ކުޅިވަރު

މެޗު ކުޅޭ ސްޓޭޑިއަމް، ރޮނާލްޑޯގެ ނަސީބެއްތަ؟


ވަރލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ދެ ވަނަ ބުރުގައި މިރޭ ޕޯޗުގަލް އާއި އުރުގުއޭ ބައްދަލު ކުރާ މެޗުގެ ހުރިހާ ސަމާލުކަމެއް ހުއްޓިފައިވާ ކުޅުންތެރިއަކީ ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯއެވެ.

މިދިޔަ ދެ އަހަރު ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމު ހޯދި ރޮނާލްޑޯ މަސައްކަތް ކުރަމުންދަނީ ރެކޯޑް އަދަދެއް ކަމަށްވާ ހަ ވަނަ ފަހަރަށް މޮޅު ކުޅުންތެރިޔާގެ މަޤާމު ހޯދުމަށެވެ.
ދެ ވަނަ ބުރާ ހަމައަށް އައިއިރު އޭނާ ވަނީ މިހާތަނަށް ހަތަރު ގޯލު ޖަހައިފައެވެ. ފުރަތަމަ މެޗުގައި ސްޕޭން ކޮޅަށް އޭނާ ހެދި ހެޓްރިކަކީ ވަރލްޑް ކަޕެއްގައި މިހާތަނަށް އެންމެ ދޮށީ ކުޅުންތެރިއަކު ހެދި ހެޓްރިކެކެވެ. ނަމަވެސް ރޮނާލްޑޯގެ ނަޒަރުގައި އެއީ މިހާތަނަށް އޭނާ ހެދި "އެންމެ މޮޅު ހެޓްރިކް" އެވެ.
މިރޭގެ މެޗަށް ނުކުންނައިރު ރޮނާލްޑޯ ވަނީ އިރާން ކޮޅަށް ޕެނަލްޓީއެއް މިސްކޮށްލާފައެވެ. މިހެންވެ އޭނާގެ ފޯމާމެދު ސުވާލުތަކެއް ވަނީ ފެންމަތިކޮށްފައެވެ.

އެކަމަކު މިރޭގެ މެޗު ކުޅޭ ފިސްޓް ސްޓޭޑިއަމަކީ ރޮނާލްޑޯގެ ނަސީބާ ގުޅިފައިވާ ދަނޑެކެވެ. މިއީ ސްޕޭން ކޮޅަށް އޭނާ ހެޓްރިކް ހެދި ދަނޑެވެ. މިހެންވެ ރޮނާލްޑޯ ހުރީ އަނެއްކާ ވެސް ލަނޑުތަކެއް ޖަހާލުމަށް ނުހަނު އުއްމީދުކޮށްގެންނެވެ. އެކަމަކު ކޯޗު ފެނާންޑޯ ސަންޓޯސް ވަނީ ރޮނާލްޑޯ އެކަނި ކުޅެން އުޅެފިނަމަ ޓީމު ބަލިވާނެ ކަމަށް ބުނެ ކުޅުންތެރިންނަށް އިންޒާރުދީފައެވެ.