ހެޔޮއަގުގައި ފްލެޓް ލިބޭ ސްކީމެއް ތައާރަފުކޮށް އެސްޓިއޯގެ މުވައްޒަފުންނަށް ފްލެޓަށް ކުރިމަތިލުމުގެ ފުރުސަތުން އެކުންފުނިން ހުޅުވާލައިފިއެވެ. އެސްޓީއޯގެ މުވައްޒަފުންނަށް ފްލެޓް ލިބޭ މި ސްކީމް ތައާރަފުކޮށްދެއްވީ އެކަމަށްޓަކައި ބޭއްވި ޚާއްސަ ޙަފްލާއެއްގައި އެސްޓީއޯގެ ޗެއަރމަން ހުސެއިން ޞާލިޙް މުޙައްމަދެވެ.
ސަރުކާރުން ކުރިއަށްގެންދާ ބޯހިޔާވަހިކަމުގެ އެންމެ ބިޔަ މަޝްރޫޢު "ހިޔާ"ގެ ދަށުން އެސްޓީއޯގެ މުވައްޒަފުންނަށް އަމާޒުކޮށްގެން އެކުންފުނިން ވަނީ ސާދަބުރީގެ 2 ޓަވަރު ޢިމާރާތްކުރުމަށް ނިންމާފައެވެ. މި ދެޓަވަރުގައި އެކުންފުނީގެ މުވަޒަފުންނަށް ހާއްސަކޮށްގެން 304 އެޕާޓްމަންޓް ހުންނާނެކަމަށްވެސް އެސްޓިއޯއިން ބުނެއެވެ. އޭގެތެރޭގައި އެއް ކޮޓަރީގެ 68 އެޕާޓްމަންޓާއި ދެ ކޮޓަރީގެ 36 އެޕާޓްމަންޓާއި ތިން ކޮޓަރީގެ 144 އެޕާޓްމަންޓް ހިމެނެއެވެ. އަދި ޕްރިމިއަމް އެޕާޓްމެންޓްގެ ގޮތުގައި 56 އެޕާޓްމަންޓް މި ޓަވަރުގައި ހުންނާނެކަމަށް އެސްޓިއޯއިން ބުނެއެވެ.
މި ފްލެޓްތަކުގެ ތެރެއިން އެއްކޮޓަރީގެ އެޕާޓްމަންޓްގެ އަގަކީ ނުވަލައްކަ ހަތްދިހަހާސް ރުފިޔާއެވެ. ދެ ކޮޓަރީގެ އެޕާޓްމަންޓެއްގެ އަގަކީ އެކެއް ޕޮއިންޓް ތިނެއް މިލިއަން ރުފިޔާއެވެ. އަދި ތިންކޮޓަރީގެ އެޕާޓްމަންޓްގެ އަގު އެކެއް ޕޮއިންޓް ހައެއް މިލިއަން ރުފިޔާއަށް އަރާއިރު ޕްރިމިއަމް އެޕާޓްމަންޓްގެ އަގަކީ އެކެއް ޕޮއިންޓް އަށެއް މިލިއަން ރުފިޔާކަމަށް އެސްޓީއޯއިން ބުނެއެވެ.
އެސްޓިއޯ ފްލެޓް ސްކީމް ތައާރަފުކުރުމަށް ބޭއްވި މިރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ޝަހީރު ވިދާޅުވީ އެސްޓީއޯގެ މުވައްޒަފުންނަށް ހުޅުވާލި ހައުސިންގ ސްކީމަކީ ރާއްޖޭގެ އެއްވެސް ކުންފުންޏަކުން ތަޢާރަފްކޮށްފައިނުވާވަރުގެ އަގު ހެޔޮ ސްކީމެއްކަމަށެވެ. އެގޮތުން ރާއްޖޭގެ ބާޒާރުގައި ފްލެޓްތަކުގެ އަގު ހުރި މިންވަރާ އަޅާބަލާއިރު ވަރަށް ބޮޑަށް އެސްޓީއޯގެ ފްލެޓްތައް އަގުހެޔޮވާނެކަމަށް ޝަހީރުވަނީ ވިދާޅުވެފައެވެ. ޝަހީރު ވިދާޅުވީ މި ސްކީމްތަކަށް ފައިސާދެއްކުމަށް މުވައްޒަފުންނަށް ހުރި ފަސޭހަގޮތްތައް ދެނެގަނެ އެންމެ ފަސޭހަގޮތެއް އެކަމުގައި ޚިޔާރުކޮށްފައިވާކަމަށާއި އަދި މި ސްކީމްގެ ދަށުން ފްލެޓަށް ކުރިމަތިލާ ގިނަ މުވައްޒަފުންތަކަކަށް ފްލެޓް ލިބޭނެކަމުގެ ޔަގީންކަން އެބައޮތްކަމަށެވެ.
މި ފްލެޓްތަކަށް ކުރިމަތި ލުމުގެ ޝަރުތު ތަކަށް ބަލާއިރު އެއްކޮޓަރީގެ އެޕާޓްމަންޓަށް ކުރިމަތި ލުމުގެ ފުރުސަތު އެސްޓީއޯގައި މަސައްކަތްކުރާތާ ތިން އަހަރުވެފައިވާ ކޮންމެ މުވައްޒަފަކަށް ވަނީ ހުޅުވާލާފައެވެ. ދެންހުރި ހުރިހާ ކެޓަގަރީއަކަށް އެސްޓީއޯގައި މަސައްކަތްކުރާތާ ފަސްއަހަރުވެފައިވާ ކޮންމެ މުވައްޒަފަކަށްވެސް ކުރިމަތިލެވޭނެކަމަށް އެކުންފުނިން ބުނެއެވެ.
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އެސްޓިއޯއިން ހަދާ ޓަވަރުތަކުގައި ބިންގާ މިދިޔަ އަހަރު ފެބްރުއަރީމަހުވަނީ އަޅާފައެވެ. އަދި އެތަނުގައި އަމަލީ މަސައްކަޔް ފަށާފައިވާކަމަށް އެސްޓިއޯއިން ބުނެއެވެ.