ޚަބަރު

މިއަހަރުގެ ދެވަނަ އިރުކޭތަ މާދަމާ


މިއަހަރު ހިފާ ދެވަނަ އިރުކޭތަ މާދަމާ ހިފާނެއެވެ. މާދަމާ ހެނދުނު ރާއްޖެ ގަޑިން 6:48 ހާއިރު ހިފާ އިރުކޭތަ ފެންނަނީ އޮސްޓްރޭލިއާގެ އިރުދެކުނު އައްސޭރިފަށަށާއި ޓެސްމޭނިއާ އަދި ނިއުޒިލެންޑުގެ ސްޓެވަޓް އައިލެންޑްގެ އިތުރުން އެންޓާޓިކާގެ ދެކުނު އައްސޭރިފަށަށް އެކަންޏެވެ.
އިރުކޭތައަކީ، އިރު ވަށައިގެން ދުނިޔެ ދައުރުވަމުންދާދިއުމުގެ ތެރޭގައި ދުނިޔެއާއި އިރާ ދެމެދަށް ހަނދު އެރުމުން ހިނގާކަމެކެވެ. ފުރިހަމަ އިރުކޭތައިގައި އިރުގެ އަލިކަން އެއްކޮށް ކަހަލަ ގޮތަކަށް ގެއްލެއެވެ. ނަމަވެސް މާދަމާ ހިފާނީ ފުރިހަމަ ކޭތައެއް ނޫނެވެ. އޭގެ ބަދަލުގައި ފެންނަނީ ފަޅި ކޭތައެކެވެ. އެހެންކަމުން ހަނދުގެ ހިޔަނި އެޅޭނީ އިރުގެ ވަރަށް ކުޑަ ސަރަޙައްދަކަށެވެ.

އަނެއްކޮޅުން މާދަމާ އިރުކޭތަ ހިފާއިރު، އިރާއި ދުނިޔެއާއި ދެމެދަށް ހަނދު އަންނައިރު، ހަނދު ހުންނަނީ ދުނިޔެއާއި އެންމެ ކައިރިއަށް އާދެވޭ ޕޮއިންޓްގައެވެ. އެހެންކަމުން ހަނދު ފެންނަނީ އާއްމުކޮށް ފެންނަވަރަށްވުރެ ބޮޑުކޮށެވެ. އިނގިރޭސިބަހުން ސުޕަރމޫން ކިޔަނީ މިޙާލަތުގައެވެ. މިއީ މިދިޔަ 44 އަހަރު ތެރޭގައި މީލާދީމަހެއްގެ 13 ވަނައަށްވީ ހުކުރުދުވަހެއްގައި ހިފާ ފުރަތަމަ އިރުކޭތައެވެ. މީލާދީ މަހެއްގެ 13 ވަނައަށްވީ ހުކުރުދުވަހެއްގައި އެންމެފަހުން އިރުކޭތައެއް ހިފީ 1974 ވަނަ އަހަރުގެ ޑިސެމްބަރުގެ މަހުގެ 13 ވަނައަށްވީ ހުކުރުދުވަހުއެވެ.

މާދަމާ ހިފާ އިރުކޭތަ އޮސްޓްރޭލިއާ، ޓެސްމޭނިއާ އަދި ނިއުޒިލެންޑުގެ އެކި ހިސާބުތަކަށް ފެނުނު ނަމަވެސް، އެންމެ ރީތިކޮށް އިރުކޭތަ ފެންނަނީ އެންޓާޓިކާއަށެވެ. އެސަރަޙައްދަށް އިރުގެ 21 އިންސައްތަ ހުންނާނީ ގެއްލިފައެވެ. އެހެން ސަރަޙައްދުތަކަށް ފެންނަނީ ވަރަށް ކުޑަކޮށް ކޭތަ ހީފާފައި ހުންނަ މަންޒަރެވެ.

މިއަހަރު 3 އިރުކޭތައެއް ހިފާއިރު، މިދިޔަ ފެބްރުއަރީމަހުގެ 15 ވަނަ ދުވަހުވެސް އިރުކޭތައެއް ހިފިއެވެ. މާދަމާ ހިފާ އިރުކޭތައިގެ އިތުރުން، އަންނަ އޮގަސްޓްމަހުގެ 11 ވަނަ ދުވަހުވެސް އިރުކޭތައެއް ހިފާނެއެވެ.