ޚަބަރު

އިދިކޮޅު ފަރާތްތަކުން ޑރ. ޝަހީމްގެ ޝަޚްޞު ކަތިލަނީ ސީޔާސީ ބޭނުމަކަށް - ރައީސް ޔާމީން


ރައީސް ޔާމީންގެ ރަނިންމޭޓް ޑރ. މުހައްމަދު ޝަހީމް ޢަލީ ސައީދާބެހޭގޮތުން އިދިކޮޅު ފަރާތްތަކުން ހަޤީޤަތާ ޚިލާފުވާހަކަ ދައްކާ އެމަނިކުފާނުގެ ޝަޚްޞު ކަތިލަނީ ސިޔާސީ ބޭނުމަކަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް މިހެން ވިދާޅުވީ މ. މުލަކު ރައްޔިތުންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ. ރައީސް ވިދާޅުވީ މީގެ ކުރިން ޑރ. ޝަހީމް ލޭބަލް ކުރެވިފައިވަނީ ދީނީ ޢިލްމްވެރިންގެ ތެރެއިން ފުންނާބު އުސް މަޝްހޫރު ޢިލްމްވެރިންގެ ގިންތީގައި ކަމަށާއި، އަދި އެއީ ގިނަ ބައެއްގެ ލޯތްބާއި އިހުތިރާމް ލިބިވަޑައިގެން ހުންނެވި ބޭފުޅެއްގެ ގޮތުގައި ކަމަށެވެ. އެހެން ނަމަވެސް ރަނިންމޭޓަކަށް ޑރ. ޝަހީމް އިސްކުރެއްވި ހިސާބުން ފެށިގެން އެމަނިކުފާނުގެ ޝަޚްޞު ކަތިލަނީ ސިޔާސީ ބޭނުމަކަށް ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ޑރ. ޝަހީމާއި އެކުގައި ވަރަށް ގިނަ ދީނީ ޢިލްމުވެރިންތަކެއް ނުކުންނެވުމުން އެބޭފުޅުންގެ ޝަޚްޞު ކަތިލުމުގެ މަސައްކަތްވެސް ސިޔާސީ ބައެއް ފަރާތްތަކުން ކުރަމުންދާ ކަމަށެވެ.

ރައީސް ޔާމީން ވިދާޅުވީ، ޑރ. ޝަހީމަށް ސިޔާސީ މައިދާނަށް ނުކުންނެވުމަށް ދައުވަތު ދެއްވީ ދީނީ ކަންކަމަށް އޮތް އިޙްތިރާމާއި ލޯބި ބޮޑުކަމުންނާއި މި ޤައުމުގައި އިސްލާމީ ވަޙްދަތު ދެމެހެއްޓުމުގެ ގޮތުން ކަމަށެވެ. އަދި ނައިބު ރައީސެއްގެ ގޮތުން ދީނީ ކަންކަން އެންމެ ރަނގަޅަށް ކޮށްދެވޭނެ ބޭފުޅަކީ ޑރ ޝަހީމް ކަމަށް ދެކެވަޑައިގަންނަވާތީ ކަމަށާއި، ޑރ. ޝަހީމަކީ އެކަމަށް އެކަށޭނަ ޤާބިލް ބޭފުޅެއް ކަމަށެވެ. ރައީސް ވިދާޅުވީ އިދިކޮލޫ ފަރާތްތަކުން ޑރ.ޝަހީމުގެ ޝަޚްޞު ކަތިލަނީ އެ ސަބަބަށްޓަކައި ކަމަށެވެ.

ރައީސް ޔާމީން ވިދާޅުވީ ދީނުގެ ކަންކަން ސިޔާސީ އައްޑަނައަކަށް ހެދުމަކީ ޑިމޮކްރަސީގެ މިސާލެއް ނޫން ކަމަށާއި އެއީ އެންމެ ވިޔާނުދާ ކަންކަމުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށެވެ. އަދި ދީނީ ކަންކަން ސިޔާސީ ކަންކަމަށް ހަދައިގެން އުޅުމަކީ ޑިމޮކްރަސީގެ ކޮންކަހަލަ މިސާލެއްތޯ ރައީސް ވަނީ ސުވާލު އުފައްދަވާފައެވެ.