ޚަބަރު

އަގުހުރި އިނާމުތަކާއެކު ވެކޭޝަން އެކްސްޕޯ 2018 ފަށައިފި


އަގުހުރި ޢިނާމުތައް ލިބޭ ޕްރޮމޯޝަންތަކަކާއެކު، ވެކޭޝަން އެކްސްޕޯ ގެ 3 ވަނަ އެޑިޝަން ނޭޝަނަލް އާރޓް ގެލެރީގައި ފަށައިފިއެވެ.

މިއަދުފެށި މި އެކްސްޕޯ ކުރިއަށްއޮތް 3 ދުވަހުގެ މުއްދަތަށް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވެއެވެ. ވެކޭޝަން އެކްސްޕޯ އަކީ ރާއްޖޭ ގެ ފަތުރުވެރިކަމާއި ވިޔަފާރި އިތުރަށް ކުރިއަރުވައި، އެ ދާއިރާއާ ގުޅުންހުރި ޚިދުމަތްތައް ފޯރުކޮށްދޭ ފަރާތްތަކުގެ މެދުގައި، ޢާންމުންގެ މެދުގައި ގުޅުން ޤާއިމްކުރެވޭނެ ޕްލެޓްފޯމެއް އުފެއްދުމުގެ މަޤްޞަދުގައި ކުރިއަށް ގެންދާ އެކްސްޕޯއެކެވެ.

މި އަހަރު ގެ އެކްސްޕޯގައި 10 ދާއިރާ އަކުން 23 އެގްޒިބިޓަރުން ވަނީ ބައިވެރިވެފައެވެ. އޭގެ ތެރޭގައި ރާއްޖެ އާއި ބައިނަލް އަޤްވާމީ ފަތުރުވެރިކަމުގެ ޖަމްޢިއްޔާތަކާއި އެއަރލައިންތަކުގެ އިތުރުން ހޮސްޕިޓަލާއި، އިންޝުއަރެންސް ގެ ޚިދުމަތް ފޯރުކޮށްދޭ ފަރާތެއް ހިމެނެއެވެ. އަދި ޑިޖިޓަލް ސަރވިސް، ޓްރެވެލް އޭޖެންޓްސް، ގެސްޓަ ހައުސް، ޑައިވް ސެންޓަރުތަކާއި، ރެސްޓޯރެންޓްގެއިތުރުން ޙައްޖު ގްރޫޕަކާއި އެން.ޖީ.އޯއެއްގެ ޚިދުމަތް ޢާންމުންނަށް ލިބޭނެ އިންތިޒާމް މި ފެއަރ މެދުވެރިކޮށް ލިބޭނެއެވެ.
މި އެކްސްޕޯގައި ބައިވެރިވާ އެގްޒިބިޓަރުން ފޯރުކޮށްދޭ ޚިދުމަތްތަކުގެ ގެ މަޢުލޫމާތު ފަސޭހައިން ލިބޭނެ ގޮތް ވަނީ ހަމަޖެހިފައެވެ. މި އެކްސްޕޯއަށް ޒިޔާރަތްކޮށްގެން ބައިވެރިވެވޭ ލަކީ ޑްރޯތަކުގެ ތެރޭގައި ޙައްޖު ކޯޕަރޭޝަންގެ ޢުމްރާ ދަތުރަކާއި، އަލް މަނާސިކް މޯލްޑިވްސް ގެ ފަރާތުން ދޭ ޢުމްރާ ދަތުރެއް ހިމެނެއެވެ.

މި އެކްސްޕޯ ގެ އެގްޒިބިޓަރުން ބުނާ ގޮތުގައި މިއީ ދިވެހިންނަށް ނުހަނު ބޭނުންތެރި އެކްސްޕޯއެކެވެ. ކޮންމެ އަހަރަކުވެސް ބޮޑު ތަރުޙީބެއް މި އެކްސްޕޯއަށް ލިބިގެންދާކަން އެ ފަރާތްތަކުން ފާހަގަކުރެއެވެ.
ވެކޭޝަން އެކްސްޕޯ 2018 ހުޅުވުމުގެ ޙަފްލާގައި ޔޫ.އެން.ޑީ.ޕީން ދިވެހި ރާއްޖެއަށް ކަނޑައަޅާފައި ހުންނަ މަންދޫބު ޝޯކޯ ނޯޑާ ގެ އިތުރުން މި ދާއިރާ ގެ ގިނަ ޢަދަދެއްގެ ބޭފުޅުން ވަނީ ބައިވެރިވެފައެވެ. މި އެކްސްޕޯ އަކީ މޯލްޑިވްސް ނޭޝަނަލް ޗެމްބަރ އޮފް ކޮމާރސްއިން އެންޑޯރސްކޮށް، އިނަރ މޯލްޑިވްސް އާއި ތައިލޭންޑް ޓޫރިޒަމް ގެ އިތުރުން އެލައިޑް އިންޝުއަރެންސް ސްޕޮންސަރ ކުރާ އެކްސްޕޯއެކެވެ.