ޚަބަރު

ހޮޓެލް ޖެންއިން ޕްލާސްޓިކް ކޮތަޅު ބޭނުންކުރުން ހުއްޓާލައިފި


ރާއްޖޭގެ މަޝްހޫރު ފައިވް ސްޓަރ ހޮޓެލް، ހޮޓެލް ޖެންއިން ޕްލާސްޓިކް ކޮތަޅު ބޭނުންކުރުން ހުއްޓާލައިފިއެވެ. ކޮންމެ އަހަރެއްގެވެސް ޖުލައިމަހުގެ 3 ވަނަ ދުވަހު ފާހަގަކުރާ ބައިނަލްއަޤްވާމީ ޕްލާސްޓިކް ފްރީ ޑޭގެ މުނާސަބާ ފާހަގަކުރުމުގެ ގޮތުން ބޭއްވި ހަރަކާތެއްގައި ހޮޓެލް ޖެންއިން ވަނީ އެ ހޮޓެލްގެ އެއްވެސް ޚިދުމަތެއްގައި ޕްލާސްޓިކް ކޮތަޅު ބޭނުންނުކުރާނެކަމަށް ބުނެފައެވެ.

އަދި މީގެ އިތުރުން ބައިނަލްއަޤްވާމީ ޕްލާސްޓިކް ފްރީ ޑޭ ފާހަގަކުރުމައްޓަކައި ހޮޓެލް ޖެންއިން ވަނީ ކަރުދާސް ކޮތަޅު ބޭނުންކުރުން ޕްރޮމޯޓްކުރުމުގެ ކެމްޕެއިންއެއްވެސް ފަށައިފައެވެ.

މި ކެމްޕޭންގެ ދަށުން މި މަސްނިމެންދެން ހޮޓެލް ޖެންގެ ލޮބީގައި ބަހައްޓާފައި ހުންނަ ޕްލެކާޑްސް އާއި ކަރުދާސް ކޮތަޅު ހަރުކޮއްފަހުރި ބޯޑާއިއެކު ސެލްފީ ނެގުމުގެ ފުރުސަތު އާންމުންނަށްވަނީ ހުޅުވާލާފައެވެ. ހޮޓެލް ޖެންގެ މިއިސްނެގުމާ ބެހޭގޮތުން މީޑިއާއަށް މަޢުލޫމާތުދެއްވަމުން އެ ހޮޓަލުގެ މާކެޓިންގް އެންޑް ކޮމިއުނިކޭޝަންސް މެނޭޖަރ ނީނާ މުޙައްމަދު ވިދާޅުވީ މި އިސްނެގުމާއެކު ހޮޓަލުގެ ޓޭކްއަވޭފަދަ ޚިދުމަތްތަކުގައިވެސް ބޭނުންކުރާނީ ޕްލާސްޓިކް ކޮތަޅުގެ ބަދަލުގައި ކަރުދާސްކޮތަޅުކަމަށެވެ. އަދި މީގެ އިތުރުން އެ ކުންފުނީގެ މުވައްޒަފުންވެސް މި އިސްނެގުމުގެ ދަށުން އަބަދުވެސް ކަރުދާސްކޮތަޅު ބޭނުންކުރުމަށް ބާރުއަޅާފައިވާކަން ނީނާ ފާހަގަކުރެއްވިއެވެ.

ހޮޓެލް ޖެންއިން މީގެ ކުރިންވެސް ޕްލާސްޓިކް ބޭނުންކުރުން މަދުކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާކަން ފާހަގަކުރައްވައި ނީނާ ވިދާޅުވީ މިދިޔަ އަހަރު ބީއިންގް ޕާރލޭ އާއި ގުޅިގެން ޕްލާސްޓިކް ފުޅި އެއްކުރުމުގެ ޕްރޮގްރާމެއް ފަށައިފައިވާކަމަށާ، މި ޕްރޮޖެކްޓްގެ ދަށުން މިހާތަނަށް 667 ކިލޯގެ ޕްލާސްޓިކްފުޅި އެއްކޮށް ބީން ޕާލޭއަށް ފޮނުވާފައިވާކަމަށެވެ.

ހޮޓެލް ޖެންއިން ކުރިއަށް އޮތްތަނުގައިވެސް މިފަދަ އިތުރު ޕްރޮޖެކްޓްތަށް ހިންގުމަށް ރާވާފައިވާކަމަށް އެ ހޮޓަލުން މަޢުލޫމާތުދެއެވެ.