ކުޅިވަރު

ކޯޗުކަމުގައި ދެންވެސް ހުންނާނީ ލޯ: ޖަރުމަނު ފެޑަރޭޝަން


ޖަރުމަނުގެ ފުޓްބޯޅަ ޓީމުގެ ކޯޗުކަމުގައި ދެންވެސް ހުންނާނީ ކޯޗު ޖޯހިމް ލޯ ކަމަށް އެ ޤައުމުގެ ފުޓްބޯޅަ ފެޑަރޭޝަނުން ބުނެފިއެވެ.

ވަރލްޑް ކަޕުގައި ރޭ ދެކުނު ކޮރެޔާ އަތުން 2-0 ން ބަލިވެ، ދިފާއީ ޗެމްޕިއަން މުބާރާތުގެ ފުރަތަމަ ބުރުން ވަނީ ކަޓާފައެވެ. މިއީ 1938ގެ ފަހުން ޖަރުމަނު ފުރަތަމަ ބުރުން ކެޓި ފުރަތަމަ ފަހަރެވެ. މި މެޗުގެ ކުރިން ނޫސްވެރިންނާ ވާހަކަ ދައްކަމުން ޖަރުމަނުގެ ފުޓްބޯޅަ ފެޑަރޭޝަނުގެ ރައީސް ރެއިނާޑް ގްރިންޑެލް ބުނީ ކޮންމެ ގޮތަކަށް ނަތީޖާ ނުކުތަސް ކޯޗަކީ ލޯ ކަމަށެވެ.

"ވޯލްޑް ކަޕަށް ފަހު ޓީމަށް ބޮޑެތި ބަދަލުތަކެއް އަންނާނެ. ކޮންމެ ގޮތަކަށް ނަތީޖާ ނުކުތަސް ލޯ އަށްވުރެ ބޮޑަށް މި ބަދަލުތައް ގެނެވޭނެ އެހެން ކޯޗަކު ނެތް. އޭނާ ވަނީ މިދިޔަ އަހަރުގެ ކޮންފެޑަރޭޝަންސް ކަޕުގައި ޒުވާން ކުޅުންތެރިންތަކެއް ގޮވައިގެން ރަނގަޅު ކުޅުމެއް ދައްކާފައި. ރަނގަޅު ޓީމެއް ބިނާކުރެވޭނެކަން ސާބިތުކޮށްދީފައި،" ގްރިންޑެލް ބުންޏެވެ.

ޖަރުމަނު ރޭ މުބާރާތުން ކެޓި މެޗަށް ފަހު ލޯ ވަނީ އޭނާގެ ކުރިމަގާމެދު ވާހަކަ ދައްކަން ބޭނުންނޫން ކަމަށް ބުނެފައެވެ. ނަމަވެސް ވަރލްޑް ކަޕުގެ ކުރިން އޭނާ ވަނީ ޖަރުމަނުގެ ޤައުމީ ޓީމުގައި 2022ގެ ނިޔަލަށް ހުރުމަށް ކޮންޓްރެކްޓް އާކޮށްފައެވެ.

"އަހަރެން މިހުރީ ވަރަށް ހައިރާންވެފައި ދެކުނު ކޮރެޔާ އަތުން އަހަރުމެން ބަލިވެ ކެޓުމުން. އަހަރުމެން އެމީހުންނާ ދެކޮޅަށް ނަތީޖާ ނެރެންޖެހޭނެކަން އެނގުނު. އެކަމަކު ރަނގަޅަށް ނުކުޅެވުނު ސަބަބެއް މިހުރީ ނޭނގިފައި. މިއީ ވަރަށް ބޮޑު ބަލިވުމެއް،" ކޯޗު ބުންޏެވެ.

ޤައުމީ ޓީމުގެ އެސިސްޓެންޓް ކޯޗުކަމުގައި ހުރެ ލޯ ޓީމުގެ ކޯޗުކަމާ ހަވާލުވީ 2006 ވަނަ އަހަރުގެ ވޯލްޑް ކަޕަށް ފަހުއެވެ. އޭގެ ފަހުން ކުޅުނު ކޮންމެ ބޮޑު މުބާރާތެއްގައި އޭނާ ވަނީ ދަށްވެގެން ސެމީ ފައިނަލަށް ޓީމު ގެންގޮސްދީފައެވެ. އަދި 2014 ވަނަ އަހަރުގެ ދުނިޔޭގެ ޗެމްޕިއަނުންނަކީ ވެސް ޖަރުމަނެވެ.