ކުޅިވަރު

ޤައުމީ ޖަރޒީގައި ފަހު ބޯޅަ ލަނޑަކަށް، އެކަމަކު އިނިއެސްޓާއަށް އުފަލެއް ނެތް!


2010 ވަނަ އަހަރުގެ ވަރލްޑްކަޕް ސްޕެއިންއަށް ކާމިޔާބުކޮށްދިން މުޙިއްމު ލަނޑު ޖަހައިދިން މިޑްފީލްޑަރ އަންދްރޭ އިނިއެސްޓާ މާޔޫސްކަމާއެކު ޤައުމީ ޓީމްގެ ކެރިއަރ ނިންމާލައިފިއެވެ.

ވަރލްޑްކަޕްގެ ކުރިން ބާސެލޯނާއާ ވަކިވި، އިނިއެސްޓާ ޤައުމީ ޓީމާ ވަކިވާން ޖެހުނީ މިހާރު ކުރިއަށްދާ ވަރލްޑްކަޕްގެ ދެވަނަ ބުރުގައި މުބާރާތް ބާއްވާ ޤައުމި ރަޝިޔާ އަތުން ސަލާމަތް ނުވެވިއެވެ. މުބާރާތުގައި ވާދަކުރާ ޤައުމުތަކުގެ ތެރެއިން ރޭންކިންގއަށް ބަލާއިރުވެސް އެންމެ ފަހަތުގައި އޮތް ޤައުމު އަތުން ސްޕެއިން ބަލިވީ ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައެވެ. މެޗުގައި އިނިއެސްޓާ ކުޅެން ނިކުތީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައެވެ. އިނިއެސްޓާ ޤައުމީ ޖަރޒީގައި ޖެހި ފަހު ބޯޅައަކީ ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީއެކެވެ. އިނިއެސްޓާ ވަނީ އޭނާގެ ޕެނަލްޓީ ކާމިޔާބުކޮށްފައެވެ. ނަމަވެސް އެޕެނަލްޓީން އޭނާއަށް ލިބުނީ ވަގުތީ އުފަލެކެވެ. ޕެނަލްޓީ ޝޫޓްއައުޓްގައި ސްޕެއިން ބަލިވުމުން އިނިއެސްޓާ ކާމިޔާބުކުރި ޕެނަލްޓީގެ އުފާވެރިކަން ގެއްލި ކެރިއަރު ނިންމާލީ ހިތްދަތި ބައްޔަކުންނެވެ.

އިނިއެސްޓާގެ 12 އަހަރުވީ ޤައުމީ ޓީމްގެ ކެރިއަރުގައި ދެ ފަހަރު ޔޫރަޕްގެ ޗެމްޕިއަންކަން ހޯދިއެވެ. ނަމަވެސް ޤައުމީ ޖަރޒީ ބާލަމުން އޭނާ ބުނީ މިއީ އެންމެ ހިތާމަވެރި އެއް ދުވަސްކަމަށެވެ.

" ހަޤީޤަތަކީ މިއީ ޤައުމީ ޖަރޒީގައި އަހަރެންގެ ފަހު މެޗުކަން. އަދި އަހަރެންގެ ޤައުމީ ކެރިއަރުގައި އެންމެ ހިތާމަވެރިދުވަސްކަން " އިނިއެސްޓަ ބުންޏެވެ.

އިނިއެސްޓާގެ ކެރުއަރުގެ ބާކީ އޮތް ބައި ހޭދަކުރަން އޭނާ ނިންމާފައިވަނީ ޖަޕާނުގައެވެ.