ކުޅިވަރު

ސްވިޒަރލެންޑް ކަޓުވާލުމަށްފަހު، ސްވިޑުން ކުއާޓަރ ފައިނަލަށް!


ފޯސްބާރގް ކާމިޔާބުކޮށްދިން ހަމައެކަނި ލަނޑުން ސްވިޒަރލެންޑް ބަލިކޮށް، ސްވިޑުން ވަރލްޑްކަޕް ފުޓްބޯޅަ މުބާރާތުގެ ކްއާޓަރ ފައިނަލުން ޖާގަ ކަށަވަރުކޮށްފިއެވެ.

1-0 ން ސްވިޑުން ކާމިޔާބުކުރި މެޗުގެ ހަމައެކަނި ލަނޑު 66 ވަނަ މިނިޓްގައި ފޯސްބާރސް ކާމިޔާބުކުރީ ޑީ އޭރިޔާ ތެރެއިން ފޮނުވާލި ބާރު ބޯޅައިންނެވެ. އެބޯޅަ ގޯލަށް ވަނީ ސްވިޒަލެންޑްގެ އަކަންޖީ ފައިގައި ޖެހިފައި ބޯޅައިގެ މިސްރާބު ބަދަލުވެގެންނެވެ.

މެޗުގެ އިތުރު ވަގުތުގެވެސް އެންމެ ފަހު ވަގުތުކޮޅުގެ ތެރޭގައި ރެފްރީ ވަނީ ސްވިޑުންއަށް ޕެނަލްޓީއެއް ދިނުމަށްފަހު، ވީއޭއާރުގެ އެހީގައި އިތުރަށް ބެލުމަށްފަހު ނިންމުން ބަދަލުކޮށްފައެވެ. އެއީ މާޓިން އޮލްސަން ބޯޅަ ހިފައިގެން އޭރިޔާ ތެރެއަށް ވަންނަނިކޮށް އޭނާގެ ފަހަތުން އައިސް ސްވިޒަލެންޑްގެ ލޮންގ ކޮއްޕާލުމުން ދިން ޕެނަލްޓީއެކެވެ. އެފައުލަށް ލޮންގަށް ރެފްރީ ރަތްކާޑް ދެއްކި ނަމަވެސް ވީޑިއޯ ބެލުމަށްފަހު ރެފްރީ ނިންމީ ފައުލްކުރީ އޭރިޔާ ބޭރުންކަމަށެވެ. އެހެންކަމުން އެތަނުން ރެފްރީ ދިނީ ޖެހުމެކެވެ. ނަމަވެސް ރަތްކާޑް ރެފްރީ ބާޠިލެއް ނުކުރެވެއެވެ. ސްވިޑުން ކުޅުންތެރިން އެބޯޅަ ފޮނުވާލުމާއެކު ރެފްރީ މެޗު ނިންމާލިއެވެ.

މިމޮޅާއެކު ކްއާޓަރ ފައިނަލްގައި ސްވިޑުން ވާދަކުރަން ޖެހޭނީ މިރޭ އިންގްލެންޑާއި ކޮލަމްބިޔާ ވާދަކޮށް މޮޅުވާ ޓީމަކާއެވެ. މިއީ 1994 ވަނަ އަހަރުގެ ފަހުން ސްވިޑުން މުބާރާތުގެ ކްއާޓަރ ފައިނަލުން ޖާގަ ހޯދި ފުރަތަމަ ފަހަރެވެ.