ކުޅިވަރު

ދެވަނަ ބުރުގައި އިންގްލެންޑް ވާދަކުރަން ޖެހޭނީ ކޮލަމްބިޔާއާ


ގްރޫޕް ސްޓޭޖްގެ ފަހު މެޗުގައި 1-0 ން ބެލްޖިއަމް އަތުން ބަލިވެ، އިންގްލެންޑަށް ދެވަނަ ބުރުގައި ކޮލަމްބިޔާއާ ވާދަކުރަން ޖެހިއްޖެއެވެ.

މެޗަށް ނިކުއިން އިރު ލަނޑުގެ ތަފާތުން ގްރޫޕްގެ ކުރީގައި އޮތް އިންގްލެންޑް ކޮޅަށް ބެލްޖިއަމްގެ ހަމައެކަނި ލަނޑު ޖެހީ މިރޭގެ މެޗުގައި ކޯޗު ފުރުޞަތު ދިން އަދުނާން ޔަނޫޒާއިއެވެ. އޭނާ ލަނޑު ޖެހީ ދެވަނަ ހާފް ފަށައިގެން މެޗުގެ 51 ވަނަ މިނިޓްގައެވެ. ދެޓީމުންވެސް ގިނަ ބަދަލުތަކަކާއެކު ނިކުއިން މެޗުގައި ދެ ޓީމަށްވެސް ލަނޑުޖަހާނެ ފުރުޞަތު ލިބުނެވެ. އޭގެ ތެރޭގައި އިންގްލެންޑްގެ ރަޝްފޯޑަށް ލިބުނު ފުރުޞަތުތައް ފާހަގަކުރެވެއެވެ. މުބާރާތުގެ މިވަގުތު ޓޮޕް ސްކޯރަރ އަދި އިންގްލެންޑްގެ ކެޕްޓަން ހެރީކޭންއަށް މެޗުގެއެއްވެސް ހިސާބެއްގައި ކޯޗު ސައުތް ގޭޓް ފުރުޞަތެއް ނުދެއެވެ. މީގެއިތުރުން ސްޓާރލިންގއާއި، ހެންޑަރސަން އަދި ލިންގާޑަށްވެް ކޯޗު ފުރުޞަތެއް ނުދެއެވެ.

ބެލްޖިއަމްއިން ވެސް ޑި ބުރޫނޭ، ލުކާކޫ އަދި ހަޒާޑަށް ފުރުޞަތެއް ނުދެއެވެ. ނަމަވެސް އަނިޔާގެ ސަބަބުން ފުރަތަމަ ދެމެޗުގައިވެސް ނުކުޅެވުނު ކެޕްޓަން ކޮމްޕެނީ ވަނީ މެޗުގެ ދެވަނަ ހާފްގައި ކުޅެން ނިކުމެފައެވެ. ގްރޫޕްގެ އެއްވަނަ ޓީމްގެ ގޮތުގައި ބެލްޖިއަމް ދެވަނަ ބުރުގައި ޖަޕާނާ ދެކޮޅަށް ނިކުންނާނީ ޖުލައި 2 ވަނަ ދުވަހުގެ ރެއެވެ. އިންގްލެންޑް ކޮލަމްބިޔާއާ ދެކޮޅަށް ނިކުންނާނީ ޖުލައި 3 ވަނަ ދުވަހުގެރެއެވެ.

އިންގްލެންޑާއި ބެލްޖިއަމް ހިމެނޭ ގްރޫޕްގައި ޓިއުނީޝިޔާ ވަނީ ފަހު މެޗުގައި 2-1 ން ޕެނަމާ ބަލިކޮށްފައެވެ. 3 ޕޮއިންޓާއެކު ޓިއުނީޝިޔާ މުބާރާތް ނިންމާލީ ގްރޫޕްގެ 3 ވަނާގައެވެ. ޕޮއިންޓެއް ނުލިބި ފުލަށް ދިޔައީ ޕެނަމާއެވެ.