ޚަބަރު

މިނިވަން ވިޔަފާރީގެ އެއްބަސްވުމަކަށް ދާންޖެހުނީ ދިވެހިންނަށް ރަނގަޅު އަގު ހޯދައިދޭން- މިނިސްޓަރ ސަޢީދު


ޗައިނާއާ އެކު މިނިވަން ވިޔަފާރީގެ އެއްބަސްވުން އެކުލަވާލާ، އިތުރު ޤައުމުތަކާ އެކު އެކަމަށް މަޝްވަރާ ކުރަން މަޖުބޫރުވީ ރާއްޖެއިން ބޭރުކުރާ ތަކެއްޗަށް އެކަށީގެންވާ އަގު ނުލިބޭތީ ކަމަށް އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

އެކައުންޓެންޓްސް ފޯރަމް ފެށުމަށް ހޮޓަލް ޖެންގައި ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރ ސައީދު ވިދާޅުވީ، ޗައިނާއާ އެކު މިނިވަން ވިޔަފާރީގެ އެއްބަސްވުން ނުވަތަ ފްރީ ޓްރޭޑް އެގްރީމަންޓް އެކުލަވާލަން ޖެހުނީ އެ ޤައުމަކީ ބޮޑު ކޮންޒިއުމާ މާކެޓެއް އޮތް ޤައުމަކަށް ވުމުން ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ، ދޮށީގެ މަސްވެރިކަން ފުޅާ ދާއިރާއެއްގައި ކުރަނީ މަދު ޤައުމެއްގައިކަމުން ޔޫރަޕްގެ މާކެޓުތަކުން އެކަމަށް އަޅައިނުލާ ކަމަށް ވިދާޅުވިއެވެ. އެގޮތުން، ރާއްޖެއިން ބޭރުކުރާ މަސް އެ ޤައުމުތަކުން ގަންނަނީ އެހެން ޤައުމުތަކުން ބޭރުކުރާ މަހާއި އެއް އަގެއްގައި ކަމަށާއި، ދިވެހި މަސްވެރިންގެ ބުރަ މަސައްކަތްތަކަށް ހަމަ އަގު ނުލިބޭ ކަމަށެވެ. އެހެން ކަމުން ދިވެހި މަސްވެރިންނަށް ހަމަ އަގު ހޯދައި ދިނުމަށްޓަކައި، ޗައިނާއާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ޤާއިމްކުރަން މަޖުބޫރުވީކަމަށެވެ. އަދި މިކަން ފުޅާކޮށް މަސްވެރިން ކުރާ ބުރަ މަސައްކަތުގެ ހަމަ އަގު ހޯދައިދިނުމަށް އިތުރު ޤައުމުތަކާއެކުވެސް މިފަދަ އެއްބަސްވުންތަކެއް އެކުލަވާލަން މަޝްވަރާކުރަމުންދާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިިނިސްޓަރ ވިދާޅުވީ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ދަށުން، ޗައިނާއަށް އެތެރެކުރާ ވަރަށް ގިނަ ބާވަތްތަކުން ރާއްޖެއަށް ލުއި ލިބިފައިވާ ކަމަށާއި، އޭގެ ތެރޭގައި ސީފުޑްގެ 298 ބާވަތެއް ހިމެނޭ ކަމަށެވެ. އަދި އޭގެތެރެއިން 296 ބާވަތަކީ އެއްވެސް ޓެކުހެއް ނުނަގާ ޗައިނާ އަށް އެތެރެކޮށް ވިއްކުމުގެ ފުރުސަތު ލިބިފައިވާ ބާވަތްތައް ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

ރާއްޖެ އިން މިހާރު އާންމުކޮށް ބޭރު ކުރަނީ ކަނޑު މަހުގެ ބާވަތްތައް އެކަނިކަން ފާހަގަކުރައްވާ މިކަން އިތުރަށް ފުޅާކުރަންޖެހިފައިވާކަން މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން މެރިކަލްޗާ އާއި އެކުއަކަލްޗާގެ މަސައްކަތްތައް ފުޅާކޮށް ރާއްޖެއިން ބޭރުކުރެވޭ ބާވަތްތައް އިތުރުކުރަން ޖެހިފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ސަޢީދު ވިދާޅުވީި އެކައުންޓިން އާއި އޮޑިޓިން ދާއިރާ ރާއްޖޭގައި ވަރަށް ބާރަށް ކުރިއަރަމުން އަންނަ ކަމަށާއި އެހެން ކަމުން އެދާއިރާއިން ރަނގަޅު ކުރަންވީ ކަންތައްތައް ދެނެގަތުން ވަރަށް މުހިންމު ކަމަށެވެ. އެގޮތުން އެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުން އިސްނައިގެން ފޯރަމްތައް ބޭއްވުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް ވިދާޅުވި އެވެ. އަދި ރާއްޖޭގެ ބައެއް ސިނާއަތްތަތަކުގައި ބޭރު މީހުން ހަރަކާތްތެރިވުން މަނާކޮށް، ލޯކަލައިޒް ކުރުމުން އެ ސިނާއަތްތައް ވަރަށް ބޮޑަށް ކުރިއަރާފައިވާ ކަމަށާއި، ކުރިއަށް އޮތް ތަނުގައި އެކައުންޓިންގެ ދާއިރާގައި ހަރަކާތްތެރި ވަނީ ހުސް ދިވެހިންނަށް ބަދަލު ކުރެވިދާނެ ކަމަށްވެސް މިނިސްޓަރ ވިދާޅުވި އެވެ.

އެކައުންޓެންޓްސް ފޯރަމްގައި އެކައުންޓިންގ ދާއިރާގައި ހަރަކާތްތެރިވާ ގިނަ ބޭފުޅުންތަކެއް ބައިވެރިވެފައިވެއެވެ.