ކުޅިވަރު

އުނދަގުލެއް ނެތި ބްރެޒިލް ކްއާޓާ ފައިނަލަށް!


2-0 ން މެކްސިކޯ ބަލިކޮށް، ފީފާ ވަރލްޑްކަޕްގެ ކްއާޓަރފައިނަލުން ބްރެޒިލް ޖާގަ ހޯދައިފިއެވެ.

މުބާރާތުގެ އެންމެ ކާމިޔާބު ޓީމް ކްއާޓަރ ފައިނަލަށް ދަތުރުކުރި މެޗުގައި ފުރަތަމަ ލަނޑު ޖަހާ، ދެވަނަ ލަނޑު ޖަހަން ފުރުޞަތު ތަނަވަސްކޮށްދިނީ ނޭމާއެވެ. 51 ވަނަ މިނިޓްގައި ފުރަތަމަ ލަނޑު ނޭމާ ޖެހީ ވިލިއަމްއަށް ބޯޅަ ދިނުމަށްފަހު ގޯލް އޭރިޔާ ތެރެއަށްވަދެ، ވިލިއަމް ނަގައިދިން ބޯޅަ ގޯލްގެ ތެރެއަށް ފޮނުވާލައިގެންނެވެ. ދެވަނަ ލަނޑު ނޭމާ ތަނަވަސްކޮށްދިން ފުރުޞަތެއްގައި ކާމިޔާބުކުރީ ފިރްމީނޯއެވެ. އޭނާ ލަނޑު ޖެހީ ކުޓީނިއޯގެ ބަދަލުގައި ކުޅެން ނިކުއިންތާ ކުޑަ އިރުކޮޅެއްގެ ތެރޭގައެވެ. 88 ވަނަ މިނިޓްގައި ފިރްމީނޯ ލަނޑު ޖެހީ 86 ވަނަ މިނިޓްގައި ކުޅެން ނިކުމެއެވެ.
މިރޭގެ މެޗުގައި ދެއްކި ރީނދޫ ކާޑާއެކު ދެކާޑް ހަމަވެ، ކްއާޓަރ ފައިނަލް މެޗަށް ޕައުލީނިއޯ ވަނީ ސަސްޕެންޑް ވެފައެވެ.
މީގެއިތުރުންވެސް މެޗުގައި ލަނޑު ޖަހާނެ ގިނަ ފުރުޞަތުތަކެއް ތަނަވަސްކޮށް މެކްސިކޯގެ ގޯލަށް ގިނަ ބޯޅަތަކެއް ބްރެޒިލްގެ ކުޅުންތެރިން ފޮނުވާލިއެވެ. ނަމަވެސް ގިނަ ބޯޅަތައް ކީޕަރާ ދިމާއަށް އަމާޒުވުމުން އެބޯޅަތައް މެކްސިކޯގެ ކީޕަރު ވަނީ ދިފާއުކޮށްފައެވެ.

ދެވަނަ ބުރުގައި މިހާތަނަށް ކުޅުނު ތިން މެޗަށް ބަލާއިރު އެންމެ ފަސޭހައިން ކްއާޓަރ ފައިނަލްގެ ޖާގަ ކަށަވަރުކުރީ ބްރެޒިލްއެވެ. ކްއާޓަރ ފައިނަލްގައި ބްރެޒިލް ވާދަކުރަން ޖެހޭނީ މިރޭ ބެލްޖިއަމްއާއި ޖަޕާން ވާދަކޮށް މޮޅުވާ ޓީމަކާއެވެ.