ޚަބަރު

ސިޓީ ކައުންސިލުގެ ދަށުގައިހުރި ފްލެޓްތައް ހައުސިންގ މިނިސްޓްރީގެ ދަށަށް ބަދަލުކުރަން ނިންމައިފި


ސިނަމާލެ އާއި މާލެ ހިޔާ ފްލެޓްތައް ބެލެހެއްޓުމުގައި މާލޭ ސިޓީ ކައުންސިލުން އިހުމާލުވެފައިވާތީ އެތަންތަން ބެލެހެއްޓުން ހައުސިންގ މިނިސްޓްރީގެ ދަށަށް ބަދަލުކުރަން ރަޢީސުލްޖުމްހޫރިއްޔާ ނިންމަވައިފިއެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހައުސިންގ މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، މާލޭ ސިޓީ ކައުންސިލުގެ ބެލުމުގެ ދަށުގައި މާލެއާއި ވިލިމާލޭގައި ހުރި، ފްލެޓްތައް ހައުސިންގ މިނިސްޓްރީގެ ބެލުމުގެ ދަށަށް ބަދަލުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ނިންމަވާފައި ކަަމަށެވެ. އަދި ސަރުކާރުން އެގޮތަށް ނިންމެވީ މާލެއާއި ވިލިމާލޭގައި އިމާރާތްކޮށްފައިވާ ސޯޝަލް ހައުސިން ފުލެޓްތަށް ބެލެހެއްޓުމާއި، އެ ފުލެޓްތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ޚިދުމަށްދިނުމުގައި ސިޓީ ކައުންސިލުން އިންތިހާއަށް އިހުމާލުވެފައިވާތީ އެކަމަށް ހައްލެއް ހޯދައިދިނުމަށް އެދި ކެބިނެޓުން ރައީސުލްޖުމްހޫރިއްޔާއަށް ލަފާއެރުވުމުން ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ ސިޓީ ކައުންސިލުން އެތަންތަން ނުބެލެހެއްޓުމުގެ ސަބަބުން އެތަންތަނުގައި ދިރިއުޅުމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެފައިވާ ކަމަށެވެ. އެގޮތުން މާލެއާއި ހުޅުމާލޭގައި ހުރި ސޯޝަލް ހައުސިން ފްލެޓްތަކުގައި ހުރި ލިފްޓްތައް ބޭނުން ނުކުރޭ ވަރަށް ހަލާކުވެފައިވާކަމަށާއި، އެތަންތަނުގައި ހުރި ލައިޓްތައް މައްސަލަޖެހި، ކުނި ބުނީގެ މައްސަލަ ބޮޑުވެ ސިއްހީ ގޮތުންވެސް އެތައް މައްސަލަތަކެއް ދިމާވަމުން އަންނަކަމަށެވެ. އަދި އެތަންތަނުގައި ދިރިއުޅޭ ފަރާތްތަކަށް ރައްކާތެރި ކަން ކަށަވަރުކޮށްދިނުމަށްޓަކާ އެއްވެސް ވަރެއްގެ ސެކިއުރިޓީ ނިޒާމެއް ޤާއިމްކޮށްފައި ނެތުމުން، އެ ބިރުވެރިކަން ވެސް ހައުސިންގ ޔުނިޓްތަކުގައި ދިރިއުޅޭ ފަރާތްތަކަށް ބޮޑުވެފައިވާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މާލޭ ސިޓީ ކައުންސިލުގެ ބެލުމުގެ ދަށުގައި މާލެއާއި ވިލިމާލޭގައި ހުރި ސޯޝަލް ހައުސިން ޔުނިޓްތަކުގެ ކުލި ދެއްކުމުގެ އިންތިޒާމް ހަރުދަނާ ނިޒާމެއްގެ ދަށުން ނުބެލެހެއްޓި އެނިޒާމުވެސް ބޮއްސުންލައިގެންގޮސް ފްލެޓްތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ކުލިދެއްކުމުގައިވެސް ދަތިތަކެއް ކުރިމަތިވެފައިވާކަންވެސް މިނިސްޓަރ މުއިއްޒު ފާހަގަކުރެއްވިއެވެ. ސިނަމާލެ އަދި މާލެހިޔާގެ ފްލެޓުތަކަށް ދައްކަންޖެހޭ ކުލީގެ އިތުރުން މެއިންޓެނަންސް ފީއާއި، ކުލި ނުދެއްކުމުގެ ސަބަބުން ދައްކަންޖެހޭ ޖޫރިމަނާ ތިން މަސް ދުވަހުގެ ތެރޭގައި އެއްފަހަރާ ދެއްކުމަށާއި އެ މުއްދަތުގައި ކުލި ނުދައްކައިފި ނަމަ ފްލެޓްތައް ހުސްކުރަންޖެހޭނެކަމަށް ސިޓީ ކައުންސިލުން އިންޒާރު ދީފައިވާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. އެހެންނަމަވެސް ސިޓީ ކައުންސިލުން ފޮނުވި އިންޒާރުގެ ނޯޓިސްތައް ބާތިލުކޮށް އެ ފައިސާ ދެއްކުމަށް ރައްޔިތުންނަށް ލުއި ފަސޭހަ ގޮތްތަކެއް ހަމަޖައްސައިދޭން ސަރުކާރުން ނިންމާފައިވާ ކަންވެސް މިނިސްޓަރ މުއިއްޒު ފާހަގަކުރެއްވިއެވެ.

ގަލޮޅުގައި ހުންނަ މާލޭ ހިޔާ އަދި ސިނަމާލެ ފްލެޓުތަކަކީ މާލޭގައި އެންމެ ފުރަތަމަ ބިނާ ކުރި ފްލެޓުތަކެވެ. އަދި ވިލިމާލޭގައި ހުންނަނީ ވެސް މާލެ ހިޔާ ފްލެޓު އިމާރާތެކެވެ. މިއަދާއި ހަމަޔަށްވެސް އެތަންތަން ބެލެހެއްޓުމުގެ ޒިންމާ މާލޭ ސިޓީ ކައުންސިލުގެ ބެލުމުގެ ދަށުގައި އޮތް ނަމަަވެސް އެކަމަށް ސިޓީ ކައުންސިލުން ިއހިމާލުވެފައިވާކަން އެތަންތަނުގައި ދިރިއުޅޭ މީހުންވެސް ވަނީ ފާހަގަކޮށްފައެވެ. އެތަނުގައި ދިރިއުޅޭ ބައެއް ބައެއް މީހުން ޕީއެސްއެމްއާއި ވާހަކަދައްކަމުން ބުނީ ވާރޭ ހިޔާނުވުމާއި ފާހާނާ ހޮޅިތައް މައްސަލަ ޖެހުން ފަދަ އެތައްކަމެއް ދިމާވަމުން އަންނަތާ އެތައް ދުވަސްތަކެއް ވެފައިވާކަމަށެވެ. އަދި މި މައްސަލަތައް ސިޓީކައުންސިލަށް އެންގި ނަމަވެސް ކަންވާގޮތް ބަލާލަންވެސް އައިސްފައިނުވާކަންވެސް ބައެއް މީހުން ފާހަގަކުރިއެވެ.

ފްލެޓްތައް ހައުސިން މިނިސްޓްރީގެ ދަށަށް ބަދަލުކުރުމުގެ އިތުރުން މާލޭގައި ދިރިއުޅޭ މާލޭގެ ރައްޔިތުންނާއި ރަށްރަށުން އައިސް މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް މާލޭގެ ދަފްތަރުގައި ރަޖިސްޓަރ ކުރުމުގެ ފުރުޞަތު ހައުސިންގ މިނިސްޓްރީގެ ބެލުމުގެ ދަށުން އަލުން ހުޅުވާލުމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވާފައެވެ.