ޚަބަރު

އެމްއެމްއައިގެ ތަމްރީން ޕްރޮގްރާމެއް ފުވަމުލަކުގައި ފަށައިފި


ފުވަމުލަކު ސިޓީގައި، މީޑިއާގެ ދާއިރާއިން ކުރިޔަށް ދާން ބޭނުންވާ މީހުންނަށް ޚާއްސަކޮށްގެން މޯލްޑިވްސް މީޑިއާ އިންސްޓިޓިއުޓް (އެމްއެމްއައި)އިން ތަމްރީން ޕްރޮގްރާމެއް ފަށައިފިއެވެ.

މިޕްރޮގްރާމް ކުރިޔަށް ގެންދަނީ ޖުލައި މަހުގެ 11 އިން 14 އަށް ފުވަމުލަކުގައި ހުންނަ ޕީއެސްއެމް މީޑިއާ ސެންޓަރުގައެވެ. މިތަމްރީނުގެ ތެރެއިން ބައިވެރިންނަށް ޚަބަރު ހޯދުމާއި ޚަބަރު އުފެއްދުން، ޕްރެޒެންޓު ކުރުން، އަދި ކެމެރާ ކުރުމާއި ވީޑިއޯ އެޑިޓްކުރުމުގެ ފަންނީ ހުންރު ދަސްކޮށްދިނުމަށް ހަމަޖެހިފައިވެއެވެ.

12 ބައިވެރިންނާއެކު މުޅިން ހިލޭ ހިންގާ މިތަމްރީން ޕްރޮގްރާމުން އެންމެ މޮޅު ފަސް ބައިވެރިން ހޮވައި އެމީހުންނަށް ޕަބްލިކް ސަރވިސް މީޑިއާގެ ފުވަމުލަކު މީޑިއާ ސެންޓަރުގައި މަސައްކަތްކުރުމުގެ ފުރުސަތު ދިނުމަށް ހަމަޖެހިފައިވާކަމަށް އެމްއެމްއައިއިން މަޢުލޫމާތުދެއެވެ.

މިދިޔަ އަހަރުވެސް އެމްއެމްއައިއިން ވަނީ އައްޑޫ ސިޓީގައި މިފަދަ ތަމްރީން ޕްރޮގްރާމެއް ކުރިޔަށް ގެންގޮސްފައެވެ. އަދި ކުރިޔަށް އޮތްތަނުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިފަދަ ތަމްރީން ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާކަމަށް އެމްއެމްއައިއިން މަޢުލޫމާތުދެއެވެ.