ކުޅިވަރު

ބްރެޒިލްއާއެކު ސްވިޒަރލެންޑް ދެވަނަ ބުރަށް!


ބްރެޒިލްއާއެކު ގްރޫޕް އީން ސްވިޒަރލެންޑް ދެވަނަ ބުރުން ޖާގަ ހޯދައިފިއެވެ.

ގްރޫޕްގެ އެއްވަނަ ޓީމްގެ ގޮތުގައި ބްރެޒިލް ދެވަނަ ބުރުގެ ޖާގަ ކަށަވަރުކުރީ މިރޭ 2-0 ން ސަރބިއާގެ މައްޗަށް ކުރި ހޯދައިގެންނެވެ. މުޅި މެޗުގައިވެސް ރަނގަޅަށް ކުޅެ، ފުރުޞަތުތައް ތަނަވަސްކުރި ބްރެޒިލްގެ ފުރަތަމަ ލަނޑު 36 ވަަނަ މިނިޓްގައި ޖެހީ ޕައުލީނިއޯއެވެ. ދެވަނަ ހާފްގައި ދެވަނަ ލަނޑު ޖެހީ ޑިފެންޑަރ ތިއާގޯ ސިލްވާއެވެ. އޭނާ ލަނޑު ޖެހީ ނޭމާ ނަގައިދިން ކޯނަރު ބޮލުން ގޯލަށް ފޮނުވާލައިގެންނެވެ. މެޗުގައި ލަނޑު ޖަހާނެ ގިނަ ފުރުޞަތުތަކެއް ނޭމާއަށް ލިބުނު ނަމަވެސް ބޭނުމެއް ނުކުރެވުނެވެ. ސަރބިއާއިންވެސް ލަނޑު ޖަހަން ފުރުޞަތު ތަނަވަސްކުރިއެވެ.

މިނަތީޖާއާއެކު ބްރެޒިލްއަށް ގްރޫޕްގެ އެއްވަނަ ލިބުނީ ދެ މެޗުން މޮޅުވެ، އެއް މެޗުން އެއްވަރުކޮށް 7 ޕޮއިންޓާއެކުއެވެ. ބްރެޒުލްއާއެކު ދެވަނަ ޓީމްގެ ގޮތުގައި ދެވަނަ ބުރުން ޖާގަ ހޯދީ ސްވިޒަރލެންޑެވެ. މިރޭ ކޮސްޓަރިކާއާ އެއްވަރުކޮށް ސްވިޒަރލެންޑް ވަނީ 5 ޕޮއިންޓް ހަމަކޮށްފައެވެ. ތިންވަނައަށް ދިޔަ ސަރބިއާއަށް ލިބުނީ 3 ޕޮއިންޓެވެ. ކޮސްޓަރިކާއާއި ސްވިޒަރލެންޑް ވާދަކުރި މެޗު އެއްވަރުވީ 2-2 ނެވެ.

މެޗުގައި ފުރަތަމަ ލަނޑު ޖަހާ ސްވިޒަރލެންޑަށް ކުރި ހޯދައިދިނީ ޒަމެއިލީއެވެ. 31 ވަނަ މިނިޓްގައި އޭނާ ޖެހި ލަނޑުން ފުރަތަމަ ހާފްގައި ސްވިޒަރލެންޑަށް ކުރި ލިބުނު ނަމަވެސް، ދެވަނަ ހާފްގައި 56 ވަނަ މިނިޓްގައި ވެސްޓަން ލަނޑު ޖަހާ ކޮސްޓަރިކާއަށް ނަތީޖާ ހަމަހަމަކޮށްދިނެވެ. ސްވިޒަލެންޑުން ދެވަނަ ފަހަރަށް ކުރި ހޯދީ މެޗު ނިމެން މިނިޓަކަށް ވެފައިވަނިކޮށް ޑަރމިޗް ކާމިޔާބުކުރި ލަނޑުންވެ. ސްވިޒަރލެންޑް މޮޅުވާން ދަނިކޮށް، ކޮސްޓަރިކާއިން ނަތީޖާ ހަމަހަމަކުރީ މެޗުގެ އިތުރު ވަގުތުގައި ސްވިޒަރލެންޑްގެ ސޮމާ އަތުން ބައިކޮޅަށް ވަން ލަނޑުންނެވެ.

މިނަތީޖާއާއެކު ދެވަނަ ބުރުގައި ބްރެޒިލް ވާދަކުރަން ޖެހޭނީ މެކްސިކޯއާއެވެ. އަދި ސްވިޒަލެންޑް ވާދަކުރަން ޖެހޭނީ ސްވިޑުންއާއެވެ.