ޚަބަރު

ޣައިރު މުސްލިމް ފަނޑިޔާރުން ރާއްޖެގެންނަން ގޮވާލުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން - އިލްޔާސް ހުސައިން


ޣައިރު މުސްލިމް ފަނޑިޔާރުން ރާއްޖެ ގެންނަން ގޮވާލުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އަދާލަތު ޕާޓީ އިލްމުވެރިންގެ މަޖިލީހުގެ މެމްބަރު އަދި މަޝްހޫރު ދީނީ ޢިލްމުވެރިޔާ އައްޝައިޚް އިލްޔާސް ޙުސައިން ވިދާޅުވެއްޖެއެވެ. ޝައިޚް އިލްޔާސް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މުސްލިމުންގެ މައްޗަށް ހުކުމް ކުރުމަށް ޣައިރު މުސްލިމް ފަނޑިޔާރުން ގެނައުމަށް ގޮވާލުމަކީ ހިތާމަ ހުރި ކަމެއް ކަމަށާއި، އެފަދައިން ގޮވާލުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

ޝައިޚް އިލްޔާސް ޓްވީޓް ކުރައްވާފައި މިވަނީ އިދިކޮޅު އެމްޑީޕީއާއި އެކު އަދާލަތުޕާޓީން އެކުގައި މަސައްކަތް ކުރަމުންދަނިކޮށް އެމްޑީޕީގެ ވެރިކަމެއްގައި، ރާއްޖޭގެ ޝަރުޢީ ކޯޓުތަކުގައި ބޭރު ޤައުމުތަކުގެ ފަނޑިޔާރުންނަށް މަސައްކަތް ކުރެވޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް އެމްޑީޕީގެ ރިޔާސީ މެނިފެސްޓޯގައި ހިމަނާފައިވާ ދަނޑިވަޅެއްގައެވެ.

އިދިކޮޅު އެމްޑީޕީގެ މެނިފެސްޓޯގައި ވަނީ ރާއްޖޭގެ ކޯޓުތަކުގައި ރާއްޖޭންބޭރުގެ ފަނޑިޔާރުންނަށް މަސައްކަތް ކުރެވޭ ގޮތް ހަދަނީ ޝަރުއީ ދާއިރާގެ ހުކުމްތަކަކީ ރައްޔިތުން ބަލައިގަންނަ އެއްޗަކަށް ހެދުމަށް ކަމަށް ބުނެފައެވެ. އަދި އެފަދައިން ކަނޑައާޅާފައި ވަނީ ރާއްޖޭގެ ތަޢުލީމީ ދާއިރާގައި އަދި ސިއްޚީދާއިރާގެ އިތުރުން އެނޫން ދާއިރާތަކުގައިވެސް ބޭރުގެ ފަރާތްތައް މަސައްކަތް ކުރާކަމަށް ބުނެއެވެ.

އިދިކޮޅު އެމްޑީޕީގެ ރިޔާސީ މެނިފެސްޓޯގައި ވަނީ ޝަރުޢީ ދާއިރާއަށް ބޮޑެތި ބަދަލުތަކެއް ގެންނަން ހުށަހަޅާފައެވެ. އެގޮތުން، ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) ގެ ދައުރު ކުޑަކޮށް، ޝަރުޢީ ދާއިރާގެ ބައެއް ކަންކަން ބެލެހެއްޓުމުގެ ޒިންމާ މަތިކޮށްފައިވާ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަކީ، ދިވެހި ރާއްޖޭގެ ސުޕްރީމް ކޯޓާއި ވަކިން، މިނިވަން ކޮށް ހިނގާ ތަނެއްކަމަށް ހަމަޖެއްސުމަށް އެމްޑީޕީގެ މެނިފެސްޓޯގައި ވަނީ ހިމަނާފައެވެ.

މީގެ އިތުރުންވެސް އެމްޑީޕީގެ މެނިފެސްޓޯގައި ވަނީ، ޝަރުޢީ ދާއިރާގައި މުޅިން އައު ބައެއް މުއައްސަސާތައް ޤާއިމްކުރުމަށް ހުށަހަޅާފައެވެ. އެގޮތުން، ޤާނޫނީ ބާރު ލިބިގެންވާ ކައުންސިލަކާއި، ޕަބްލިކް ޑިފެންޑާސް އޮފީހެއް ހުޅުވުމަށް ވަނީ ހުށަހަޅާފައެވެ. އެމްޑީޕީގެ މެނިފެސްޓޯގައި ރާއްޖޭގެ ކޯޓުތަކުގައި ރާއްޖޭންބޭރުގެ ފަނޑިޔާރުންނަށް މަސައްކަތް ކުރެވޭ ގޮތްހަދާނެ ކަމަށް ބުނެފައިވާތީ ސަރުކާރަށް ތާއިދުކުރާ ރައްޔިތުންގެ މަޖިލީހަށް ނިސްބަތްވާ ބައެއް މެމްބަރުން، ޕީއެސްއެމް ނިވްސް އަށް ވިދާޅުވީ ދައުލަތުގެ ތިން ބާރުގައި ބޭރުގެ ފަރާތަކުން މަސައްކަތް ކުރަން ފަށައިފިނަމަ ދިވެހިންގެ ބާރު ކެނޑި އަޅުވެތިކަމަށް ގައުމު ވެއްޓޭނެކަމަށެވެ. އަދި ސަލާމަތީ ބާރު ތަކުގެ އިތުރުން ވެރިކަމުގެ ބާރުގައި ވެސް ދިވެހިން ނޫން ބަޔަކު ހިމަނަން އެމްޑީޕީން ފަސް ނުޖެހޭނޭ ކަމަށްވެސް ވިދާޅުވިއެވެ.

އެމްޑީޕީގެ ރިޔާސީ މެނިފެސްޓޯގައި ރާއްޖޭގެ ކޯޓުތަކުގައި ރާއްޖޭންބޭރުގެ ފަނޑިޔާރުންނަށް މަސައްކަތް ކުރެވޭ ގޮތް ހަދާނެކަމަށް ބުނެފައިވާތީ ޕީޕީއެމްގެ ބައެއް މެމްބަރުން ޕީއެސްއެމް ނިވްސް އަށް ވިދާޅުވީ އެމްޑީޕީން އެގޮތަށް ކަން ކުރަން ނިންނާފައިވާތީ އެކަމުން އެނގިގެން ދަނީ ގައުމުދެކެ އެއްވެސް މިންވަރަކަށް ލޯތްބެއް އެމްޑީޕީގެ މެމްބަރުގެ މެދުގައި ނެތްކަން އެނގިގެންދާކަމަށެވެ.