ކުޅިވަރު

އަހަރެން ކުރާނެ ކަމެއްނެތް: މެސީ


ވަރލްޑް ކަޕް ފުޓްބޯޅަ މުބާރާތް އާޖެންޓީނާއަށް ކާމިޔާބުކޮށްދޭން އޭނާއަށް ކޮށްދެވެން އޮތް ހުރިހާ ކަމެއް ކޮށްދިން ކަމަށާއި، ނަމަވެސް ބަލިވެގެން އެނބުރި ރަށަށް ދާނެ ޖެހުމުން އޭނާ ކުރާނެ އެއްވެސް ކަމެއްނެތް ކަމަށް ކެޕްޓަން ލަޔޮނަލް މެސީ ބުނެފިއެވެ.

މުބާރާތުގެ ދެ ވަނަ ބުރުގައި ރޭ ފްރާންސް އަތުން 4-2 ން ބަލިވި މެޗަށް ފަހު މެސީ ބުނީ "އަހަންނަށް ކޮށްދެވޭނެ ހުރިހާ ކަމެއް ކުރިން. ޗެމްޕިއަނުންނަށް އަހަރުމެން ނުވީމަ ވަރަށް ދެރަވަން،" ކަމަށެވެ.

މީގެ ކުރިން ޤައުމީ ޓީމަށް ކުޅުން ހުއްޓާލާފައިވާ މެސީ އޭނާގެ ކުރިމަގާމެދު އަދި ވަކިގޮތެއް ނުނިންމަ އެވެ. އޭނާ ބުނީ އެކަން ބިނާވާނީ އާޖެންޓީނާގެ ފުޓްބޯޅައިގެ މުސްތަޤްބަލް އޮތްގޮތެއްގެ މައްޗަށް ކަމަށެވެ.

"އާޖެންޓީނާގެ ފުޓްބޯޅައިގައި ކުރަންޖެހޭ ބައިވަރު ކަންތައްތައް އެބަހުރި. އަހަރެން އެވާހަކަ ބޭރުތެރޭގައި ދައްކާކަށް ބޭނުމެއްނޫން. އެތެރޭގައި ތިބެ އެވާހަކަ ދައްކަން ބޭނުންވަނީ،" މެސީ ބުންޏެވެ.

އޭނާ ވަނީ އާޖެންޓީނާއާއެކު ކޮޕާ އެމެރިކާ ފައިނަލްގައި ތިން ފަހަރު އަދި ވަރލްޑް ކަޕް 2014ގެ ފައިނަލްގައި ކުޅެފައެވެ. މިއިން ކޮންމެ ފަހަރަކު ވެސް ތަށި ނުލިބުމުން މެސީ ވަނީ އާޖެންޓީނާގެ ފުޓްބޯޅަ ރަނގަޅު ކުރަންޖެހޭ ކަމަށް ތަކުރާރުކޮށް ފާހަގަކޮށްފައެވެ.

ފޯވަޑް ސާޖިއޯ އަގުއެރޯ ބުނީ މިއީ އޭނާގެ ޖީލުގެ ކުޅުންތެރިންނަށް ވަރލްޑް ކަޕް ކާމިޔާބު ކުރަން ލިބުނު ފަހު ފުރުސަތު ކަމަށް ދެކޭ ކަމަށެވެ.
ރޭގެ މެޗާއެކު ޤައުމީ ޓީމަށް ކުޅުން ހުއްޓާލި އެންމެ މަޝްހޫރު ކުޅުންތެރިއަކީ ކުރީގެ ކެޕްޓަން ހާވިއާ މަޝެރާނޯއެވެ.

"އަހަރެން ދެން ވާނީ ތަފާތު ސަޕޯޓަރަކަށް،" ޤައުމީ ޓީމަށް 145 މެޗު ކުޅެދީފައިވާ ކުޅުންތެރިޔާ ބުންޏެވެ.