ކުޅިވަރު

ރަޝިޔާ ޓީމާމެދު ފަހުރުވެރިވާން ޖެހޭ ސަބަބުތަކެއް އެބަހުރި - ކޯޗު


ރަޝިޔާގައި މިހާރު ކުރިއަށްދާ ވަރލްޑް ކަޕުގެ ކުއާޓާ ފައިނަލުން ޓީމު ކެޓި ނަމަވެސް ލިބުނީ ބޮޑު ކާމިޔާބީއެއް ކަމަށާއި، ޓީމާމެދު ފަހުރުވެރިވާންޖެހޭ ސަބަބުތަކެއް އެބަހުރި ކަމަށް ކޯޗު ސްޓަނިސްލާވް ޗެރްޗެސޯވް ބުނެފިއެވެ.

"ތެދެއް. އަހަރުމެން މުބާރާތް ނިންމާލީ ހުސްއަތާ. އެކަމަކު ހަޤީގަތުގައި މިލިބުނީ ވަރަށް ބޮޑު ކާމިޔާބީއެއް. އެކަކު ވެސް ކުރިން އުއްމީދެއް ނުކުރާނެ މި ޓީމު މިވަރަށް ކުޅެ މިހިސާބަށް ދަތުރުކޮށްފާނެ ކަމަށް،" ކޯޗު ބުންޏެވެ.

ނަމަވެސް އޭނާ ބުނީ އަމިއްލަ ގޮތުން ބަލާއިރު މިއީ ފުދޭ މިންވަރުގެ ކާމިޔާބީއެއްނޫން ކަމަށާއި، އޭނާގެ ކެރިއަރު އަދި އޮތީ ކުރިއަށް ކަމަށެވެ.

"ރަޝިޔާ ޓީމު މިވަނީ މުޅި ޤައުމު ފަހުރުވެރިކޮށްދީފައި. އަހަރުމެންގެ ކުޅުންތެރިންނަށް ދުނިޔޭގެ ލޯބި ލިބިއްޖެ. އަހަރެންގެ އަމިއްލަ ކުރިމަގާމެދު ބުނާނީ މިހިސާބުން އަދި ނިމުނީއެއްނޫނޭ. އަހަރެން މިހުރީ ކުރިއަށްދާގޮތަށް،" ކޯޗު ބުންޏެވެ.

ރަޝިޔާގެ ބޮޑުވަޒީރު ޑިމިޓްރީ މެޑްވެޑޭވް ވިދާޅުވީ 48 އަހަރު ތެރޭގައި ފުރަތަމަ ފަހަރަށް ކުއާޓާ ފައިނަލަށް ދެވުމަކީވެސް ބޮޑު ކާމިޔާބީއެއް ކަމަށެވެ. އަދި އޭނާ ވަނީ މެޗަށް ފަހު ޗޭންޖިން ރޫމަށް ވަޑައިގެން ޓީމާ ބައްދަލުކުރައްވާފައެވެ.

"އިހުގައި ރަޝިޔާ ވަރަށް ބޮޑެތި ކާމިޔާބީ ހޯދި. އެކަމަކު މިއީ މުޅިން އާބާބެއް. ޓީމުގެ ކުޅުމާއި ނަތީޖާއާމެދު އަހަރެން ހިތްހަމަޖެހޭ. މި ޓީމާމެދު އަހަރުމެން ފަހުރުވެރިވަން. ރަޝިޔާގެ ފުޓްބޯޅަ އަށް މި ވަރލްޑްކަޕާއި ނަތީޖާތަކުގެ ސަބަބުން ކުރިއެރުން އަންނާނެ،" ބޮޑުވަޒީރު ވިދާޅުވި އެވެ.