ޚަބަރު

2054ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގެ އާބާދީ 1 މިލިއަނާ ގާތްކުރާނެ - ރިޕޯޓް


2054ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގެ އާބާދީ 1 މިލިއަނާ، ގާތްކުރާނެކަމަށް ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އަދި އދ.ގެ އާބާދީއާބެހޭ އިދާރާ، ޔުނައިޑަޓް ނޭޝަންސް ޕޮޕިއުލޭޝަން ފަންޑުން ތައްޔާރުކޮށްފައިވާ މޯލްޑިވްސް ޕޮޕިއުލޭޝަން ޕްރޮޖެކްޝަން ރިޕޯޓުން ދައްކައިފިއެވެ.

ނެޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އާއި އދ.ގެ އާބާދީއާބެހޭ އިދާރާ، ޔުނައިޑަޓް ނޭޝަންސް ޕޮޕިއުލޭޝަން ފަންޑު ގުޅިގެން 2014ވަނަ އަހަރުގެ ޕޮޕިއިލޭޝަން ސެންސަސްގެ މައްޗަށް ބިނާކޮށް ތައްޔާރުކޮށްފައިވާ ރިޕޯޓު "މޯލްޑިވްސް ޕޮޕިއުލޭޝަން ޕްރޮޖެކްޝަން 2014އިން 2054އަށް" ނެރެފައިވަނީ ދުނިޔޭގެ އާބާދީ ދުވަހާ ގުޅުވައިގެން ބޭއްވި ރަސްމިއްޔާތެއްގައެވެ. މިރިޕޯޓަކީ 2054ވަނަ އަހަރާ ހަމަޔަށް އަންނަ އިރު ރާއްޖޭގެ އާބާދީގައި ހިމެނޭނެ ދިވެހިންނާއި ރާއްޖޭހައި އުޅޭނެ ބިދޭސީންގެ އާބާދީއާ، އެހެނިހެން އަންދާޒާތައް ހިމެނޭ ރިޕޯޓެކެވެ. މިރިޕޯޓުން ދައްކާގޮތުން 2054ވަނަ އަހަރާ ހަމަޔަށް އަންނައިރު ދިވެހިންނާއި ރާއްޖޭގައި އުޅޭ ބިދޭސީންނާއެކު ރާއްޖޭގެ އާބާދީ 1 މިލިއަނާ ގާތްކުރާނެއެވެ.

2054ވަނަ އަހަރާ ހަމައަށްދާއިރު ރާއްޖޭގައި އެވްރެޖު ގޮތެއްގައި މީހަކު ދިރިހުންނާނެކަމަށް ލަފާކުރާ ޢުމުރަކީ 83 އެވެ. މިހާރު ޢާއްމުކޮށް ރާއްޖޭގައި މީހުންގެ އެވްރެޖު ޢުމުރަކީ 74 އަހަރު އަހަރެވެ. އަދި 2054ވަނަ އަހަރާ ހަމަޔަށް އަންނައިރު ރާއްޖޭގެ އާބާދީގެ ދެބައިކޮޅު އެއްބައި ނުވަތަ 64 އިންސައްތަ މީހުން ދިރިއުޅޭނީ ވެރިރަށް މާލެ ސަރަހައްދުގައިކަމަށްވެސް މިރިޕޯޓުގައި ލަފާކޮށްފައިވެއެވެ.
މިރިޕޯޓުން ދައްކާގޮތުން ރާއްޖޭގެ އަންހެނުންގެ ދަރިމަވުމުގެ ސިއްހަތައް އަންނަ ބަދަލުތަކާ ގުޅިގެން 2054ވަނަ އަހަރާ ހަމަޔަށް އަންނަ އިރު އަންހެހުން ވިހާ މިންވަރު ކޮންމެވެސް ވަރަށް ދައްވާނެކަމަށް ލަފާކުރެއެވެ.

ނަމަވެސް ރާއްޖެއަށް ޤައުމުން ބޭރުން ހިޖުރަކުރާ ބިދޭސީންގެ ޢަދަދު 2054ވަނަ އަހަރާ ހަމަޔަށް ކޮންމެވެސް ވަރަށް ދައްވާނެކަމަށްވެސް މިރިޕޯޓުގައި ލަފާކޮސްފައިވެއެވެ. މިގޮތުން 2014އިން 2020ވަނަ އަހަރާ ދެމެދު ރާއްޖޭގެ ބިދޭސީ އާބާދީ ކޮންމެ އަހަރަކު 20 އިންސައްތަ އިތުރުވާނެކަމަށާ، 2021ވަނަ އަހަރާ 2054ވަނަ އަހަރާ ދެމެދު ކޮންމެ އަހަރަކު ރާއްޖޭގެ ބިދޭސީ އާބާދީ 2.5 އިންސަތައަށް ދަށަށްދާނެކަމަށް ލަފާކޮށްފައިވެއެވެ.

ޔޫއެންއެފްޕީއޭ އާއި އެންބީއެސްއިން ތައްޔާރުކޮށްފައިވާ މިރިޕޯޓުން ދައްކާގޮތުގައި ރާއްޖޭގައި އިތުރުވާނެކަމަށް ލަފާކުރާ އާބާދީއަށް ހެޔޮ ދިރިއުޅުމެއް ކަށަވަރުކޮށްދިނުމަށްޓަކައި މިހާރުއްސުރެން ސަރުކާރާއި ކަމާބެހޭ އިދާރާތަކުން ކުރެވިދާނެ ކަންތައްތައް އެބަހުއްޓެވެ. އެހެންކަމުން މިރިޕޯޓުގެ ހޯދުންތަކުގެ މައްޗަށް ބިނާކޮށް ރާއްޖޭގެ ކަމާބެހޭ ފަރާތްތަކަށް ލަފާއާއި އިރުޝާދުދެމުން ދާނެކަމަށް އެފަރާތުން ބުންޏެވެ. އަދި އާބާދީ އިތުރުވާ މިންވަރަށް ޒުވާނުންނާ، އެހެނިހެން އުމުރުފުރައިގެ މީހުންނަށް ވަޒީފާއާ، ޞިއްޙީ، ތަޢުލީމީ ފުރުޞަތުތައް ފަހިކޮށްދިނުމަށް އެޅޭނެ ފިޔަވަޅުތަކާބެހޭ މަޢުލޫމާތާއި ، ލަފާ ރާއްޖޭގެ ކަމާބެހޭ ފަރާތްތަކަށް ޔޫއެންއެފްޕީއޭއިން ވަނީ ދީފައެވެ.