ޚަބަރު

ފުރިހަމަ ގޮތުގައި އަމާނާތްތައް އަދާކުރުމަށް ރައްކާތެރިވުމަށް ހުކުރު ޚުތުބާގައި ގޮވާލައިފި


ފުރިހަމަ ގޮތުގައި އަމާނާތްތައް އަދާކުރުމަށް ރައްކާތެރިވުމަށް ހުކުރު ޚުތުބާގައި ގޮވާލައިފިއެވެ.

އަދާކުރަން ޖެހޭ އަމާނާތްތަކުގެ މައްޗަށް އަލި އަޅުވާލާ މިއަދު ދެއްވި ހުކުރު ޚުތުބާގައި ބުނެފައި ވަނީ ފުރިހަމަ ގޮތުގައި އަމާނާތްތައް އަދާކުރާމީހާ ވާނީ އުޑުތަކާއި ބިންތައްފަދަ ތަނަވަސްކަންހުރި ސުވަރުގޭގައި ކަމަށާއި، އަމާނާތްތަކަށް ޚިޔާނާތްތެރިވި މީހާ ވާނީ އަބާއްޖަވެރިއަކަށް ކަމަށެވެ. އެގޮތުން އޭނާގެ ނިމުން އޮތީ ނަރަކައިގައި ކަމަށެވެ.

ހުކުރު ޚުތުބާގައި ބުނެފައިވަނީ އަމާނާތްތައް ގުޅިފައިވަނީ އިންސާނާގެ ހަޔާތުގެ އެންމެހާ ފަލްސަފާތަކުގެ މައްޗަށް ކަމަށާއި، އެހެން ކަމުން ގަދަ ކީރިތިވަންތަ އިލާހު ﷲ ސުބްޙާނަހޫ ވަތަޢާލާ އަންގަވާފައިވާ އަމަލެއް ފުރިހަމަ ކޮށްފިނަމަ، އެއީ ތިބާއަށް އަމާނާތް އަދާކުރެވުނީ ކަމަށެވެ. އެގޮތުން ކޮންމެ ވަގުތެއްގައި އަދި ކޮންމެ ތަނެއްގައިވެސް އަމާނާތް އޮންނާނެ ކަމަށާއި، ތިބާއާއި ކުރެވޭ ސުވާލުތަކަށް އޮޅުވާލުމެއް ނެތި ތެދުބަހުން ޖަވާބު ދާރީ ވުމަކީ ވެސް އަމާނާތް އަދާކުރުން ކަމަށް ޚުތުބާގައި ވަނީ ބުނެފައެވެ.

ޙުތުބާގައި ބަޔާންކޮށްފައި ވަނީ އަމާނާތްތަކުގެ ތެރޭގައި ވާޖިބުތައް އަދާކުރުމުގެ އަމާނާތާއި، މަސައްކަތްތެރިކަމުގެ އަމާނާތާއި، މަޖިލިސްތަކުގެ އަމާނާތާއި، ވެރިކަމުގެ އަމާނާތާއި، ޢިލްމުވެރިންގެ އަމާނާތާއި، ޑަކްޓަރުންގެ އަމާނާތާއި، މުދައްރިސުންގެ އަމާނާތާއި، މުއްސަނދީންގެ އަމާނާތް ފަދަ އަމާނާތްތައް ހިމެނޭ ކަމަށެވެ. އެގޮތުން އިންސާނުންނަކީ މާތްﷲ ހައްދަވާފައިވާ އެންމެ މާތް މަހްލޫޤުންނަށް ވުމުން އަމާނާތް ފުރިހަމަ ގޮތުގައި އަދާކުރުމުގެ ޤާބިލްކަން މާތްﷲ އިންސާނުންގެ ކިބައިގައި އެކި ސިފަސިފައިގާ ލައްވާފައިވާ ކަމަށް ބުނެފައި ވެއެވެ. އަދި މުޅި ކައުނު ލައްވާފައި ވަނީ އިންސާނުންގެ ޚިދުމަތުގައި ކަމަށް ޚުތުބަގައި ވަނީ ބުނެފައެވެ.

އަމާނާތް އަދާ ކުރުމުގައި ދީނީ ޢިލްމުވެރިން ބުރާވާ ގޮތުގެ މައްޗަށް އަލި އަޅުވާލާ ޚުތުބާގައި ބަޔާންކޮށްފައި ވަނީ އަމާނާތަކީ އިންސާނާގެ ނަފްސު ކަމަށާއި، އެގޮތުން މާތްﷲ ދެނެގަތުމާއިއެކު އެކަލަނގެއަށް ކިޔަމަންގަނެ، އެކަލާންގެ ޙަޟްރަތާއި ކުއްތަންވުމަށް މަސައްކަތްކުރި އަޅަކަށް ބާއްޖަވެރިކަން ހުރި ކަމަށެވެ. އަދި މާތްﷲގެ މަތިން ޣާފިލްވެ، ﷲގެ މަންހަޖާއި އެކަހެރިވެ، ﷲގެ ޚަލްޤުތަކުންނަށް ގޯނާކުރި ނަފުސަކަށް އަބާއްޖަވެރިކަން ހުރި ކަމަށް ބުނެފައި ވެއެވެ.

އަމާނާތްތަކަކީ މާތްﷲގެ ޝަރްޢީ ތަކްލީފުތައް ކަމަށާއި، އެއީ ﷲގެ ހައްޤުތަކާއި ﷲގެ އަޅުންގެ ހައްޤުތަކެއް ކަމަށް ޚުތުބާގައި ވަނީ ބުނެފައެވެ. އެގޮތުން އީމާންކަން ފުރިހަމަ ވާނީ އަމާނާތްތައް ފުރިހަމަ ކުރުމުން ކަމަށް ރާއްޖޭގެ މިސްކިތްތަކުގައި ދެއްވި ހުކު ޚުތުބާގައި ވަނީ ބުނެފައެވެ.