ޚަބަރު

5 މަސްތެރޭ 22،000 ފްލައިޓް، 2 މިލިއަނަށްވުރެ ގިނަ ޕަސެންޖަރުން


މި އަހަރުގެ ފުރަތަމަ ފަސް މަސްދުވަހު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ޖެއްސި ފްލައިޓްގެ އަދަދު ބާވީސް ހާހަށްވުރެ މައްޗަށް އަރައި އެއަރޕޯޓް ބޭނުންކުރި ފަސިންޖަރުންގެ އަދަދު ދެ މިލިއަނަށްވުރެ މައްޗަށް އަރައިފިއެވެ.

ރާއްޖޭގެ މައި ގޭޓް ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް ގެ ތަރައްޤީގެ ގިނަ މަސައްކަތްތަކެއް ސަރުކާރުން އަންނަނީ ކުރަމުންނެވެ. އެގޮތުން ދެވަނަ ރަންވޭ ހެދުމުގެ މަސައްކަތާއި އާ ޓާމިނަލް އާއި ފިއުލް ސްޓޯރޭޖްގެ ޖާގަ އިތުރުކުރުމުގެ މަސައްކަތް ފާހަގަކޮށްލެވެއެވެ. މި ހުރިހާ މަޝްރޫޢުތަކުގެ މައިގަނޑު އެއް ބޭނުކަމީ އެއަރޕޯޓްގެ ޖާގަ ތަނަވަސްކޮށް އެއަރޕޯޓަކީ ފަސިންޖަރުންނަށް ހިތްފަސޭހަތަކަށް ހެދުމެވެ.

މިއަހަރުގެ ފުރަތަމަ 5 މަސްދުވަހު ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް ބޭނުންކުރި ފަސިންޖަރުންގެ އަދަދުވަނީ ދެމިލިއަން ތިރީސް ހަހާސް ހަތަރުސަތޭކަ ހަޔަކަށް އަރާފައެވެ. މިއީ އޭގެ ކުރީ އަހަރާއި އަޅާބަލާއިރު 9 އިންސައްތައިގެ ކުރިއެރުމެކެވެ.
މިމުއްދަތުގެ ތެރޭގައި އެއަރޕޯޓަށް ޖެއްސި ފްލައިޓްގެ އަދަދު ބާވީސްހާސް ހަތްސަތޭކަ ސާޅީސް ހަޔަކަށް އަރައި އޭގެ ކުރީއަހަރާއި އަޅާބަލާއިރު 11 އިންސައްތަ ވަނީ މައްޗަށް ޖެހިލާފައެވެ. މީގެއިތުރުން އެއަރޕޯޓަށް ކާގޯގެ ގޮތުގައި އެތެރެކުރި މުދަލުގެ މިންވަރުވެސް މިމުއްދަތުގައިވަނީ ނަވާވީސްހާސް ހަތަރުސަތޭކަ ފަންސާސް އަށަކަށް އަރައި 8 އިންސައްތައިގެ ކުރިއެރުމެއް ހޯދާފައެވެ.

މިއަހަރުގެ ފުރަތަމަ 5 މަސްދުވަހު ފަސިންޖަރުން އެންމެ ގިނަ އަދަދަކަށް އެއަރޕޯޓް ބޭނުންކުރީ ފެބްރުއަރީ މަހުގެ ތެރޭގައެވެ. އެއީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހާއި އަޅާބަލާއިރު އެއަރކްރާފްޓް މޫމަންޓްސްއިން 24 އިންސައްތައި އިތުރުވެ، ފަސިންޖަރުންގެ އަދަދުން 15 އަދި ކާގޯ އުފުލި މިންވަރުން 17 އިންސައްތައިގެ އިތުރުވުމެކެވެ.

އެމްއޭސީއެލްގެ 52 ވަނަ އަހަރީދުވަސް ފާހަގަކުރުމުގެ ގޮތުން މިއަހަރުގެ އެޕްރީލްމަހު ވަނީ ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގެ ޗެކިންކައުންޓަރުގެ ކިއުގައި ނުޖެހި ޗެކިން ކުރެވޭ ޚިދުމަތެއްވެސް ތަޢާރަފްކޮށްފައެވެ.