ރާއްޖޭގެ ތާރީޚުގައިވެސް ފުރަތަމަ ފަހަރަށް ޤާނޫނުން ބާރުލިބޭގޮތަށް ފަތުވާ މަޖިލީހެއް އުފައްދާ، ބައިނަލްއަޤްވާމީ ފަތުވާދޭ ސެކިއުރިޓީ ކައުންސިލެއްގެ މެމްބަރަކަށް ރާއްޖެފަދަ ކުޑަ ޤައުމެއް ވެގެންދިއުމަކީ ރައީސް ޔާމީންގެ ޒަޢާމަތުގައި އިސްލާމީކަންކަމަށް އިސްކަންދޭ މިންވަރު ހާމަވެގެންދާކަމެއްކަމަށް މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒްސް ޑރ. އަޙްމަދު ޒިޔާދު ވިދާޅުވެއްޖެއެވެ.
ރާއްޖޭގައި ފުރަތަމަ ފަހަރަށް ބާއްވާ ބައިނަލްއަޤްވާމީ ފަތުވާ ކޮންފަރެންސްގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅުދައްވަމުން މިނިސްޓަރ ޑރ. އަހުމަދު ޒިޔާދު ވިދާޅުވީ އިސްލާމީ ވެރިކަމެއްގެ ހަޤީޤީ ސިފަ ފުރިހަމަވެގެންދިޔައީ ރައީސް ޔާމީންގެ ސަރުކާރުގައިކަމަށެވެ.
އިސްލާމީ ހަމަތަކާއި އުސޫލުތައް ދިވެހި ޤައުމުގައި ދެމެހެއްޓުމައްޓަކައި ފަތުވާ މަޖިލީހެއް އުފައްދާ އެ މަޖިލީހަށް ޤާނޫނީ ބާރުވެރިކަން ލިބުމަކީ މުހިންމުކަމެއްކަން ފާހަގަކުރައްވާ މިނިސްޓަރ ޒިޔާދު ވިދާޅުވީ ރައީސް ޔާމީންގެ ދީނީ ސިޔާސަތުގެ ވަރުގަދަކަން މިކަމުން ހާމަވެގެން ދާކަމަށެވެ. އިސްލާމީ ފަތުވާ ދޭ މަޖިލީހުގެ ޒިންމާ އަކީ ދީނީ ގޮތުން ޚިޔާލުތަފާތުވުން އުފެދޭ ކަންކަމުގައި ގޮތް ނިންމާ އެފަދަ ކަންކަމުގައި އިރުޝާދު ދިނުންކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ މި މަޤުޞަދު ޙާސިލުކުރުމައްޓަކައި ރައްޔިތުން ހޭލުންތެރިކުރުމަށް ޕްރޮގްރާމްތަކެއް ހިންގުމަށް ރާވާފައިވާކަމަށެވެ.
މިނިސްޓަރ ޒިޔާދު ވިދާޅުވީ 2016 ވަނަ އަހަރު މި މަޖިލިސް އުފެއްދުމަށްފަހު މި މަޖިލީހުން މުހިންމު ގިނަ މަސައްކަތްތަކެއް ކޮށްފައިވާކަމަށެވެ. އެގޮތުން މަޖިލީހުގެ މެމްބަރުން ގިނަ އަދަދެއްގެ ބައިނަލްއަޤްވާމީ ފަތުވާކޮންފަރެންސްތަކުގައި ބައިވެރިވެފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި ރާއްޖޭގައި ފުރަތަމަ ފަހަރަށް ބާއްވާ ބައިނަލްއަޤްވާމީ ފަތުވާ ކޮންފަރެންސް ބޭއްވުމަކީވެސް މި މަޖިލީހުގެ ކާމިޔާބީއަށް އިތުރުވެގެންދާ އިތުރު ބޮޅެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ރާއްޖޭގައި ދީނީ ގޮތުން ޚިޔާލު ތަފާތުވުން އުފެދޭ ކަންކަމުގައި ސަރުކާރަށާއި ރައްޔިތުންނަށް ދީނީ ފަތުވާ ދެއްވުމަށް އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ ނަމުގައި މަޖިލީހެއް އުފައްދާފައިވަނީ 2016 ވަނަ އަހަރުގައެވެ.
އިސްލާމީ ފަތުވާ ދޭ މަޖިލީހުގެ ރައީސްއަކީ އައްޝައިހު މުހައްމަދު ރަޝީދު އިބްރާހިމްއެވެ. ނާއިބް ރައީސްއަކީ ޝައިހް އިބްރާހިމް އަޙުމަދުއެވެ. އެ މަޖިލީހުގައި ދެން ހިމެނޭ މެމްބަރުންނަކީ ޝައިހް ޙަސަން ތައުފީޤާއި ޝައިހް މޫސާ އަންވަރާއި ޝައިހް އިސްހާޤު މުޙައްމަދު މޫސާފުޅެވެ.