ޚަބަރު

އޮމާން އެއަރއިން އަނެއްކާވެސް ރާއްޖެއަށް ވައިގެ ދަތުރުތައް ފަށަނީ


މެދުކެޑިފައި އޮތުމަށްފަހު އޮމާން އެއަރގެ ދަތުރުތައް އަނެއްކާވެސް ރާއްޖެއަށް ފެށުމަށް ހަމަޖެހިފައިވާކަމަށް އެއެއަރލައިނުން އިޢުލާންކޮށްފިއެވެ.

އޮމާންގެ ޤައުމީ އެއަރލައިން، އޮމާން އެއަރއިން މިއަހަރުގެ އޮކްޓޫބަރު މަހުގެ 28ގައި ރާއްޖެއާ އޮމާނާ ދެމެދު ވައިގެ އުދުހުންތައް އަލުން ފެށުމަށް ހަމަޖެހިފައިވާކަމަ އެއަރލައިންނުން ނެރިފައިވާ ބަޔާނެއްގައި މިވަނީ ބުނެފައެވެ. މިގޮތުން ކޮންމެ ހަފްތާއަކު އާދީއްތަ، ހޯމަ، ބުދަ، ބުރާސްފަތި، ހުކުރު އަދި ހޮނިހިރު ދުވަހު އޮމާންގެ ވެރިރަށް މުސްކެޓުން މާލެއަށް އަދި އާދީއްތަ، އަންގާރަ، ބުރާސްފަތި އަދި ހޮނިހިރުދުވަހު މާލެއިން މުސްކެޓަށް ދަތުރުތައް ކުރުމަށް ހަމަޖެހިފައިވާކަމަށް މިބަޔާނުގައިވަނީ ބުނެފައެވެ.

އޮމާން އެއަރގެ ސީއީއޯ، ޢަބްދުލް ޢަޒީޒް ރައީސީވަނީ، މިއީ އޮމާނުން ރާއްޖޭއަށް ޒިޔާރަތްކުރަން ބޭނުންވާ ފަތުރުވެރިންނަށް އޮތް ރަނުގެ ފުރުސަތެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.

މެދުއިރުމަތީގެ ޤައުމުތަކުން ރާއްޖެއަށް ދަތުރުކުރާ ފަތުރުވެރިން އިތުރުވަމުންދާކަމަށް ޓުއަރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާއިރު، މީގެތެރެއިން އޮމާންއަކީ ރާއްޖެއަށް ގިނަ ޢަދަދެއްގެ ފަތުރުވެރިން އަންނަމުންދާ ޤައުމެކެވެ. މިދިޔަ އަހަރު އެކަނިވެސް މެދުއިރުމަތީގެ ޤައުމުތަކުން ރާއްޖެއަށް 49 ހާހަށްވުރެ ގިނަ ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. އޮމާން އެއަރއިން މިހާރުދަނީ ދުނިޔޭގެ 27 ޤައުމެއްގެ 50 މަންޒިލަކަށް ވައިގެ ދަތުރުތައް ކުރަމުންނެވެ.