ޚަބަރު

ދިއްގަރު ދާއިރާއަށް ފާރިސް އިންތިޚާބު ކުރުމަކީ ލިބުނު ގެއްލުމެއް: ރައީސް


ދިއްގަރު ދާއިރާގެ މެންބަރުކަމަށް އަހުމަދު ފާރިސް މައުމޫން ނެގުމަކީ ޕީޕީއެމަށް ލިބުނު އެންމެ ބޮޑު ގެއްލުންކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ

މ. ދިއްގަރު ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަދައްކަވަމުން ރައީސް ޔާމީން މިއަދު ވިދާޅުވީ ޕީޕީއެމަށް ހީނަރުކަން އައިވަގުތު އެކަމުގައި އެންމެ އިސްދައުރެއް އަދާކުރެއްވީ އަޙްމަދު ފާރިސް މަޢުމޫން ކަމަށެވެ. އަދި ފާރިސް ޕީޕީއެމްއަށް ދިން ގެއްލުން އަބަދުވެސް ދިއްގަރުގެ ރައްޔިތުން ހަނދާނުގައި ބަހައްޓަން ޖެހޭނެ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

"މި ދާއިރާއަށް ފާރިސް ނެގުމަކީ މި ޕާޓީއަށް ލިބުނު އެންމެ ބޮޑު ގެއްލުން . އަޅުގަނޑަކަށް މި ވާހަކަ ދައްކާކަށް ފަސޭހައެއް ނޫން. އެކަމަކު އަޅުގަނޑަކީ ދުނިޔޭގެ ހަޤީގަތާއި އަޅުގަނޑުމެންގެ ހަޤީގަތާއި އެއްގޮތަށް ވާހަކަދައްކަން ބޭނުންވާ މީހެއް. މި ވާހަކަތަށް އަޅުގަނޑު މި ދަންނަވާލަނީ ކުރިއަށް އޮތް ތަނުގައި އަންނަން އޮތް ހިތްދަތިކަން ތިބޭފުޅުންނަށް ހަނދުމަ ކޮށްދިނުމަށްޓަކައި،" ރައީސް ޔާމީން ވިދާޅުވިއެވެ.


ރައީސް ޔާމީން ވިދާޅުވީ ފާރިސް މަޢުމޫން މަސައްކަތް ކުރަމުން ގެންދިޔައީ ޤާނޫނުން ބޭރުން ޤާނޫނާއި ޚިލާފަށްކަމަށެވެ. އަދި މަޖިލީހުގެ ތެރެއިންވެސް ޤާނޫނާއި ޚިލާފު ކަންތައްތަކެއް ހިންގަމުންދިޔައިރު އެ ހުރިހާ ކަމެއްގައިވެސް އެންމެ އިސްކޮށް ހުންނެވީ ދިއްގަރު ދައިރާގެ މެންބަރު ފާރިސް މަޢުމޫން ކަމަށް ރައީސް ޔާމިން ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ޕާޓީއަށް މިއައި ހުރިހާ ހީނަރު ކަމެއްގައި އެންމެ އިސްކޮށް، އެންމެ އިސްކޮށް ފެންނަން ފާޅުގައި ހުންނެވީ މި ދާއިރާއަށް އަޅުގަނޑުމެން ހޮވި މެންބަރު. މީގެ އުނދަގޫ އުފުލަމުން މިދަނީ އަޅުގަނޑުމެންގެ ޕާޓީއަކުން އެކަންޏެއް ނޫން. އަޅުގަނޑުގެ ސަރުކާރުންވެސް މީގެ އުނދަގޫތައްވެސް ދަނީ އުފުލަމުން. އަޅުގަނޑުމެންގެ ޕާޓީ ދެކެ ލޯބިވާ އާންމު މެންބަރުންވެސް މި ހިތްދަތިކަން އެބަ އިހުސާސް ކުރައްވާ،" ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ ޤާނޫނާއި ޚިލާފަށް ސިޔާސީ ބޭފުޅުންތަކެއް ކުރެއްވި ޢަމަލުތަކަކީ އެމަނިކުފާނުގެ ސަރުކާރުން ބަލާ ފިޔަވަޅު އަޅާނެ ކަންތައްތަކެއް ކަމަށެވެ. އަދި ވަކިން ޚާއްސަކޮށް ސިޔާސީ ފަރާތްތަކެއް ގުޅިގެން ކުރަން އުޅުނު ކަމަކީ ދިވެހި ދަޢުލަތާއި ރައްޔިތުންނަށް އެކަމުގެ ސަބަބުން ނުރައްކަލެއް ކުރިމަތިވާނެ ކަމެއް ކަމަށްވަންޏާ އެކަމަކީ ނުބަލާ ދޫކޮށްލެވޭނެ ކަންކަމެއް ނޫން ކަމަށްވެސް ރައީސް ޔާމީން ވިދާޅުވިއެވެ.

"އޭގެ ނަތީޖާއަކަށްވީ އަޅުގަނޑުމެންނަށް ބަންދުގައި ގެންގުޅެން ދަތި ދިވެހިރާއްޖޭގައި އަދި ވަކިން ޚާއްސަކޮށް މާލޭގައި ތިއްބެވި އެތައް އިސް ބޭފުޅުންތަކެއް އެބަ ތިއްބެވި. މީގެ ތެރޭގައި މި ދެންނެވި ގޮތަށް ރައްޔިތުން މަޖިލީހުގެ މެންބަރުންތަކެއް އެބަ ތިއްބެވި. ރައްޔިތުން މަޖިލީހުގެ މެންބަރުންނަށް ހިމާޔަތާއި އިނާޔަތާއި ރައްކާތެރިކަން ލިބޭނީ ޤާނޫނާއި އެއްގޮތަށް ރައްޔިތުން މަޖިލިސް ތެރޭގައި ޙަރަކާތްތެރިވެ ވަޑައިގަންނަވާއިރު. އޭގެ ބޭރުން އެބޭފުޅުންނަކީ ހަމަ އާންމު ރައްޔިތުން އުޤޫބާތުގެ ކުރިމަތީގައި އެއްކަހަލަ ހަމައަކަށް ތަބާވާންޖެހޭ ބޯލަބަންޖެހޭ މީހުން،" ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ މިއަދު ދިވެހި ޤައުމަށް ލިބޭ ގެއްލުންތައް ލިބިގެންދަނީ އެފަދަ ބޭފުޅުންގެ ސަބަބުން ކަމަށެވެ. ޕީޕީއެމްއަށް ލިބިގެންދިޔަ އެންމެ ބޮޑު ގެއްލުމަކީ ދިއްގަރު ދާއިރާގެ މެންބަރު ކަމަށް އަޙްމަދު ފާރިސް މަޢުމޫން އިންތިޚާބު ކުރުން ކަމަށް ރައީސް ޔާމީން ވިދާޅުވިއިރު ސަރުކާރު ހިންގާ ޕީޕީއެމްގެ ޝަޚްސު އޮޅުވާލުމުގެ ކުށުގައި ފާރިސް ވަނީ ހަތަރު މަހާއި 24 ދުވަހަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން މިދިޔަ ޖޫން މަހުގެ ތެރޭގައި ޙުކުމްކޮށްފައެވެ.