ކުޅިވަރު

3ވަނަ ހޮވާ މެޗަކީ ބޭނުމެއްނެތް މެޗެއް - އިނގިރޭސިން


ވޯލްޑް ކަޕުގެ ތިން ވަނަ ހޮވަން ކުޅޭ މެޗަކީ ބޭކާރު މެޗެއްގެ ގޮތުގައި އިނގިރޭސި ޓީމުން ސިފަކޮށްފި އެވެ.
އަންނަ ހޮނިހިރު ދުވަހު ތިން ވަނަ ހޮވާ މެޗުގައި ކުޅޭނީ އިނގިރޭސިންނާއި ބެލްޖިއަމްއެވެ. މިއީ ސެމީ ފައިނަލުން ބަލިވި ދެ ޓީމެވެ.

ސެމީގެ ފަހު މެޗުގައި ރޭ ކްރޮއޭޝިޔާ އަތުން ބަލިވި މެޗަށް ފަހު އިނގިރޭސި ކޯޗު ގެރެތް ސައުތް ގޭޓް ބުނީ ތިން ވަނަ ހޮވާ މެޗަށް ތައްޔާރުވުމަކީ ވެސް ބޮޑު ގޮންޖެހުމެއް ކަމަށެވެ.

"މިއީ (ސެމީ ފައިނަލުން ބަލިވުމަކީ) ވަރަށް ހިތްދަތި ވަގުތެއް. މިފަދަ ވަގުތެއްގައި އެންމެ ދެ ދުވަސްތެރޭގައި ކުޅުންތެރިން ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން މެޗަށް ތައްޔާރުކުރުމަކީ ވަރަށް އުނދަގޫ ކަމެއް. ބޮޑު ގޮންޖެހުމެއް. ތިން ވަނަ ހޮވާ މެޗަކީ އެއްވެސް ޓީމަކުން ކުޅެން ބޭނުންވާނެ މެޗެއްނޫން،" ސައުތް ގޭޓް ބުންޏެވެ.

ނަމަވެސް އޭނާ ބުނީ މުބާރާތގެ ގަވާއިދުގައި ކޮންމެހެން ކުޅެން ޖެހޭ މެޗަކަށްވާތީވެ އެ މެޗަށް ޓީމު ނުކުންނާނެ ކަމަށެވެ.

"އަހަރުމެން ބަލާނަން މެޗަށް ތައްޔާރުވާން. އެކަމަކު މިފަދަ ވަގުތެއްގައި ކިހިނެތް ކުޅުންތެރިން ނަފްސާނީގޮތުން މެޗަށް ތައްޔާރުކުރާނީ،؟" ކޯޗު ބުންޏެވެ.

އިނގިރޭސިން އެންމެ ފަހުން ސެމީ ފައިނަލްގައި ކުޅުނީ 1990 ވަނަ އަހަރު އެވެ. އެ ފަހަރު ބަލިވީ ހުޅަނގު ޖަރުމަނު އަތުން ޕެނަލްޓީ ޖަހައިގެންނެވެ.