ކުޅިވަރު

ތިން ވަނަ ހޮވާ މެޗު: ރަންބޫޓުގެ ހަނގުރާމައެއް


ވަރލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ތިން ވަނަ ހޮވަން މިރޭ އިނގިރޭސިންނާއި ބެލްޖިއަމް ވާދަކުރާ މެޗު މުބާރާތުގެ ރަންބޫޓު ހޯދުމަށް ކުޅުންތެރިން ކުރާ ހަނގުރާމައަކަށް ވެއްޖެއެވެ.

މުބާރާޓުގެ ރަންބޫޓާ އެންމެ ގާތުގައި މިވަގުތު ހުރީ އިނގިރޭސި ކެޕްޓަން ހެރީކޭންއެވެ. ޓޮޓެންހަމުގެ ފޯވަޑް ވަނީ މިހާތަނަށް ހަ ލަނޑު ޖަހާފައެވެ. އޭނާއާ އެންމެ ގާތުން ވާދަކުރަނީ ބެލްޖިއަމްގެ މެންޗެސްޓާ ޔުނައިޓެޑުގެ ފޯވަޑް ރޮމެލޫ ލޫކާކޫ އެވެ. އޭނާ ޖަހާފައިވަނީ ހަތަރު ގޯލެވެ. މިހެންވެ މި މި މެޗަކީ މި ދެ ފޯވަޑުންނަށް ވެސް މުބާރާތުގެ ރަންބޫޓު ކަށަވަރު ކުރުމަށް ލިބޭނެ އެންމެ ފަހު ފުރުސަތެވެ.
ކޭން މީގެ ކުރިން ބުނެފައިވަނީ އޭނާގެ އަމާޒަކީ ރަންބޫޓޫ ނޫން ކަމަށާއި، އަމާޒަކީ ވޯލްޑް ކަޕް ތަށި ކަމަށެވެ.

"ތައްޓާއެކު ރަންބޫޓު ލިބިއްޖެނަމަ ވަރަށް އުފާވާނެ. އިންޑިވިޖުއަލް ކާމިޔާބީ އަންނާނީ ޓީމަށް ފަހު،" ކޭން ބުންޏެވެ.

ލުކާކޫއަށް ރަންބޫޓު ލިބެން އޮތީ މަދުވެގެން މި މެޗުގައި ހެޓްރިކެއް ހަދައިގެންނެވެ. މުބާރާތުގައި ކޭން ވަނީ ހެޓްރިކެއް ވެސް ހަދާފަ އެވެ. އޭނާ ޖަހާފައިވާ ހަ ގޯލުގެ ތެރެއިން ތިން ގޯލު ޖެހީ ލިބުނު ޕެނަލްޓީއިންނެވެ.