބުނެފައިވާއިރު މުބާރާތުގެ ތެރޭގައި ރަޝިޔާ ކުޅުންތެރިން މަނާބޭސް ބޭނުން ކުރި ކަމަށް ތުހުމަތު ކުރެވުނެއެވެ. އެކަމަށް ފީފާއިން އެންމެ ފުރަތަމަ ޖަވާބު ވެސް ނުދިނެ އެވެ. އަދި ވޯލްޑް ކަޕުގެ ކުރިން ރަޝިޔާގެ ކުޅިވަރު ކުޅުންތެރިން ޑޯޕިން ޓެސްޓްތައް ސަރުކާރު މެދުވެރިވެގެން އޮޅުވާލާފައިކަމަށް ބުނެ އިންޓަނޭޝަނަލް އޮލިމްޕިކް ކޮމިޓީން ރަޝިޔާ ސަސްޕެންޑްވެސް ކުރި އެވެ. މިކަމަށް ވެސް ފީފާ އޮތީ ހިމޭނުންނެވެ.

އެ ޖަމާއަތުން ބުނީ ރަޝިޔާގައި އާދީއްތަ ދުވަހު ނިމޭ ވޯލްޑް ކަޕަކީ މިހާތަނަށް ބޭއްވުނު އެންމެ ފުރިހަމަ ވޯލްޑް ކަޕް ކަމަށެވެ. އަދި މި މުބާރާތުގެ ޑޯޕިން ސާމްޕަލްތައް 10 އަހަރު ވަންދެން ރައްކާކުރުމަށް ވެސް ވަނީ ނިންމާފަ އެވެ.