ކުޅިވަރު

ޖަރުމަނު ކެޓުމަކީ ނުރައްކަލުގެ ރަނގަބީލެއް: އިނގިރޭސި ކޯޗު


ވަރލްޑް ކަޕުގެ ފުރަތަމަ ބުރުން ޖަރުމަނު ކެޓުމަކީ އެހެން ހުރިހާ ޓީމަކަށް އިވުނު ނުރައްކަލުގެ ރަނގަބީލެއް ކަމަށް އިނގިރޭސި ޓީމުގެ ކޯޗު ގެރެތް ސައުތް ގޭޓް ބުނެފިއެވެ.
އޭނާ މިހެން ބުނީ މުބާރާތުގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ބެލްޖިއަމާ ދެކޮޅަށް ކުޅެން ޖެހޭ މެޗުގެ ކުރިން ވާހަކަ ދައްކަމުންނެވެ. ބެލްޖިއަމާއި އިނގިރޭސިންވެސް މި މެޗަށް ނުކުންނައިރު ވަނީ ދެ ވަނަ ބުރު ކަށަވަރުކޮށްފައެވެ.

"އަހަރުމެން ވަނީ ޖަރމަނު މެޗުން ވަރަށް ގިނަ ކަންކަން ދަސްކޮށްފައި. މިފަދަ ނަތީޖާތަކުން އެނގެނީ އެއްވެސް ޓީމަކަށް ކަންނެތްކޮށް ތިބެފިނަމަ ރައްކާތެރިކަމެއްނެތްކަން. ޖަރުމަނު މެޗު އެކަންޏެއްނޫން. މިދިޔަ ކޮންފެޑަރޭޝަންސް ކަޕުން ވެސް ވަރަށް ގިނަ ފިލާވަޅުތައް ލިބިއްޖެ. އިޓަލީ އާއި ނެދަލޭންޑްސް ވަރލްޑް ކަޕަށް ކޮލިފައިވެސްނުވި. ޗިލީ އަކީ ދެކުނު އެމެރިކާގެ ޗެމްޕިއަން. އެމީހުން ވެސް ވަރލްޑް ކަޕުން ކެޓީ. މިފަދަ ނަތީޖާތަކުން އަހަރުމެންނަށް ސާބިތުވަމުން މިދަނީ އެއްވެސް ބަޔަކަށް ފަރުވާކުޑަކޮށްގެންނުވާނެކަން،" ސައުތުގޭޓް ބުންޏެވެ.

އޭނާ ބުނީ މުބާރާތުގެ ދެ ވަނަ ބުރުގައި ވަކި ބަޔަކާ ކުޅެން އިނގިރޭސިން ބޭނުން ނުވާ ކަމަށެވެ. ސަބަބަކީ އެފަދަ ގޮތަކަށް ކުޑަކޮށްވެސް ވިސްނަން އޭނާގެ ޓީމަށް ފުރުސަތު ނެތުން ކަމަށެވެ.

"އަހަރުމެން މޮޅެއްވެފައެއްނެތް 2006ގެ ފަހުން ނޮކްއައުޓް މެޗަކުން. އެހެންވީމަ ވަކި ބަޔަކާ ކުޅެން ނުވަތަ ވަކި ދަނޑެއްގައި ކުޅެން އަހަރުމެން ވިސްނާކަށް ނުޖެހޭ. އަހަރުމެންގެ މުޅި ޓީމުގެ ބޭނުމަކީ މެޗު ކާމިޔާބުކުރުން. މޮޅުވަމުން ދާ ދިއުމަށް ހުއްޓުން އަޔަނުދީ ކުރިއަށް ދިއުން،" ކޯޗު ބުންޏެވެ.

ވަރލްޑް ކަޕުގައި އިނގިރޭސިން ކުޅުނު ދެ މެޗު ކާމިޔާބު ކުރިއިރު މިވަގުތު ގްރޫޕުގެ ކުރީގައި ވަނީ ވެސް އެ ޓީމެވެ. އެއީ ބެލްޖިއަމާ ޕޮއިންޓްގެ ގޮތުން ހަމަހަމަވެ ފައިދާ ގޯލުގެ ތަފާތުންނެވެ. މިހެންވެ މެޗު އެއްވަރުވިޔަސް އެއްވަނަ ލިބޭނީ އިނގިރޭސިންނަށެވެ. ގްރޫޕުގެ އެއްވަނަ ލިބޭ ޓީމެއް ދެ ވަނަ ބުރުގައި ކުޅޭނީ ޖަޕާން ނުވަތަ ކޮލަމްބިއާ އާއި ސެނަގާލްކުރެ ޓީމަކާ އެވެ.