ކުޅިވަރު

މިއީ މަރު ނޫނީ ދިރުން: ރަޝިޔާ ކޯޗު


ވވަރލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި މިރޭ ސްޕޭނާ ދެކޮޅަށް ކުޅޭ މެޗަކީ މަރު ނޫނީ ދިރުން ފަދަ ކަމެއްގެ ގޮތުގައި މުބާރާތް ބާއްވާ ޤައުމު ރަޝިޔާ ކޯޗު ސިފަކޮށްފިއެވެ.
ސްޓަނިސްލާވް ޗެރްޗެސޯވް ބުނީ ސްޕޭން ޓީމަކީ ވަރަށް ވަރުގަދަ ޓީމެއް ކަމަށާއި، ނަމަވެސް 80000 ސަޕޯޓަރުންގެ ކުރިމަތީގައި ކުޅެން ޖެހުމަކީ ރަޝިޔާއަށް ލިބޭ އެޑްވާންޓޭޖެއް ކަމަށެވެ.

"މިއީ މަރު ނޫނީ ދިރުން. މިއީ ކުރިމަތިވާ ޕްރެޝަރެއްނޫން. މިއީ ކުރިމަތިވާ ޒިންމާއެއް. ދެ ޓީމަށް ވެސް މި ޒިންމާ އެބައޮތް. ބަލިވެއްޖެނަމަ އެބަޔަކު ކެޓީ. މިއީ އިމްތިހާނެއް. އަހަރުމެން 200 ޕަސެންޓް ހިތްވަރުކުރަންޖެހޭނެ،" ކޯޗު ބުންޏެވެ.

ރަޝިޔާ އާއި ސްޕޭން ވަނީ މުބާރާތުގެ ކުރިން ބައްދަލުކޮށްފައެވެ. އެ މެޗު ނިމުނީ 3-3 ން އެއްވަރުވެގެންނެވެ. ނަމަވެސް އެ މެޗުގައި ސްޕޭނަށް ކޮޗުކޮށްދިން ކޯޗު ވަނީ މުބާރާތުގެ ދެ ދުވަސް ކުރިން މަޤާމުން ވަކިކޮށްފައެވެ. އެއީ ވަރލްޑް ކަޕަށް ފަހު ރެއާލް މެޑްރިޑާ ހަވާލުވާން ނިންމުމުންނެވެ.

"އަހަންނަކަށް ނޭނގެ އެމީހުންގެ ކޯޗު އެމީހުންނާ ވަކިވީ ކީއްވެކަމެއް. އެކަމަކު އެމެޗަކީ އެކުވެރިކަމުގެ މެޗެއް. މިއީ ވާދަވެރި މެޗެއް. އަހަރެން އެ މެޗުގައި އެމީހުންގެ ވަރަށް ގިނަ ކަންކަން ދަސްކުރިން،" އާ ކޯޗަކާއެކު ސްޕޭނުގެ އުކުޅުތައް ތަފާތުވާނެ ކަމަށް އިޝާރާތް ކުރަމުން ރަޝިޔާ ކޯޗު ބުންޏެވެ.