ޚަބަރު

ސްޓެލްކޯއިންދޭ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި


ސްޓޭޓް އިލެކްޓްރިކް ކޮންޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ދޭ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމުގެ ގޮތުން ޕާކިސްތާނުގެ ވޯޓަރ އެންޑް ޕަވަރ ޑިވެލޮޕްމަންޓް އޮތޯރިޓީއާއެކު އެއްބަސް ވުމެއްގައި ސޮއި ކޮށްފިއެވެ.

މި އެއްބަސްވުމުގައި ސްޓެލްކޯގެ ފަރާތުން އެކުންފުނީގެ ޗެއާމަން އަހްމަދު އައިމަން ސޮއި ކުރެއްވިއިރު، ވަޕްޑާގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ ފައިނޭންސް މެމްބަރު މުހައްމަދު އިކްރާމް ޙާން އެވެ.

ސްޓެލްކޯއާ އެކު ސޮއިކުރެވުނު އެއްބަސްވުމަށްފަހު، ވަޕްޑާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެއްބަސްވުމާއި އެއްގޮތަށް ދެކުންފުނި ދޭތެރޭ މުވައްޒަފުން ބަދަލު ކުރުމަށާއި އެކުންފުނިން ސްޓެލްކޯގެ މުވައްޒަފުންނަށް ތަމްރީން ޕްރޮގަރާމްތައް ކުރިއަށް ގެންދަން ހަމަޖެހިފައިވާ ކަމަށެވެ. އަދި ތަފާތު އެކި ކަންކަމުގައި ސްޓެލްކޯގެ މެމްބަރުން ބައިވެރި ކުރުމަށް ނިންމާފައިވާ ކަމަށެވެ.

ވަޕްޑާގެ ބަޔާނުގައި ބުނެފައި ވަނީ އެއްބަސްވުމާއި އެއްގޮތައް ސްޓެލްކޯއިން ދެވޭ ޚިދުމަތް ތަކުގެ ފެންވަރު ރަނގަޅު ކުރުމުގެ ގޮތުން ޕާކިސްތާނުން ރާއްޖެއަށް ބޮޑު އެހީތެރިކަމެއް ފޯރުކޮށްދޭނެ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ދެ ޤައުމުގެ ދެމެދުގައިވާ އެކުވެރިކަމުގެ ގުޅުން މިހާރަށްވުރެވެސް ބޮޑަށް އިތުރުވެގެން ދާނެ ކަމަށެވެ.

ސްޓެލްކޯއިން ދެމުން އަންނަ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމުގެ ގޮތުން އެ ކުންފުނިން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން އެކި ޤައުމުތަކާއެކު ތަފާތު އެއްބަސްވުންތަކުގައި ސޮއިކޮށް އެކުންފުނީގެ މުވައްޒަފުންނަށް ތަމްރީނު ދިނުމާއި އެހެނިހެންވެސް ކަންކަމުގައި އެހެނިހެން ޤައުމުތަކުގެ އެހީތެރިކަން ސްޓެލްކޯއިން އަންނަނީ ހޯދަމުންނެވެ.