ޚަބަރު

ދުނިޔޭގެ ފުރަތަމަ ރޮޓޭޓިން ސްކައި ސްރޭޕަރ ދުބާއީގައި 2020ވަނަ އަހަރު ހުޅުވަނީ!


ދުބާއީއަކީ އައު އީޖާދުތަކާ، ތަފާތު ކަންކަން ތަޢާރަފްކުރުމުގައި ކުރީގައި އުޅޭ ޤައުމެކެވެ. މިފަހަރު ބަލާލަން މިއުޅެނީ މިގޮތުން ދުބާއީގައި ތަރައްޤީކުރަމުންދާ ވަރަށް ތަފާތު އިމާރާތަކަށެވެ.
80 ބުރީގެ މި ޢިމާރާތް ވެގެންދާނީ ދުނިޔޭގައި ބިނާކުރާ ފުރަތަމަ ރޮޓޭޓިން ސްކައި ސްރޭޕާރއަށެވެ. މި ސްކައި ސްރޭޕާގެ ކޮންމެ ފްލޯއެއް ވަކިވަކި އެބުރޭނެއެވެ.

2020ވަނަ އަހަރު ހުޅުވުމަށް ތައްޔާރުވަމުންދާ މި ޢިމާރާތައް ކިޔަނީ ޑައިނަމިކް ޓަވަރެވެ. މިއީ "ޑައިނަމިކް ގްރޫޕް" ނަމަކަށް ކިޔާ ކުންފުންޏަކުން ތައްޔަރުކުރާ ޢިމާރާތެކެވެ. މި ޢިމާރާތުގެ އެންމެ ގަޔާވާ އެއްކަމަކީ މި ޢިމާރާތުގެ ފްލޯތައް އެނބުރޭ ގޮތާ، ބާރުމިން ޢިމާރާތުގައި އުޅޭ މީހުންނަށް ކޮންޓްރޯލްކުރެވޭތީއެވެ.
މާނައަކީ ޢިމާރާތުގެ އެޕާޓްމަންޓުތަކުގައި އުޅޭ މީހުންނަށް ބޭނުންއިރަކު ފެންނަ މަލަމަތި ބަދަލުކޮށްލެވޭނެއެވެ.

ޑައިނަމިކް ޓަވަރގެ ކަރަންޓު ޖެނެރޭޓްކުރާނީ އެ ޢިމާރާތުގެ ފްލޯތަކުގައި ހަރުކޮށްފައިވާ 79 ވިންޑް ޓާރބައިނުންނާ، ސޯލަރ ޕެނެލްތަކުގެ ޒަރިއްޔާއިންނެވެ.
މިއީ ދުނިޔޭގެ ފުރަތަމަ ޕްރީ ފެބްރިކޭޓަޑް ޢިމާރާތްވެސް މެއެވެ. މި ޢިމާރާތުގެ އާރކިޓެކްޓް ފިޝަރ ބުނީ ޢިމާރާތުގެ 90 އިންސައްތައަކީ ފެކްޓްރީގައި ފަރުމާކޮށް، އިމާރާތްކުރާ ސައިޓައް ގެނެސް ރާވާ ބައިތަކެއްކަމަށެވެ. މީގެ ސަބަބުން ޢިމާރާތް ބިނާކުރުމަށް ޚަރަދުވާ އަގާ، އިންސާނީ ވަޞީލަތްވެސް ވަރަށް ބޮޑުތަން ކުޑަވެގެންދާކަން އޭނާ ފާހަގަކުރިއެވެ. އަދި މިސައިޒްގެ ސްކައި ސްކްރޭޕަރއެއް ބިނާކުރަން ނަގާ ވަގުތައްވުރެ މި ޢިމާރާތް ބިނާކުރުމަށް ނަގާ ވަގުތު 30 އިންސައްތަ އަވަސްވާނެއެވެ.

1.2 ބިލިއަނެއްހާ ޑޮލަރު ޚަރަދުކޮށްގެން ޢިމާރާތްކުރާ ރޮޓޭޓިން ސްކައި ސްރޭޕާރ ޕްރޮޖެކްޓަކީ 2008ވަނަ އަހަރު ޑޭވިޑް ފިޝަރ ނަމަކަށްކިޔާ އާކިޓެކްޓަކު ޕްރޮޕޯޒްކުރި ޕްރޮޖެކްޓެކެވެ. މި ޢިމާރާތް ތައްޔާރުކޮށް ނިމުމުން މި ވެގެންދާނީ ދުބާއީގައި ހުރި ތިންވަނައަށް އެންމެ ބޮޑު ޢިމާރާތަށެވެ. މިހާރު ދުބާއީގެ އެންމެ ބޮޑު ޢިމާރާތަކީ 828 މީޓަރުގެ ބުރްޖް ޚަލީފާ. ދެވަނައަށް އެންމެ ބޮޑު އިމާރާތަކީ 432 މީޓަރުގެ މަރީނާއެވެ.