ޚަބަރު

ތާނަ، ކަރުދާހު ލިއުން ސޮފްޓް ޓެކްސްޓް ފައިލަކަށް ބަދަލުކޮއްދޭ އެޕްލިކޭޝަނެއް


ފޮޓޯއެއްގައި ތާނައަކުރުން ލިޔެފައި ހުންނަ ލިއުންތައް ނުވަތަ ތާނަ، ކަރުދާހު ލިއުން، ސޮފްޓް ޓެކްސްޓް ފައިލްއަކަށް ބަދަލުކޮއްދޭ އެޕްލިކޭޝަނެއް ފުރަތަމަ ފަހަރަށް ތަޢާރަފުކޮށްފިއެވެ. މި އެޕްލިކޭޝަން ތަޢާރަފުކޮށްފައިވަނީ ރާއްޖޭގައި ހިންގާ ސާރޗް އިންޖިންއެއްކަމަށްވާ ދިވެހި ޑޮޓް އެމްވީއިންނެވެ.

ދިވެހި ޑޮޓް އެމްވީއަކީ އޮންލައިންކޮށް ތާނައަކުރުން ލިޔެގެން އެއްޗެހި ހޯދުމުގެ މައްސަލައަށް އިންޤިލާބީ ބަދަލުތަކެއް ގެނެސްދީފައިވާ ކާމިޔާބު އޮންލައިން ސަރޗް އިންޖިންއެކެވެ. އެގޮތުން 20 އޮގްސްޓް 2013ގައި ލޯންޗްކުރި ދިވެހި ޑޮޓް އެމްވީގެ ފަހަތުގައި ވަނީ އެންމެ މީހެކޭ ބުނުމުން ފަހަރެއްގަ ހައިރާން ވެދާނެއެވެ. އެހެންނަމަވެސް މި ސަރޗް އިންޖިންގެ ފަހަތުގައިވަނީ ގއ.ދާންދޫއަށް އުފަން އުމުރުން 26 އަހަރުގެ ޔޫސުފް މޫސާއެވެ.

ޕީއެސްއެމް ނިއުސްއާއި ވާހަކަދައްކަމުން ޔޫސުފް މޫސާ ބުނިގޮތުގައި އޭނާ މި މަސައްކަތުގައި ނަމޫނާއަކަށް ބެލީ ގޫގުލްކަމަށާ، މިއީ ހޮބީއެއްގެ ގޮތުގައި ފެށި މިމަސައްކަތެއްކަމަށެވެ. ގޫގަލްގައި ސަރޗްކުރެވޭގޮތަށް، ބޭނުންވާ އެއްޗެއް ތާނައަކުރުން ޓައިޕްކޮއްގެން ދިވެހި ޑޮޓް އެމްވީއިން ސަރޗްކުރެވޭއިރު މި ޚިދުމަތުގެ އިތުރުން ތަފާތު އެކި ޓޫލްތައްވެސް މި ސަރޗްއިންޖިންގައި ހިމަނާފައިވާކަން އޭނާ ފާހަކުރިއެވެ.

އެގޮތުން ދިވެހި ކަލަންޑަރުގެ އެޕްލިކޭޝަނާއި، ރާއްޖޭގެ އެކި ރަށްރަށުގެ ބްލޮކް ލެވެލް އެޕްތަކުގެ އިތުރުން ދިވެހި މެޕް އެޑިޓްކުރެވޭ ސޮފްޓްވެއަރއެއްވެސް ދިވެހި ޑޮޓް އެމްވީ އިން ވަނީ ޢާންމުންނަށް ފޯރުކޮއްދީފައެވެ.

ޔޫސުފް މޫސާ ބުނިގޮތުގައި ރާއްޖޭގެ އެކި ރަށްރަށުގެ ބްލޮކް ލެވެލް އެޕުން ފެނިގެންދާނީ މިހާތަނަށް ރާއްޖޭގެ އެންމެ ސާފު މެޕްކަމަށާ، މި އެޕް އުފެއްދުމަށް 18 މަސްދުވަސް ހޭދަވިކަމަށެވެ.
މިހާތަނަށް ޔޫސުފް މޫސާއަށް މި ދާއިރާއިން ޙާސިލުކުރެވިފައިވާ އެންމެ ބޮޑު ކާމިޔާބީއަކީ އޭނާ އެންމެ ފަހުން އުފެއްދި ތާނަ، ކަރުދާހު ލިއުން، ސޮފްޓް ޓެކްސްޓް ފައިލްއަކަށް ބަދަލުކޮއްދޭ އެޕްލިކޭޝަނެވެ.
ޔޫސުފް މޫސާ ބުނިގޮތުގައި މިފަދަ އެޕެއް ރާއްޖޭގައި ފުރަތަމަ ފަހަރަށް ތަރައްޤީކުރުމުގެ ފަޚުރު ލިބުމުން ވަރަށް އުފާވާކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި މި ފަދަ އިތުރު ރަނގަޅު އެޕްލިކޭޝަންތަކެއް އުފެއްދުމުގެ މަސައްކަތްކުރަމުން އަންނަކަން އޭނާ ފާހަގަކުރިއެވެ. އެގޮތުން އޯޑިއޯ ޓު ޓެކްސްޓްއަށް ބަދަލުކުރެވޭ ތާނަ އެޕްލިކޭޝަންއެއްވެސް ތަރައްޤީކުރުމުގެ މަސައްކަތް ކުރަމުންދާކަން ޔޫސުފް މޫސާ ފާހަގަކުރިއެވެ.

ހަމަގައިމުވެސް މިފަދަ ޚިދުމަތްތެރިންގެ މަސައްކަތްތައް ޢާންމުންނާހަމައަށް އައުމަކީ ދިވެހިންނަށް އަދި ވަކިން ޚާއްސަކޮށް ދިވެހި ބަހަށް ލިބިގެންދާ ކުރިއެރުމެއްކަން ޔަޤީނެވެ.