ޚަބަރު

ކެނޑިޑޭޓުންނަށް ހަމަހަމަ ފުރުސަތު ދޭން މުއައްސަސާތަކަށް އޭޖީ އަންގައިފި


މި އަހަރު ބާއްވާ ރިޔާސީ އިންތިޚާބަކީ މިނިވަން އިންސާފުވެރި އިންތިހާބެއްކަން ކަށަވަރުކުރުމަށްޓަކައި އިންތިޙާބުގައި ވާދަކުރައްވާ ކެންޑިޑޭޓުން އިލެކްޝަންސް ކޮމިޝަނުން ރަސްމީކޮށް އިއުލާން ކުރަންދެންވެސް އިންތިޙާބަށް ކުރިމަތިލައްވާނެކަން އިއުލާންކުރައްވާފައިވާ ފަރާތްތަކަށް ދައުލަތުގެ މުއައްސަސާތަކުން ހަމަމަ ފުރުސަތު ދެމުން ގެންދިޔުމަށް ދައުލަތުގެ ބަންޑާރަ ނައިބް މުހައްމަދު އަނިލް އަންގަވައިފިއެވެ.

ބަންޑާރަ ނައިބްގެ އޮފީހުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ވަނީ މި އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބަކީ މިނިވަން އިންސާފުވެރި އިންތިޚާބެއްކަން ކަށަވަރުކުރުމަށް މުހިއްމު ފިޔަވަޅުތަކެއް އެޅުމަށް ބަންޑާރަ ނައިބް ދައުލަތުގެ މުއައްސާތަކަށް އަންގަވާފައިވާކަމަށެވެ. މިގޮތުން އަންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެ ކެންޑިޑޭޓުންގެ ގޮތުގައި ސިޔާސީ ޕާޓީތަކުން މިހާތަނަށް ޢާންމުކުރައްވާފައިވާ ފަރާތަކުގެ މެދުގައި ހަމަހަމަ އުސޫލަކުން ރިޔާސީ އިންތިޚާބާ ގުޅޭ ކަންކަމުގައި އަމަލުކުރުމަށާއި ދައުލަތުގެ ވަސީލަތްތައް ޤާނުނުތަކާއި އެއްގޮތްވާގޮތުގެ މަތިން ހަމަހަމަކަމާއިއެކު އެ ފަރާތްތަކަށް ފޯރުކޮށްދިނުމަށް ފުލުހުންނާއި ހައުސިން މިނިސްޓްރީއާއި ހޯމް މިނިސްޓްރީގެ އިތުރުން ޕީއެސްއެމް އަށް އަންގާކަމަށްވެސް ބަންޑާރަ ނައިބުގެ އޮފީހުގެ ބަޔާނުގައިވެއެވެ.

ކެނޑިޑޭޓުންގެ ގޮތުގައި ސިޔާސީ ޕާޓީތަކުން އާންމުކޮށްފައިވާ ފަރާތްތަކަށާއި އެ ފަރާތްތަކުގެ ރަނިން މޭޓޫންނަށް ދައުލަތުގެ ހަރަދުގައި ސަލާމަތާއި ރައްކާތެރިކަން ދިނުމަށްވެސް ދައުލަތުގެ ބަންޑާރަ ނައިބު ވަނީ އަންގަވާފައެވެ. އަދި ކެމްޕެއިން ހަރަކާތްތަކަށް ދައުލަތުގެ ވަސީލަތްތަކާއި މަގުތަކާއި ދައުލަތުގެ ބިމާއި އިމާރާތްތައް ވެސް ހަމަހަމަކަމާ އެކު ދިނުމަށްވެސް ކަމާއި ބެހޭ ފަރާތްތަކަށް އަންގާފައިވާކަމަށްވެސް ބަންޑާރަ ނައިބުގެ ބަޔާނުގައިވެއެވެ. މީގެ އިތުރުން އިންތިހާބުގައި ވާދަކުރާނެކަން އިއުލާންކޮށްފައިވާ ފަރާތްތަކަށް ހަމަހަމަކޮށް އެއަރޓައިމް ދިނުމަށް ޕަބްލިކް ސާރވިސް މީޑިއާއަށް ބަންޑާރަ ނައިބް އަންގާފައިވާކަމަށްވެސް އޭޖީ އޮފީހުގެ ބަޔާނުގައިވެއެވެ.

އިންތިޚާބުގައި ވާދަކުރާ ފަރާތްތަކަށް ހަމަމަ ފުރުސަތު ދިނުމަށް ބަންޑާރަ ނައިބު ގޮވާލައްވާފައިވާއިރު ރިޔާސީ އިންތިޚާބުގައި ވާދަކުރާ ކެނޑިޑޭޓުންނާއި ސިޔާސީ ޕާޓީތަކަށް، ހަމަހަމަ ކަމާއެކު ޕީ.އެސް.އެމްގެ ޗެނަލްތަކުން ފުރުޞަތު ދިނުމަށް ކަނޑައަޅާ ސިޔާސަތު ކުރިއަށް އޮތް ދިހަވަރަކަށް ދުވަހުގެތެރޭގައި އާންމުކުރާނެކަން ޕީ.އެސް.އެމުން އިއްޔެ ވަނީ އިއުލާންކޮށްފައެވެ.