ޚަބަރު

މ. ވޭވަށުގައި ސިނާޢީ ބަނަދަރެއް ތަރައްޤީކުރުމަށް ނިންމައިފި


މ.ވޭވަށުގައި ސިނާޢި ބަނދަރެއް ތަރައްޤީކޮށްދެއްވާނެކަމަށް ރަޢީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. ދިއްގަރު ރައްޔިތުންނާއި މުޚާތަބުކުރައްވައި ވަހަކަފުޅުދައްކަވަމުން ރަޢީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މި ސަރުކާރުން ރާއްޖޭގެ ހުރިހާ ސަރަޙައްދެއްގެ ރައްޔިތުންނަށްވެސް އިޤްތިޞާދީ މަންފާ ހޯދޭނެ ވަޞީލަތްތައް ޤާއިމުކުރުމަށް އިސްކަންދެއްވާކަމަށެވެ. އެގޮތުން ކޮންމެ އަތޮޅެއްގައި އެއަރޕޯޓާއި، އިޤްތިޞާދީ ބަނދަރުތައް ތަރައްޤީކުރުމަށް އިސްކަންދޭކަމަށާއި، މ ވޭވަށުގައި ސިނާޢީ ބަނދަރެއް ތަރައްޤީކޮށް އިޤްތިޞާދީ މަންފާ ދިއްގަރު ސަރަހައްދުގެ ރައްޔިތުންނަށް ލިބިގެންދާނެކަމަށް ފާހަގަކުރެއްވިއެވެ.

މިއީ ކުރީގެ ސަރުކާރުތަކުން ވިސްނުންވެސް ގެންގުޅިފައިނުވާ ދާއިރާތަކެއްކަމަށާއި، ނަމަވެސް މިސަރުކާރުން ޤަބޫލުކުރަނީ ރާއްޖޭގައި އިޤްތިޞާދީ މަންފާ ހޯދޭނެ ވަސީލަތްތަކާއި ބިންވެސް އެބައޮތްކަން ކަމަށާއި، ރައްޔިތުންގެ އުންމިދުތައް ޙާސިލްކޮށްދީ އެ ވަޞީލަތްތަކުގެ ބޭނުން ހެޔޮގޮތުގައި ހިފާނެކަމަށް ރަޢީސް ވިދާޅުވިއެވެ.

ރާއްޖޭގެ ޒުވާނުންގެ އާބާދީ އިތުރުވަމުން އަންނައިރު ޒުވާނުންނަށް ބޭނުންވާ ވަސީލަތްތައް ޤާއިމުކުރުމަށް އިސްކަންދެއްވާ ކަމަށްވެސް ރައީސްވަނީ ވިދާޅުވެފައެވެ. އެގޮތުން އެމަނިކުފާނުގެ މެނިފެސްޓޯގެ ބައެއް ސިޔާސަތުތައް ޙިއްސާކުރައްވަމުން ވިދާޅުވީ ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށްދާދިއުން މަދުވެ ރާއްޖޭގައި ތިބެގެން ސިއްޙީ ދާއިރާގެ ޚާއްސަ ޚިދުމަތްތައް ލިބޭނޭކަމަށެވެ. ސިއްޙީ ދާއިރާގެ ކުރިމަގާއި ގުޅޭ ގޮތުން ރައީސް ވިދާޅުވީ ސަރަޙައްދީ ހޮސްޕިޓަލުތައް ފެންވަރު ރަނގަޅުކޮށް ކުޅިވަރު ކުޅޭ ފަރާތްތަކަށް ބޭނުންވާ ޕިޒިއޮޕެރަޕީ ސޯސް ސެންޓަރެއް ޤާއިމުކުރެއްވުމަށް މަސައްކަތް ކުރައްވާނޭކަމަށެވެ. އަދި އެމަނިކުފާނު ދެކެމުންއައި ހުވަފެނުގައި ކުލަޖެހެމުންދާއިރު، މިހާރު ސިއްޙީ ދާއިރާއޮތީ އެތައްގުނައަކުން ފެންވަރު ރަނގަޅުވެ "އައިސީޔޫ"ގައި ނޫންކަމަށް ވިދާޅުވެސް ވިދާޅުވިއެވެ.

ދިއްގަރުގައި ސަރުކާރުން ހުރިހާ އަސާސީ ޚިދުމަތްތަކާއި ވަސީލަތްތައް މިހާރު ފުރިހަމަކުރަައްވާފައިވާކަން ފާހަގަކުރައްވައި، ރަޢީސް ވިދާޅުވީ މި ސަރުކާރުން ދިއްގަރުގެ ތަރައްޤީއަށް 115 މިލިއަން ރުފިޔާ ހޭދަކުރައްވާފައިވާކަމަށެވެ. ނަމަވެސް 2008 ވަނަ އަހަރުން ފެށިގެން 2013 ވަނަ އަހަރާއި ހަމައަށް އޭރުގެ ސަރުކާރުތަކުން ހޭދަކޮށްފައިވަނީ އެންމެ 8މިލިއަން ރުފިޔާކަން ރައީސް ފާހަގަ ކުރެއްވި އެވެ.