ކުޅިވަރު

ޕެނަލްޓީގައި އިނގިރޭސިންގެ ނާކާމިޔާބު 8 ނަންބަރު !


ޕެނަލްޓީ ޖަހައިގެން ބޮޑު މުބާރާތެއްގައި ކާމިޔާބުނުލިބި ދިގުލައިދިޔަ ސިލްސިލާއަށް އިނގިރޭސިން އެންމެ ފަހުން މިވަނީ ނިމުމަކަށް ގެނެސްފަ އެވެ. ރަޝިޔާގައި މިހާރު ކުރިއަށްދާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ދެ ވަނަ ބުރުގައި ކޮލަމްބިއާ އަތުން ޕެނަލްޓީ ޖަހައިގެން އިނގިރޭސިން މޮޅުވީ 4-2އިންނެވެ. މިއީ އިނގިރޭސީން ތާރީހު ބަދަލުކޮށްލި މެޗެކެވެ.

ނަމަވެސް މި މެޗުގައި އެއްކަމެއް ވަނީ ތަކުރާރުވެފަ އެވެ. އެއީ އިނގިރޭސި 8 ނަންބަރު ކުޅުންތެރިޔާ އަށް މިފަހަރު ވެސް ޕެނަލްޓީ ކާމިޔާބު ނުކުރެވުމެވެ. މިއީ 1990ގެ ފަހުން ކޮންމެ މުބާރާތުގައި ކަންތައްވެފައިވާ ގޮތެކެވެ.

އިނގިރޭސި 8 ނަންބަރު ޖާޒީ މިފަހަރުގެ ވޯލްޑް ކަޕުގައި ބޭނުންކުރަމުންދަނީ ލިވަޕޫލްގެ ކެޕްޓަން ޖޯޑަން ހެންޑަސަން އެވެ. ކޮލަމްބިއާ މެޗުގައި އިނގިރޭސިންގެ ތިން ވަނަ ޕެނަލްޓީ އޭނާ ޖެހުމުން ކީޕަރު ޑޭވިޑް އޮސްޕިނާ ވަނީ ދިފާއުކޮށްފަ އެވެ.

1990 ވަނަ އަހަރުގެ ވޯލްޑް ކަޕުގައި ޕެނަލްޓީ ނާކާމިޔާބުކޮށްލީ އިނގިރޭސިންގެ 8 ނަންބަރު ކުޅުންތެރިޔަކީ ކްރިސް ވަޑެލް އެވެ. 1998 ވަނަ އަހަރު ޕެނަލްޓީ ނާކާމިޔާބުވީ 8 ނަންބަރު ޖާޒީގައި ކުޅުނު ޑޭވިޑް ބެޓީ އަތުންނެވެ. އަދި 2006ގައި ޕެނަލްޓީ ކާމިޔާބުކޮށްލީ 8 ނަންބަރު ޖާޒީގައި ކުޅުނު މަޝްހޫރު ފްރޭންކް ލަމްޕާޑެވެ.

ނަމަވެސް ޕެނަލްޓީ ޖަހައިގެން މިފަހަރު ޓީމު މޮޅުވުމުން އިނގިރޭސިން ތިބީ ހިތްހަމަޖެހިފަ އެވެ. މިލިޓަރީ ތަމްރީނުތަކުގެ އުކުޅުތަކާއި ނަފްސާނީ އިލްމުވެރިންގެ ދިރާސާތަކާއި އެނޫން ވެސް ގޮތްގޮތުން މައުލޫމާތު ހޯދައިގެން ޕެނަލްޓީ ޖަހާ ކުޅުންތެރިން ހޮވީ އެންމެ އިތުބާރާއެކު ޖަހާނެ ކުޅުންތެރިންނަށް އިސްކަންދީގެންނެވެ. ކުރީ އަހަރުތަކުގެ ތަޖުރިބާއަށް ބަލާފައި އަވަސް އަރުވާލައިގެން ޕެނަލްޓީ ނުޖެހުމަށް ކުޅުންތެރިންނަށް އޮތީ ނަސޭހަތްތެރިވެފަ އެވެ.

މީގެ އިތުރުން ގޯލްކީޕަރު ޖޯޑަން ޕިކްފޯޑަށް ކޮލަމްބިއާ ކުޅުންތެރިން ޕެނަލްޓީ ޖަހާނެގޮތް ލިޔެދީފައިވަނީ ފެންއަޅާ ހަމެއްގަ އެވެ. ޕެނަލްޓީ ޝޫޓްއައުޓަށް އޭނާ ހަން ހިފައިގެން ދިޔައީ ތުވާއްޔެއްގައި އޮޅާލައިގެންނެވެ. އެއީ ކޮލަމްބިއާގެ ކީޕަރު އޮސްޕިނާ އަށް އޭގައި ލިޔެފައިވާ އެއްޗެއް ފޮރުވުމަށްޓަކަ އެވެ.