ޚަބަރު

ޝަރުޢީ ދާއިރާ ކާމިޔާބު ދާއިރާއަކަށް ހެދުމަށް މަސައްކަތް ކުރުމަށް އުއްތަމަ ފަނޑިޔާރު ގޮވާލައްވައިފި


ޝަރުޢީ ދާއިރާއަކީ ކާމިޔާބު ދާއިރާއަކަށް ހެދުމަށްޓަކައި ޝަރުޢީ ދާއިރާގައި މަސައްކަތް ކުރާ ހުރިހާ ފަރާތްތައް ގުޅިގެން މަސައްކަތް ކުރުމަށް ސުޕްރީމް ކޯޓުގެ އުއްތަމަ ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ ގޮވާލައްވައިފިއެވެ.

ޝަރުޢީ ދާއިރާގެ މަސައްކަތްތައް ރަސްމީ ސިފައެއްގައި ފަށައިގަތުމަށް ކޮންމެ އަހަރަކު އެއްފަހަރު ބާއްވާ ގަޟާއީ އަހަރު އިފްތިތާޙް ކުރުމަށް ބަނޑޮސް އައިލެންޑް ރިސޯޓުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވާ ވާހަކަދައްކަވަމުން އުއްތަމަ ފަނޑިޔާރު ވިދާޅުވީ ގަޟާއީ އަހަރު އިފްތިތާޙް ކުރުމުގެ މަޤްސަދަކީ ފާއިތުވި އަހަރުގެ ތެރޭގައި ކަނޑައެޅި ލަނޑުދަނޑިތަކުގެ ތެރެއިން ޙާޞިލްވި މިންވަރު ދަނެގަތުން ކަމަށެވެ. އަދި ފެށިގެން އަންނަ އަހަރު ކަނޑައަޅާ ލަނޑުދަނޑިތަކަށް މަޝްވަރާ ކުރުމަކީވެސް ގަޟާއީ އަހަރުގެ މަޤްސަދެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އުއްތަމަ ފަނޑިޔާރު ވިދާޅުވީ ގަޟާއީ އަހަރު އިފްތިތާޙް ކުރުމަށް ބާއްވާ ޙަފުލާއަކީ ކޮންމެ އަހަރެއްގެވެސް ޝަރުޢީ ދާއިރާގެ މަސައްކަތްތައް ރަސްމީ ސިފައެއްގައި ފަށައިގަތުމަށްޓަކައި ބާއްވާ ޙަފުލާއެއް ކަމަށެވެ. ނަމަވެސް ވޭތުވެދިޔަ ދެ އަހަރު މި ޙަފުލާ ބޭއްވިފައިވަނީ ކޮންމެ އަހަރެއްގެވެސް މެދު ތެރޭގައި ކަމަށާއި އުއްމީދަކީ އަންނަ އަހަރުން ފެށިގެން ގަޟާއީ އަހަރު ކޮންމެ އަހަރެއްގެވެސް ޖެނުއަރީ މަހުގެ ތެރޭގައި ބޭއްވުން ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.
"އިދާރީ ގޮތުންނާއި އެހެނިހެން ގޮތްގޮތުން ދިމާވި ދަތިތަކެއްގެ ސަބަބުން އަޅުގަނޑުމެންނަށް މި މުނާސަބަތު ފާއިތުވެދިޔަ ދެ އަހަރުވެސް ބޭއްވިފައި ވަނީ އަހަރުގެ މެދުތެރޭގައި. ނަމަވެސް އަޅުގަނޑުގެ އުއްމީދަކީ މާތްﷲގެ އިރާދަފުޅާއިއެކު ކުރިއަށް އޮތް 2019ވަނަ އަހަރުން ފެށިގެން މި ރަސްމިއްޔާތު ކޮންމެ އަހަރެއްގެވެސް ޖެނުއަރީ މަހުގެ ތެރޭގައި ބޭއްވުން،" އުއްތަމަ ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވަނީ ވޭތުވެދިޔަ 2017ވަނަ އަހަރުގެ ތަފާސް ހިސާބުތައް ދައްކުވައިދޭ ފޮތެއް ނެރެފައެވެ. މި ފޮތް ނެރެދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޢަބްދުﷲ އަރީފެވެ. އަދި ސުޕްރީމް ކޯޓުން ވޭތުވެދިޔަ 2017ވަނަ އަހަރުގެ ތެރޭގައި ނިންމާފައިވާ ނިންމުންތަކުގެ މައްޗަށް ބިނާކޮށްވެސް ފޮތެއް ނެރެފައިވެއެވެ. މި ފޮތް ނެރެދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲ އެވެ.

މި ރަސްމިއްޔާތުގައި ހޯމް މިނިސްޓަރ އަޒްލީން އަޙްމަދާއި ދަޢުލަތުގެ ބަންޑާރަ ނާއިބު މުޙައްމަދު އަނިލް އަދި ޕްރޮސިކިއުޓަރ ޖެނެރަލް އައިޝަތު ބިސާމް ވަނީ ބައިވެރިވެވަޑައިގެންފައެވެ. އަދި ބައެއް ސުޕީރިއާ ކޯޓުތަކުގެ ފަނޑިޔާރުންނާއި ގާޒީން ބައިވެރިވަޑައިގެންނެވިއެވެ.