ޚަބަރު

ގެދޮރު ގަތުމަށް 28 މިލިޔަނަށްވުރެ ގިނަ ފައިސާ ދޫކޮށްފި


ޕެންޝަން ފައިސާއިން ގެދޮރު ގަތުމަށްޓަކައި ރަހުނު ކުރުމުގެ ސްކީމަކީ، ޕެންޝަން ފަންޑުގެ ބައިވެރިންގެ ތެރެއިން ގެދޮރުގަތުމަށްޓަކައި ރާއްޖޭގެ މާލީ މުއައްސަސާއަކުން ލޯން ހަމަޖެހިފައިވާ ފަރާތްތަކަށް ބޭނުންވާ ޑައުންޕޭމަންޓް، ޕެންޝަން ފައިސާ ރަހުނު ކޮށްގެން ދެއްކުމުގެ އިންތިޒާމް ހަމަޖައްސައިދޭ ސްކީމެކެވެ. މިސްކީމްގެ ދަށުން، ރިޓަޔަރމަންޓް ޕެންޝަން ސްކީމަށް ފައިސާ ދައްކަމުންގެންދާ ހުރިހާ ދިވެހިރައްޔިތުންނަށް ވެސް ރާއްޖޭގެ ކޮންމެ ސަރަހައްދަކުން ވެސް، ގެދޮރުގަތުމަށްޓަކައި ފައިސާ ރަހުނު ކުރުމުގެ ފުރުސަތު ލިބޭނެއެވެ.

ޕީއެސްއެމް ނިވްސްއަށް ދެއްވި ޚާއްސަ އިންޓަރވިއުއެއްގައި މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަންގެ ޗީފްއެގެޒިކްޓިވް އޮފިސަރ މުހައްމަދު ހުސައިން މަނިކު ވިދާޅުވީ ޕެންޝަން ފަންޑުން ގެދޮރުގަތުމަށް މިހާތަނަށް 180 އަށްވުރެ ގިނަ ފަރާތަށް 28 މިލިޔަނަށްވުރެ ގިނަ ފައިސާ ދޫކޮށްފައިވާކަމަށެވެ. 180 މީހުންގެ ތެރެއިން 130 މީހުންނަކީ އަތޮޅުތެރޭގެ ރައްޔިތުންގެ ތެރެއިން މާލެ އަދި ހުޅުމާލެއިން ގެދޮރު ގަންނަން ހުށަހެޅި ފަރާތްތަކެވެ. 180 މީހުންގެ ތެރެއިން 50 މީހުންނަކީ މާލޭގެ ރައްވެހިންގެ ތެރެއިން ގެދޮރުގަންނަ އެދި ހުށަހެޅި ފަރާތްތައްކަމަށް ވެސް ޕެންޝަން އޮފީހުން ބުނެއެވެ. ޕެންޝަން އޮފީހުގެ ސީއީއޯ މުހައްމަދު ހުސައިން މަނިކު ވިދާޅުވީ ރިޓަޔަރމަންޓް ސޭވިންގްސް އެކައުންޓްސްގެ މެންބަރުންގެ ގޮތުގައި މިހާތަނަށް 142888 (އެއްލައްކަ ސާޅީސްދެހާސް އަށްސަތޭކައައްޑިހަ އަށް މެންބަރުން) ހިމެނޭ ކަމަށެވެ. އޭގެ ތެރެއިން 40874 (ސާޅީސްހާސް އަށްސަތޭކަ ހަތްދިހަ ހަތަރު) މެންބަރުން ނަކީ ސަރުކާރުގެ މުވައްޒަފުންނެވެ. އަދި 56744 (ފަންސާސް ހަހާސް ހަތްސަތޭކަ ސާޅީސް ހަތަރު) މުވައްޒަފުންނަކީ އަމިއްލަކުންފުނި ފަަދަ ތަންތަނުގެ މުވައްޒަފުންގެ ގޮތުގައި ހިމެނޭ މެންބަރުންކަމަށް މުހައްމަދު ހުސައިން މަނިކު ވިދާޅުވިއެވެ.

ޕެންޝަން ފަންޑުން ގެދޮރުގަތުމަށް އެދި ހުށަހެޅި ފަރާތްތަކުގެ ތެރެއިން މާލެ އަތޮޅު ފިޔަވައި އެންމެ ގިނައިން ހުށަހަޅާފައިވަނީ އައްޑޫސިޓީންނެވެ. އެގޮތުން އައްޑޫސިޓީން ޖުމްލަ 13 ފަރާތަކުން ވަނީ ޕެންޝަންސްކީމް މެދުވެރިކޮށް ގެދޮރުގަނެފައެވެ. ދެން އެންމެ ގިނައިން ގެދޮރު ގަތުމަށް ހުށަހަޅާފައިވަނީ ރ. އަތޮޅުންނެވެ. ރ. އަތޮޅުން 10 ފަރާތަކުން ގެދޮރު ގަނެފައިވާއިރު، ގދ. އަތޮޅުގެ 7 ފަރާތަކުން ވަނީ ގެދޮރުގަނެފައެވެ. މީގެ އިތުރުން ފުވައްމުލަކުގެ 6 ފަރާތަކުން ވަނީ ޕެންޝަން ފަންޑު މެދުވެރިކޮށް ގެދޮރުގަތުމަށް ހުށަހަޅާފައެވެ. ޕެންޝަން އޮފީހުގެ ސީއީއޯ މުހައްމަދު ހުސައިން މަނިކު ވިދާޅުވީ މިހާތަނަށް އައިއިރު ޕެންޝަން ފަންޑުގެ ޖުމްލަ ބެލެންސަކީ ގާތްގަޑަކަށް 11 ބިލިޔަންރުފިޔާކަމަށެވެ. އެއީ 140 (ސަތޭކަ ސާޅީސް ހާސް) މީހުންކަމަށްވެސް ވިދާޅުވިއެވެ.

މި ސްކީމުން ގެދޮރު ގަނެވޭނެ އިންތިޒާމް މޯލްޑިވްސް އިސްލާމިކް ބޭންކާއި، ބޭންކު އޮފް މޯލްޑިވްސްގެ އިތުރުން، މޯލްޑިވްސް ކޮމާޝަލް ބޭންކު އަދި ހައުސިންގ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަނުން ވަނީ ހަމަޖައްސާފައެވެ.