ކުޅިވަރު

ރޮނާލްޑޯ ޤައުމީ ޓީމުގައި ދެމިހުންނާނެތަ؟


ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ޤައުމީ ޓީމުގައި ދެމިހުންނާނެތޯ އެހުމުން ވަކި ޖަވާބެއްދޭން އުޒުރުވެރިވެއްޖެއެވެ.
އުމުރުން 33 އަހަރުގެ ކުޅުންތެރިޔާ އަށް 2022 ވަނަ އަހަރު ޤަތަރުގައި ބާއްވާ ވަރލްޑް ކަޕް ކުޅޭއިރު 37 އަހަރުވާނެއެވެ. މިހެންވެ މިއީ އޭނާގެ އެންމެ ފަހުގެ ވަރލްޑް ކަޕަށް ކަމަށް ގިނަބަޔަކު ދެކެއެވެ.
ނަމަވެސް ރޭ އުރުގުއޭ އަތުން 2-1 ން ބަލިވެ، ރަޝިޔާ ވޯލްޑް ކަޕް 2018 ން ކެޓި މެޗަށް ފަހު އޭނާ ބުނީ މިއީ "ކުޅުންތެރިންންގެ ކުރިމަގާމެދު ވާހަކަ ދައްކަންވީ ވަގުތެއްނޫން،" ކަމަށެވެ.

"އަހަންނަށް ހީވަނީ މިއީ ކުޅުންތެރިންނާއި ކޯޗުންގެ ކުރިމަގާމެދު ވާހަކަދައްކަންވީ ވަގުތެއްނޫންހެން. އަހަރުމެންގެ ޓީމުގައި ވަރަށް ގިނަ ޒުވާން ކުޅުންތެރިން އެބަތިބި. އަދި މިއީ ވަރަށް އުއްމީދުތަކެއް އޮތް ކުޅުންތެރިންގެ މައްޗަށް އެކުލެވޭ ޓީމެއް. މިހެންވީމަ އަހަރުމެންގެ ޓީމު އޮންނާނީ ވަރުގަދަކޮށް،" ރޮނާލްޑޯ ބުންޏެވެ.

ޕޯޗުގަލްގެ ކޯޗު ފެނާންޑޯ ސަންޓޯސް ބުނީ އޭނާގެ ކެޕްޓަން ޓީމުގައި މަޑުކުރާނެ ކަމަށް އުއްމީދު ކުރާ ކަމަށެވެ.

"މި ޓީމަށް އޭނާ އަކީ ވަރަށް މުހިންމު ކުޅުންތެރިއެއް. ވަރަށް ގިނަ ޒުވާން ކުޅުންތެރިން އެބަތިބި. އޭނާގެ އެހީއާއެކު އެމީހުން ކުރިއަރަށް އޭނާ މަޑުކުރާނެ ކަމަށް އަހަރެން ދެކެން،" ސަންޓޯސް ބުންޏެވެ.

ރޮނާލްޑޯ ވަނީ މި ވަރލްޑް ކަޕުގައި ސްޕޭން ކޮޅަށް ހެޓްރިކް ހަދައި މޮރޮކޯ ކޮޅަށް ގޯލެއް ޖަހާފަ އެވެ. ސްޕޭން މެޗަށް ފަހު ރޮނާލްޑޯއަށް ތައުރީފް ކުރަމުން ސަންޓޯސް ބުނީ 2022 ވަނަ އަހަރުގެ ވޯލްޑް ކަޕުގައި ކުޅުނަސް ރޮނާލްޑޯ ގޯލު ޖަހާނެ ކަމަށެވެ.