ކުޅިވަރު

ކުޅުންތެރިންނަށް އައްސަރިބަހާއި ސާބަސް: ބެލްޖިއަމް ކޯޗު


ފަހަތުން އަރާ 3-2 ން ޖަޕާން ބަލިކޮށް، ވަރލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދުމުން ބެލްޖިއަމްގެ ކުޅުންތެރިންނަށް ކޯޗު ރޮބާޓޯ މާޓިނޭޒް ފަށްފަށުން ތައުރީފްކޮށްފިއެވެ.

މިއީ ދެ ލަނޑުން ފަހަތުގައި އޮއްވައި ފާއިތުވެދިޔަ 48 އަހަރު ތެރޭގައި ޓީމެއް ވަރލްޑް ކަޕުގެ ކުއާޓާ ފައިނަލަށް ދިޔަ ފުރަތަމަ ފަހަރެވެ.
މުބާރާތުގެ ސެމީ ފައިނަލުގައި ފުރަތަމަ ފަހަރަށް ކުޅެން ކުއާޓާ ފައިނަލުގައި އަންނަ ހުކުރު ދުވަހު ބެލްޖިއަމް ބައްދަލު ކުރާނީ ފަސް ފަހަރުގެ ދުނިޔޭގެ ޗެމްޕިއަން ބްރެޒިލާ އެވެ.
ކޯޗު މާޓިނޭޒް ބުނީ ރޭގެ މެޗުގައި އޭނާގެ ޓީމުން ހެދި ގޯހެއް ނެތް ކަމަށެވެ.

"މެޗުގައި ގޯސްކޮށް ދިޔަ އެއްވެސް ކަމެއްނެތް. އަހަރެންގެ ކުޅުންތެރިންނަށް ޝުކުރާއި ތައުރީފް ހައްޤު. އަހަރެން އެމީހުންނަށް ސެލިއުޓްކުރަން،" ކޯޗު ބުންޏެވެ.

އޭނާ ބުނީ ވަރލްޑް ކަޕުގައި އޮންނާނީ އަބަދުވެސް އެންމެ ފުރިހަމައަށް މެޗު ނިންމާލުން ކަމަށާއި، މި ވަރލްޑް ކަޕުގައި ބެލްޖިއާމް ކުރިއަށްދާނެ ކަމާމެދު އުއްމީދުކޮށްގެން ތިބުމަށް އެދޭ ކަމަށެވެ.