ކުޅިވަރު

ކަވާނީ ރޮނަލްޑޯގެ ޕޯޗްގަލް ކަޓުވާލައިފި


ކަވާނީގެ ދެ ލަނޑުން މޮޅުވެ، ރޮނަލްޑޯގެ ޕޯޗްގަލް ވަރލްޑްކަޕުން ކަޓުވާލުމަށްފަހު އުރުގުއޭ ކްއާޓަރ ފައިނަލުން ޖާގަ ހޯދައިފިއެވެ.

ކަވާނީ މެޗުގައި ކާމިޔާބުކުރި މޮޅު ދެ ގޯލްގެ ތެރެއިން ފުރަތަމަ ގޯލް ޖެހީ 7 ވަނަ މިނިޓްގައެވެ. މިގޯލްގައި ފެނުނީ ކަވާނީއާއި ސުއަރޭޒްގެ ކޮމްބިނޭޝަނެވެ. ދެވަނަ ހާފް ފަށައިގެން 10 ވަނަ މިނިޓްގައި ތަޖުރިބާކާރު ޑިފެންޑަރ ޕެޕޭ ބޮލުން ކާމިޔާބުކުރި ލަނޑުން ޕޯޗްގަލް ނަތީޖާ ހަމަހަމަކުރިއެވެ. މިއީ މުބާރާތުގައި އުރުގުއޭ ކޮޅަށް ވަން ފުރަތަމަ ގޯލެވެ. ކަވާނީ ދެވަނަ ފަހަރަށް ލީޑް ހޯދައިދިނީ 62 ވަނަ މިނިޓްގައެވެ. މިއީ 4 މެޗުން ކަވާނީ ޖެހި 3 ވަނަ ގޯލެވެ. އުރުގުއޭގެ މިމޮޅާއެކު މެސީގެ ފަހަތުން ރޮނަލްޑޯއަށްވެސް ވަނީ މުބާރާތް ނިމިފައެވެ. ރޮނަލްޑީ މުބާރާތް ނިންމާލީ 4 މެޗުން ޖެހި 4 ގޯލާއެކުއެވެ.

މެޗުގައި ދެގޯލް ޖެހި ނަމަވެސް ކަވާނީއަށް އަނިޔާވެ، މެޗުގެ ފަހު ބައިގައި ވަނީ ބަދަލުކޮށްފައެވެ. ކްއާޓަރ ފައިނަލްގައި އުރުގުއޭ ވާދަކުރަން ޖެހޭނީ ފްރާންސާއެވެ.